ދިވެހި|English Oct 7, 2026 · 04:25
Top banner
Advertisement
އަންނަން އޮތްޖީލުތައް ބައްޓަން ކުރުމުގައި މުދައްރިސުންގެ ދައުރު ބޮޑު: ރައީސް
News

އަންނަން އޮތްޖީލުތައް ބައްޓަން ކުރުމުގައި މުދައްރިސުންގެ ދައުރު ބޮޑު: ރައީސް

ހިރި ނިއުސްހިރި ނިއުސްOct 5, 2026

މުސްތަގުބަލުގެ ޖީލުތައް ބައްޓަންކުރުމާއި، މުޖުތަމަޢު ބަދަހިކުރުމާއި، ޤައުމު ބިނާކުރުމުގައި، މުދައްރިސުން އަދާކުރައްވަނީ މުހިންމު ދައުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ރަސްމީ 'އެކްސް' އެކައުންޓު މެދުވެރި ކުރައްވައި ދެއްވި މެސެޖެއްގައި، ރައީސް ވިދާޅުވީ ޒުވާން ޖީލުތައް ތަރުބިއްޔަތުކުރުމުގައި މުދައްރިސުން ފޯރުކޮށްދެއްވާ ޢިލްމާއި، ދެއްވާ އިރުޝާދާއި އަދި ކުރައްވާ އިޚްލާޞްތެރި މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ދަރިވަރުން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަށާއި، މުޖުތަމަޢުގެ ތަރައްޤީއަށް ޚިދުމަތްކުރުމުގައި، މުދައްރިސުންގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އެފަރާތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެއްވަންޖެހޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މުދައްރިސުންގެ ޢާންމު ޙާލަތާއި ދުޅަހެޔޮކަމަށް އިސްކަންދިނުމާއި، މަސައްކަތުގެ ބުރަ ލުއިކޮށްދިނުމާއި، މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމާއި، ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ދަރިވަރެއްގެ ކިބައިގައިވާ ހުނަރާއި ޤާބިލުކަން އެންމެ ފުރިހަމައަށް ތަރައްޤީކޮށްދިނުމަށް، މުދައްރިސުންނަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައި، ކިޔަވައިދިނުމުގެ ދާއިރާގެ އަގުވަޒަންކޮށް މުދައްރިސުންގެ ކުރިއެރުމަށް ވުނަކުރުމަކީ މުހިންމުކަމެއް ކަމަށެވެ.

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ 'އެކްސް' މެދުވެރިކުރައްވައި މުދައްރިސުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

Related News