ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ނީވާ ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވެވި ޙަފްލާގައި ރައީސް ވިދާޅުވީ ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ ގުޅުމާއި، ވުނަކުރުމާއި ތަރައްޤީގެ ބައިވެރިވުން ފުޅާކުރުމަށް ފުރުޞަތުތަކެއް ފަހިވަމުންދާ ކަމަށެވެ.
މި ޙަފްލާގައި ރައީސް ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާއާއެކު ރާއްޖެއިން ގާތްގުޅުމެއް ބާއްވަމުން ގެންދަވާ ކަމަށެވެ. އެއީ ޒަމާންވީ ގާތް ރަޙްމަތްތެރި، އަޚުވަންތަ ގުޅުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ދެ ޤައުމުގެ އަސާސަކީ އެއް ޢަޤީދާއަކާއި، އެއްގޮތް އުޞޫލުތަކެއްގެ އިތުރުން، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި އިސްލާމީ ވަރުގަދަ އުޚުއްވަތްތެރިކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެ ޤައުމަކީ ރާއްޖެއަށް ދީލަތި އެހީތައް ދެއްވާ ޤައުމެއް ކަމަށާއި، ޚާއްޞަކޮށް 2004 ގެ ސުނާމީއާ ގުޅިގެން ދެއްވި އެހީތެރިކަމާއެކު ވެސް މެދުނުކެނޑި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދާއި ވަލީއަޙުދު އަމީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދުގެ ސިޔާދަތުގެ ދަށުން ސަޢޫދީ ޢަރަބިއްޔާއަށް ހެޔޮ ބަދަލު އަންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިޤްތިޞާދު ސިންދަފާތުކުރުމާއި، އީޖާދީ މަސައްކަތްތަކާއި، ޢުމްރާނީ ތަރައްޤީއާއި، ދެމެހެއްޓެނިވި ތަރައްޤީގެ ރޮނގުން ސަޢޫދީ ހޯދަމުން އަންނަ ކާމިޔާބީތައް ފާހަގަކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމާއި، ޢުމްރާނީ ތަރައްޤީއާއި، ބޯހިޔާވަހިކަމާއި، ޞިއްޙީ ދާއިރާއާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތައިގެ އިތުރުން ދަތުރުފަތުރުގެ ދާއިރާއިން ސަޢޫދީގެ ވުނަކުރުމާއި ތަރައްޤީގެ ބައިވެރިވުން ރާއްޖޭގައި ފުޅާކުރުމަށް ފުރުޞަތުތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގައި ވުނަކުރުމުގެ މާޙައުލު އިތުރަށް ފަހިކޮށްދެއްވައި، ރާއްޖޭގެ އިޤްތިޞާދަށް ގެންނަވާ ހެޔޮ ބަދަލުތަކުގައި ސަޢޫދީގެ ވިޔަފާރިވެރިންނާއި ވުނޭރުންނަށް ފުޅާ ދާއިރާއެއްގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ދެ ޤައުމުގެ ގުޅުމުގެތެރެއިން ޙާޞިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއްގެ ގޮތުން، 'ޗާޓަރ އޮފް ދަ މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް' ގައި ސޮއިކުރެވިފައިވާކަމަށާއި، އެކްސްޕޯ 2030 ރިޔާޟްގައި ރާއްޖެއިން ބައިވެރިވުމަކީ ފަތުރުވެރިކަމާއި، ވުނަކުރުމާއި، އީޖާދީ މަސައްކަތްތަކުގެ އިތުރުން ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާނެ ފުރުޞަތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން އޮތީ ތައްޔާރަށް ކަމަށެވެ. މީގެ އިތުރުން، ޞުލްޙައާއި، ހަމަޖެހުމާއި، ތަނަވަސްކަން ޤާއިމުކުރުމާއި، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ޤައުމު ގުޅިގެން މެދުނުކެނޑި މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރޭގެ ހަފްލާގައި ސަފީރު ޔަޙްޔާ ޙަސަން އަލް-ޤަޙްޠާނީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މި ޙަފްލާގައި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ޒަމާންވީ ރަޙްމަތްތެރިކަމާއި ގުޅުން ދައްކުވައިދޭ ވީޑިއޯއެއްގެ އިތުރުން، ސަޢޫދީގެ ތަރައްޤީއާއި މުސްތަޤުބަލުގެ ތަޞައްވުރު ދައްކުވައިދޭ ވީޑިއޯތަކެއްވެސް ދައްކާފައިވެއެވެ.
Gallery




















