މިމަސައްކަތް ފަށައިފައިވަނީ "ޖަނަވާރުންގެ ސިއްހަތާ ގުޅުންހުރި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމާއި، އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުން" މި މައުޟޫއުގައި ބޭއްވި މަސައްކަތު ބައްދަލުވުމުގެ ތެރެއިންނެވެ.
މިއީ ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޖަނަވާރުންގެ ސިއްހީ ނުރައްކާތަކަށް ރާއްޖެއިން ތައްޔާރުވެފައިވާ މިންވަރު ހަރުދަނާކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މީގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބައެއް ޖަމިއްޔާތަކުން ޖުމްލަ 24 މީހަކު ބައިވެރިވިއެވެ.
މިއީ އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފް.އޭ.އޯ) އާއި ޕެންޑެމިކް ފަންޑުގެ އެހީތެރިކަމާއެކު ބޭއްވި މަސައްކަތު ބައްދަލުވުމެއް ކަމަށް ވެސް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީން ވިދާޅުވެފައިވއެވެ. މީގެ މައިގަނޑު މަގްސަދަކީ ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ އިލްމު މުއްސަނދިކުރުމާއި، ގައުމީ ފެންވަރުގައި މިފަދަ ކަންކަމަށް ތައްޔާރުވުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމެވެ.
މި ބައްދަލުވުމުގައި "ވަން ހެލްތު" އުސޫލު ކުރިއެރުވުމަށް ބާރުއަޅާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިގޮތުން ޖަނަވާރުންގެ ސިއްހަތާއި، އިންސާނުންގެ ސިއްހަތާއި، ތިމާވެށި އަދި ކާރިސާތަކާ ބެހޭ ދާއިރާތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކޮށްފައި ވެއެވެ.





