ދިވެހި|English Oct 12, 2026 · 13:02
Top banner
Advertisement
"އަހާ" ފޯރަމްގެ ބައްދަލުވުމެއް ރޭ ބާއްވައިފި
News

"އަހާ" ފޯރަމްގެ ބައްދަލުވުމެއް ރޭ ބާއްވައިފި

ހިރި ނިއުސްހިރި ނިއުސްOct 12, 2026

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ސީދާ ޖަވާބުދެއްވައި، ސަރުކާރުގެ ސިޔާސަތުތަކާއި އަދާހަމަ ހިއްސާކުރެއްވުމަށް، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެން ކުރިއަށްގެންދަވާ "އަހާ" ފޯރަމްގެ 9 ވަނަ ބައްދަލުވުން ރޭ ސަލްޓަން ޕާރކް އިވެންޓް އޭރިއާގައި ބާއްވަވައިފިއެވެ.

މިއީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް އާންމުންނާ ހަމައަށް ގެނެސްދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގުޅިގެން ގެނެސްދޭ ފޯރަމެކެވެ.

"އަހާ" ފޯރަމްގެ 9 ވަނަ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އަދި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުއެވެ.

މި ފޯރަމްގެ މައިގަނޑު ބޭނުމަކީ، ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކުގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ސާފުކުރާނެ ފަހި ފުރުޞަތު ތަނަވަސްކޮށްދިނުމާއެކު، އެ ތަންތަނުގެ އެންމެ އިސްވެރިންނާ ސުވާލުކޮށް، ރައްޔިތުންގެ ހުރި ޝަކުވާތަކަށް ސީދާ ޖަވާބު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ.

ދެ ގަޑިއެއްހާއިރަށް ލައިވް ޕްރޮގްރާމެއްގެ ގޮތުގައި ގެނެސްދޭ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލުމުގެ އިތުރުން، ފޯރަމް ކުރިއަށްދާ ތަނަށް ހާޒިރުވެގެން ސުވާލުކުރުމާއި، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވާލައެވެ. މިގޮތުން، މިރޭގެ ބައްދަލުވުމުގައިވެސް، މިވަގުތު ހުރި ކަންބޮޑުވުންތަކާއި އެނޫންވެސް އެކި ދާއިރާތަކުން އާންމުން ވަނީ ގިނަ ސުވާލުތަކެއް ވަޒީރުންނަށް ހުށައަޅާފައެވެ. އަދި ރައްޔިތުންގެ ސުވާލުތަކަށް، ވަޒީރުން ވަނީ ތަފްސީލީ ގޮތެއްގައި އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، "އަހާ" ފޯރަމް ތަޢާރަފުކުރެއްވީ 2024 ވަނަ އަހަރުއެވެ. އޭގެ ފަހުން މި ސިލްސިލާގެ ގިނަ ބައްދަލުވުންތަކެއް ކާމިޔާބުކަމާއެކު ވަނީ ކުރިއަށްގެންދަވާފައެވެ.

"އަހާ" ފޯރަމަކީ ވަޒީރުންގެ ފެންވަރުގައި ކުރިއަށްގެންދެވޭ ޕްރޮގްރާމަކަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާ ސީދާ ބައްދަލުކޮށް، ސުވާލު ދެންނެވުމަށާއި، ޚިޔާލު ފާޅުކުރުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުން "ރައްޔިތުންގެ އަޑު" ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއްވެސް ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދަވައެވެ.

Related News