އަންދަލުސް ނުވަތަ އައިބީރިއަން ޕެނިންސިއުލަރ މުސްލިމުންގެ އަތުން ބީވެގެން ދިޔައީ ކަނޑިއާއި، ބަޑި ނެތިގެނެއް ނޫނެވެ. އަދި، އަންދަލުސްއަށްޓަކާ ހަނގުރާމަކުރާނެ މުޖާހިދުން ނެތިގެނެއްވެސް ނޫނެވެ. އަންދަލުސް މުސްލިމުންނަށް ގެއްލުނީ އިސްލާމީ އުއްމަތަށް ކުރިމަތިވި ނުރައްކާތެރި ތިން ވަބާއަކުންކަން އެނގޭ ހެއްޔެވެ؟ އަދި މިއަދުވެސް އެ ތިން ވަބާގެ ވިހަ އަހުރެމެންގެ ނާރުތަކުގައި ދައުރުވެއެވެ.
އަހުރެމެންނަށް އެންމެ ބޮޑަށް ހީވެފައި އޮންނަނީ އަންދަލުސް އަހުރެމެންގެ އަތުން ފޭރިގަތީ ނަޞާރާއިން ކަމަށެވެ. އެކަމަކު ތާރީޚުގެ ސަފުޙާތަކުން ދައްކާ ގޮތުގައި އަންދަލުސް މުސްލިމުންގެ އަތުން ބީވެގެން ދިޔައީ ބޭރުގެ ނުފޫޒަށްވުރެ ބޮޑަށް، އެތެރޭގެ ނުފޫޒާއި، ބައިބައިވުންތަކުގެ ސަބަބުންނެވެ. 1492 ވަނަ އަހަރު، ޣަރުނާޠާ ވެއްޓުނު ކަމުގައިވީ ނަމަވެސް، އެ ވެއްޓުމުގެ ބިންގާ އެޅިފައިވަނީ އޭގެ ތިންސަތޭކަ އަހަރު ކުރިންނެވެ.
އަންދަލުސްއަށް ކުރިމަތިވި ފުރަތަމަ ވަބާއަކީ ބައިބައިވުމާއި، ކުދިކުދި، ވަކިވަކި ދައުލަތްތަކުގެ ވަބާއެވެ. އަންދަލުސް އޭގެ އެންމެ އުސްކުންނުގައި އޮތްއިރު އެއީ އެއް ބިމެކެވެ. މުޅި އައިބީރިއަން ޕެނިންސިއުލާއެވެ. އާދެ، މިހާރުގެ ސްޕޭނާއި، ޕޯޗްގަލް އެއްކޮށެވެ. ޢަބުދުއްރަޙުމާން އައް ދާޚިލުން ފެށިގެން ޢަބުދުއްރަޙުމާން އައް ނާޞިރާއި ހަމައަށް އަންދަލުސްއަކީ މަރުކަޒީ ބާރެކެވެ. ޤުރުޠުބާއަކީ އެވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ސަހަރެވެ. ހަތަރު ލައްކަ ފޮތް ހިމެނޭ ކުތުބުޚާނާއެއް އެ ސަހަރުގައި ހުއްޓެވެ. އެކަމަކު، އެގާރަވަނަ ޤަރުނުގައި މެދުތެރޭގެ އަންދަލުސްގެ މަރުކަޒީ އިސްލާމީ ޚިލާފަތް ބަލިކަށިވެ، ބާވީހަށްވުރެ ގިނަ ވަކިވަކި ދައުލަތްތަކަކަށް އަންދަލުސް ބައިބައިވެގެން ދިޔައެވެ. ތާރީޚުގައި އެ ދައުލަތްތަކަށް ކިޔަނީ "މަމްލޫކު އައް ޠަވާއިފު" އެވެ.
އެއަށްފަހު، އެ ކުދިކުދި ދައުލަތްތަކުގެ ރަސްރަސްކަލުން އެކަކު އަނެކަކާ ދުޝްމަނު ވެގެން ދިޔައެވެ. އިޝްބީލިއާ ނުވަތަ ސެވިލްގެ ރަސްގެފާނު ޤުރުޠުބާއަށް ހަމަލާދޭނެ ކަމަށާއި، ޤުރުޠުބާގެ ރަސްގެފާނު ޣަރުނާޠާއަށް ހަމަލާދޭނެ ކަމުގެ އިންޒާރުދީ ހެދިއެވެ. ކޮންމެ ރަސްކަލަކުވެސް، އެމީހެއްގެ ތަޚުތު ސަލާމަތް ކުރުމަށްޓަކައި ނަސްރާނީ ރަސްރަސްކަލުންގެ އެހީތެރިކަމަށް އެދެން ފެށިއެވެ. ނަސްރާނީ ރަސްރަސްކަލުންނަށް ހަދިޔާބަދިޔާ ފޮނުވައި، ޝުކުރުއަދާކޮށް، އެމީހުންގެ ލަޝްކަރުތަކާ ގުޅިގެން ތިމާމެންގެ މުސްލިމް އަޚުންނާ ދެކޮޅަށް ހަނގުރާމަ ކުރިއެވެ. މަދު ބަޔަކަށް އެނގޭ ޙަޤީޤަތަކީ އަންދަލުސްގެ މުސްލިމުންގެ އެންމެ ބޮޑު އެއް މަރުކަޒު ކަމަށްވާ ޠުލެއިޠުލާ ނުވަތަ ޓޮލެޑޯ ސަހަރު ނަސްރާނީންނަށް ހިފުނީ އެމީހުންގެ ބާރުގަދަ ކަމަކުން ނޫނެވެ. އަދި ކިއެއްތަ، އިޝްބީލިއާގެ މުސްލިމް ރަސްގެފާނު އަލް މުޢުތަމިދު އިބްނި ޢައްބާސް، ނަސްރާނީ ރަސްގެފާނު އަލްފޮންސޯއަށް އެހީތެރިވުމުގެ ސަބަބުންނެވެ.
ޚުދު އަންދަލުސްގެ ނަސްރާނީ ތާރީޚު ޢިލްމުވެރިންވެސް ލިޔެފައިވާ ގޮތުގައި އަންދަލުސްގެ ވަކިވަކި ރަސްރަސްކަލުން އެއްބައިވެ އެއްބައިވަންތަވި ނަމަ، ދުވަހަކުވެސް ނަޞާރާއިންނަށް މުސްލިމުންގެ އަތުން އަންދަލުސް އަތުނުލެވުނީހެވެ. އެކަމަކު ކޮންމެ ރަސްކަލަކުވެސް ހީކުރީ އޭނާގެ ކުޑަކުޑަ ދައުލަތަކީ މުޅި އަންދަލުސް ކަމުގައެވެ. މިއަދުވެސް އިސްލާމީ ޤައުމުތަކުން ޢަމަލުކުރަނީ ހަމަ އެފަދައިންނެވެ. ދީނާއި، ޤައުމާއި، މަޒުހަބާއި، ސިޔާސީ ފިކުރާއި، ވަކިވަކި ޖަމާޢަތްތަކުގެ ނަމުގައި އަހުރެމެން މިތިބީ ބައިބައިވެފައެވެ. ކޮންމެ މީހަކުވެސް ދެކެނީ އޭނާ ނަމާދުކުރާ މިސްކިތާއި، އޭނާ ނިސްބަތްވާ ކުޑަކުޑަ ޖަމާޢަތަކީ އަސްލު އިސްލާމްދީން ކަމުގައެވެ.
އަންދަލުސްއަށް ކުރިމަތިވި ދެވަނަ ވަބާއަކީ ދުނިޔޭގެ އުފަލާއި، އަރާމަށް ހެއްލުމާއި، ޢިލްމާއި ދުރުހެލިވުމެވެ. ފެށުމުގައި އަންދަލުސްއަކީ ޢިލްމުގެ މަރުކަޒެކެވެ. އިބްނު ރުޝްދު، އިބްނު ހަޒަމް، ޢައްބާސް އިބުނު ފިރުނާސް، އިބުނު ޢަރަބީ، މަސްލަމާ އަލް މަޖުރީޘީ އަދި ޒަހުރާވީ ފަދަ ބޮޑެތި ޢިލްމުވެރިން އެތަނުން އުފަންވިއެވެ. އެކަމަކު 12 ވަނަ ޤަރުނަށް ފަހު އެތަނުގެ ގަނޑުވަރުތައް ބަދަލުވިއެވެ. ގަނޑުވަރުތަކުގައި ޢިލްމާއި، ފޮތްތަކުގެ ބަދަލުގައި އޮތީ މިއުޒިކާއި ނެށުމެވެ. ރަސްރަސްކަލުންގެ ގާތުގައި ތިބި އިލްމުވެރިން ބޭރުކޮށް، އެމީހުންގެ ބަދަލުގައި ޅެންވެރިންނާއި، ތިމާމެންނަށް ހުޝާމަދުކޮށްދޭނޭ މީހުން ޖަމާކުރިއެވެ.
ޣަރުނާޠާގެ ފަހުގެ ފަންސާސް އަހަރުގެ ތާރީޚު ކިޔައިފިނަމަ މީހަކު ހައިރާންވާނެއެވެ. އެއްފަރާތުން ނަސްރާނީ ރަސްގެފާނު ފަރޑިނަންޑާއި، ރާނީ އިޒަބެލް ދިޔައީ ލަޝްކަރުތައް ތައްޔާރުކޮށް، ހަތިޔާރުތައް ޖަމާކޮށް، ޖާސޫސުން ފޮނުވަމުންނެވެ. އަނެއްކޮޅުން ކޮންމެ ރެއަކު، ޣަރުނާޠާގެ އަލްހަމްބްރާ ގަނޑުވަރުގައި ޕާޓީތައް އޮތެވެ. އަންދަލުސްގެ ޖާސޫސަކު އޭނާގެ ރަސްގެފާނަށް ލިޔުނު ސިޓީއެއްގައި ބުނެފައިވެއެވެ. "ޣަރުނާޠާގެ ރަސްގެފާނަށް އޭނާގެ ލަޝްކަރުގައި އޮތީ ކިތައް އަސްކަމެއް ނޭނގޭނެއެވެ. އެކަމަކު އޭނާގެ ގަނޑުވަރުގައި ތިބީ ކިތައް ކަނީޒުންކަން އޭނާއަށް ރަނގަޅަށް އެނގޭނެއެވެ."
މަދު ބަޔަކަށް އެނގޭ އަނެއް ޙަޤީޤަތަކީ ނަސާރާއިން ޣަރުނާޠާ ޙިޞާރުކޮށްގެން ތިބި ދުވަސްވަރު، އެ ސަހަރުން ކާބޯތަކެތި ހުސްވެ މުޖާހިދުންނާއި، ރައްޔިތުން ބަނޑަށް ޖެހުނެވެ. އެކަމަކު، ޝާހީ ޚަޒާނާގައި ތިން އަހަރު ދުވަހުގެ މުއްދަތަށް މުޖާހިދުންނާއި، ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދެވޭ ވަރަށް ޚާލިޞް ރަން ހުއްޓެވެ. އެކަމަކު، ރަސްގެފާނު އެ ރަންތައް ބޭނުންކުރީ އޭނާގެ އަނބިންގެ ގަހަނާއަށާއި، ގަނޑުވަރު ޒީނަތްތެރި ކުރުމަށްޓަކައެވެ. ޣަރުނާޠާ ހިމާޔަތް ކުރުމަށް އެ ތަކެތި ބޭނުންކުރުމަށް އޭނާ ދެކޮޅު ހެދިއެވެ. އާޚިރުގައި އެ ހުރިހާ މުދަލެއް ޣަނީމާ ކުރީ ނަޞާރާއިންނެވެ.
މިއަދުވެސް އިސްލާމީ ޤައުމުތަކުން ކަންތައްތައް އެކުރަނީ ހަމަ އެފަދައިންނެވެ. އަހުރެމެންގެ އަތުގައި ހުރިހާ ވަސީލަތްތަކެއް ހުރެމެ، އަހުރެމެން ބަލަހައްޓައިގެން ތިއްބާ އިޒުރޭލުން އެދަނީ ފަލަސްޠީނާއި، ލުބުނާނާއި، ސީރިއާގެ އަޚުންނާއި، އުޚުތުން ކަތިލަމުންނެވެ. އަހުރެމެން މިއުޒިކާއި، ލަވަޔަށް މިލިއަނުން ޚަރަދު ކުރާއިރު، އިސްލާމީ އުއްމަތުގެ އެއްބަޔަކު އެދަނީ ބަނޑަށް މަރުވަމުންނެވެ. އެމީހުންނަށް އެހީގެ އަތެއް ދިއްކުރުން އަހުރެމެންނަށް ވެފައިވަނީ ބޮޑު ބުރައަކަށެވެ. އަހުރެމެން މިވަނީ އިސްލާމްދީނުގެ އުސޫލުތަކާއި، ޢިލްމުވެރިކަން ދޫކޮށްލާފައި، ދެއްކުންތެރިކަމާއި، މާއްދިއްޔަތުގެ ތެރެއަށް ޣަރަޤުވެފައެވެ.
އަންދަލުސްއަށް ކުރިމަތިވި ތިންވަނަ ވަބާއަކީ ދުޝްމަނުންނަކީ އެކުވެރިން ކަމުގައި ދެކި، މުޢާހަދާތަކާއި، އެއްބަސްވުންތަކަށް ލޯމަރާލައިގެން އީމާންވުމެވެ. އަންދަލުސްގެ މުސްލިމުންނަށް ހެދުނު އެންމެ ބޮޑު ގޯހަކީ ނަޞްރާނީ ރަސްރަސްކަލުންގެ މުޢާހަދާތަކާއި، އެއްބަސްވުންތަކަށް ލޯމަރާލައިގެން އީމާންވުމެވެ. ޣަރުނާޠާގެ އެންމެ ފަހުގެ މުޢާހަދާގައި ބުނެފައިވަނީ މުސްލިމުންނަށް ދީނީ މިނިވަންކަމާއި، މިސްކިތްތަކަށް ޙިމާޔަތާއި، ރައްކާތެރިކަން ލިބިގެންވާ ކަމާއި، މުސްލިމުންނަށް ޢަރަބި ބަހުން ވާހަކަ ދެއްކުމުގެ މިނިވަންކަން ލިބިގެންވާ ކަމަށެވެ. ޣަރުނާޠާގެ އެންމެފަހުގެ ރަސްގެފާނު އަބޫ ޢަބްދު الله އެ މުޢާހަދާއަށް ހެއްލި، ޣަރުނާޠާގެ ތަޅުދަނޑި ނަޞާރާއިންނާއި ޙަވާލުކުރިއެވެ. އެކަމަކު އެއްބަސްވުމަށް ހަތް އަހަރު ނުފުރެނީސް ހުރިހާ މިސްކިތްތަކެއް ފައްޅިތަކަށް ބަދަލުކުރެވުނެވެ. މުސްލިމުންނަށް ޢަރަބި ބަހުން ވާހަކަ ދެއްކުން މަނާ ކުރެވުނެވެ. މުސްލިމުންގެ ހުރިހާ ފޮތްތަކެއް އެއްކޮށް ބާބުއް ރަމްލާ މައިދާނަށް ޖަމާކޮށް މުސްލިމުންގެ ކުރިމަތީގައި އަންދާލިއެވެ. މިލިއަނަކަށް ވުރެ ގިނަ ފޮތްތައް އެދުވަހު އަންދާލާފައިވާ ކަމަށް ބުނެވެއެވެ. އޭގެ ތެރޭގައި، ބޭސްވެރިކަމާއި، ފަލަކީ ޢިލްމާއި، ފަލްސަފާގެ ޢިލްމުގެ އެތައްހާސް ފޮތްތަކެއް ހިމެނެއެވެ.
ހަމައެފަދައިން، އޭގެ ކުރިންވެސް ކުދިކުދި އެތައް އެއްބަސްވުންތަކެއް ހެދިފައިވެއެވެ. އިޝްބީލިއާގެ ރަސްގެފާނު، ނަޞާރާއިންނާ އެކު އެއްބަސްވުމެއް ޤާއިމުކޮށް، ޤުރުޠުބާ ފަތަޙަކުރަން އެހީތެރިވެދީފިނަމަ ކޮންމެ އަހަރަކު ޖިޒީދޭނެކަމަށް އެއްބަސްވިއެވެ. އެކަމަކު، ނަޞާރާއިން ޤުރުޠުބާ ހިފުމަށްފަހު ޖެހިގެން އައި އަހަރު އެ ސަހަރު އެއްކޮށް ސުންނާފަތިކޮށްލިއެވެ. އަހުރެމެން ކޮންމެ ފަހަރަކުވެސް ދުޝްމަނުންގެ މަކަރުވެރި، ކެހިވެރި ރޭވުންތަކާ މެދު ދެކެނީ އެއީ އެމީހުންގެ އޯގާތެރިކަން ކަމުގައެވެ.
މިއަދުވެސް އަހުރެމެން ކަންތައްތައް މިކުރަނީ ހަމަ އެފަދައިންނެވެ. އަހުރެމެން މިއަދުވެސް ޤަބޫލުކުރާ ގޮތުގައި، އިސްލާމީ އުއްމަތުގެ ވަސީލަތްތައް ފޭރިގަންނަ ޤައުމުތަކަކީ އަހުރެމެންގެ އެކުވެރިންނެވެ. އެމީހުން އަހުރެމެންނަކަށް ދޯކާއެއް ނުދޭނެއެވެ. އެމީހުން ދައްކާ ހުރިހާ ވާހަކައެއް އަހުރެމެން ޤަބޫލުކޮށް، އަހުރެމެންގެ ސަޤާފަތާއި، އަހުރެމެންގެ ބަހާއި، އަހުރެމެންގެ ހެދުންއަޅާ ގޮތްތައް މިވަނީ ދޫކޮށްލާފައެވެ. އެމީހުން އަހުރެމެން ބަލައިގަނެ، ޤަބޫލުކުރާނެ ފަދަ ގޮތަކަށް، އެމީހުން ފަދައިން ވާން އަހުރެމެން މިދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު އަންދަލުސްގެ ތާރީޚުން އެނގޭ ގޮތުގައި، އެ ޤައުމެއްގެ ހުވިއްޔަތު ދޫކޮށްލާ ޤައުމަކީ އެއްވެސް ބަޔަކު ބަލައިގަންނަ ޤައުމެއް ނޫނެވެ. އެއީ ނެތި ފަނާވެ، ތާރީޚުގެ ޞަފުޙާތަކުން ފޮހެވިވެގެންދާނޭ ޤައުމެކެވެ. އެންމެ ފަހުގެ އަންދަލުސް ޢިލްމުވެރިޔާ އަބޫބަކުރު އަލް ޠަރުތޫޝީ ވިދާޅުވެފައި ވަނީ އަންދަލުސް ވެއްޓުނީ ޣަރުނާޠާގެ ތަޅުދަނޑި ޙަވާލުކުރި ދުވަހު ނޫން ކަމަށާއި، އަހުރެމެން މުސްލިމުންނަކީ އެއްބައިވަންތަ ބައެއްކަން ހީކުރުން ހުއްޓާލި ދުވަހު ކަމަށެވެ. މިއަދު، އަހުރެމެންގެ އަތުގައި އަލްހަމްބްރާ ފަދަ ގަނޑުވަރެއް ނެތެވެ. އަދި ޤުރުޠުބާގައި ހުރި ފަދަ ކުތުބުޚާނާއެއް ނެތެވެ. އެކަމަކު، މިއަދުވެސް އަހުރެމެންނަށް ދިމާވެފައި މިވަނީ ހަމަ، އަންދަލުސްއަށް ކުރިމަތިވި ތިން ވަބާއެވެ. އެއީ ބައިބައިވުމާއި، ދުނިޔޭގެ އުފަލާއި، އަރާމަށް ހެއްލުމާއި، ދުޝްމަނުންނަށް ލޯމަރާލައިގެން އިތުބާރު ކުރުމެވެ.
އަންދަލުސް މުސްލިމުންގެ އަތުން ބީވެގެން ދިޔައީ، އެއް ދުވަހަކުން ދެދުވަހަކުން ނޫނެވެ. މަޑުމަޑުން ގެއްލިގެން ދިޔައީއެވެ. ފުރަތަމަ ހިތެވެ. ދެން ސިކުނޑިއެވެ. ދެން ބިމެވެ. މިއަދު މި ތިން ވަބާ، އަހުރެމެން ތަކުރާރު ނުކޮށްފިނަމަ މާދަމާގެ މުސްތަޤުބަލު އަހުރެމެންނަށް ސަލާމަތް ކުރެވިދާނެއެވެ. އެހެން ނޫންނަމަ ތާރީޚު އަލުން އިޢާދަވާނެއެވެ. މިފަހަރު އަހުރެމެން ކަރުނައަޅައި ރޯނީ އަލްހަމްބްރާ ގެއްލިގެނެއް ނޫނެވެ. މިފަހަރު އަހުރެމެން ކަރުނައަޅައި ރޯނީ އަލްޤުދުސް އާދެ މުސްލިމުންގެ ތިންވަނަ ޙަރަމްފުޅު ގެއްލިގެންނެވެ.





