އެކްސްގައި އޭނާ ވިދާޅުވެފައިވަނީ އެމީހުން "މިޤައުމުގައި ވަޒަންވެރިކުރަން ކިތަންމެ މަސައްކަތް ކުރެއްވިޔަސް،ކިތައްމެ ޤާނޫނެއް ހަދައިގެން ރައްޔިތުންނަށް އަނިޔާކުރަން ރޭވިޔަސް ދިވެހި ރައްޔިތުން “ޒައިނިސްޓުންނޭ” ނުކިޔަ ނުތިބޭނެ،" ކަމަށެވެ. އަދި އެމީހުން ވަޒަންވެރި ކުރުވާތަން ބަލާ ހޭންވެސް ނުތިބޭނޭ ކަމަށާއި، ދިވެހީން ދިވެހީންގެ ބަސް ބުނާ ވަގުތު އަންނާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އޭނާ މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބަސްބުނާ މީހުން އިތުރުވަމުންދާ ވަގުތެއްގައެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި މި އަޑުތައް ކަނޑުވާލުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޤާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން މަސައްކަތް ކުރަނީ މި އަޑުތައް ހުއްޓުވަން ކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ. މިގެން އިސްލާހުގައި ޒަޔަނިސްޓުންނާ ދެކޮޅަށް ވެސް އަޑުނުއުފުލޭ ގޮތަށް (މާނަކުރެވޭ) މާއްދާތަކެއް ހިމަނާފައިވާ ކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ. މި އިސްލާހުގައި ގަތުލުއާއްމުގެ ކުށަށް ވެސް ބޮޑު އަދަބެއް ކަނޑައަޅަން ވަނީ ހުށަހަޅައިފައެވެ.
މިކަމަށް ބައެއް މީހުން ކަންބޮޑުވެ ތުހުމަތުތަކެއް ކުރިޔަސް ސަރުކާރުގެ ބަސް ތަފާތެވެ. ސަރުކާރުން ވިދާޅުވަނީ ރަސްމާލެއިން ޒަޔަނިސްޓުންނަށް ބިން ނުވިއްކާނޭ ކަމަށެވެ. އެތަން އޮންނާނީ ސަރުކާރުގެ ފުލް ކޮންޓްރޯލުގައި ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. ޤާނޫނުލްއުގޫބާތަށް ގެންނަ އިސްލާހުތައް ވެސް ސަރުކާރުން ގެންދަވަނީ ދިފާއު ކުރައްވަމުންނެވެ. އެއީ ރާއްޖެއިން ސޮއިކޮށްފައިވާ ބައެއް މުއާހަދާތަކާ ގުޅިގެން ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށް ވެސް ސަރުކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.





