ދިވެހި|English Oct 29, 2026 · 02:07
Top banner
Advertisement
ފަރެސްމާތޮޑާގައިހުރި ވެހިކަލްތަކެއް ގެންދަން އުޅުމުން ކައުންސިލުން ހުއްޓުވައިފި
News

ފަރެސްމާތޮޑާގައިހުރި ވެހިކަލްތަކެއް ގެންދަން އުޅުމުން ކައުންސިލުން ހުއްޓުވައިފި

މމުހައްމަދު އަލީOct 28, 2026

ކައުންސިލްގެ ރައީސް މުޙައްމަދު ސަބާހު ވިދާޅުވީ މި ވެހިކަލްތައް މިހާރުވަނީ އެމްޓީސީސީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައި ކަމަށް ކައުންސިލަށް އަންގާފައި ކަމަށެވެ. މިތަކެތި ގެންދިއުމުގައި އިސްވެ ހަރަކާތްތެރިވަނީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދެ މުވައްޒަފަކާއި އެމްޓީސީސީގެ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިތަކެތި ގެންދިއުން ހުއްޓުވީ ކައުންސިލުން އެދިފައިވާ މުހިންމު ބައެއް ކަންކަން ކޮށްނުދީ އެތަކެތި ގެންދަން އުޅުމުން ކަމަށް ސަބާހު ވިދާޅުވިއެވެ. "އަޅުގަނޑުމެން އެދުނު މުހިންމު ބައެއް ކަންކަމުގެ ތެރޭގައި މިރަށު ސަހަރާގައިހުރި ޗަކަވެލި ނަގައި އެތަނަށް ފަސް ނުވަތަ ވެލި އަޅައިދިނުމާއި ވެލި މަގުތައް ހަދައިދިނުން ހިމެނޭ. މީގެ ކުރިން އަޅުގަނޑުމެންވާނީ މިކަންކަން ކޮށްދޭން އެދި ހައުސިން މިނިސްޓްރީއަށް ވެސް ތަކުރާރުކޮށް ސިޓީ ފޮނުވާފައި. އެހެންނަމަވެސް އެއިން އެއްވެސް ސިޓީއަކަށް ޖަވާބު ދިނުމަކާ ނުލައި ކުއްލިއަކަށް މި ވެހިކަލްތައް ގެންދަން މިއުޅެނީ ކައުންސިލަށް މިކަމާބެހޭ އެއްވެސް މައުލޫމާތެއް ނުދީ ނުވަތަ އެންގުމަކާ ނުލައި. މިފަދަ ކަންކަންކުރަން ވާނީ ވާހަކަ ދައްކައިގެން ރީތި އުސޫލުން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވިއެވެ.

ސަބާހު ވިދާޅުވީ ކައުންސިލުން އެދިފައިވާ ކަންކަން ކޮށްދޭއިރު އެހީވާން ވެސް ކައުންސިލުން ތައްޔާރު ކަމަށެވެ.

"ސަހަރާއަށް އަޅާނޭ ވެލި އަޅުގަނޑުމެން އަތުގައި އެބަހުރި، މަސައްކަތް ކޮށްދޭނޭ މީހުން އެބަތިބި. އަޅުގަނޑުމެން އެދުނިން ކައުންސިލްގެ ވަސީލަތްތައް ވެސް ބޭނުންކޮށްގެން މިކަންކަން އަވަހަށް ކޮށްދިނުމަށް. އެކަމަކު އެއްވެސް އީޖާބީ ޖަވާބެއް ނުދީ ވެހިކަލްތައް ގެންދަން އުޅުމަކީ އެންމެ އެދެވޭ ގޮތްކަމަށް ނުދެކެން،"

— ސަބާހު

ފަރެސްމާތޮޑާއަކީ މިހާރުވެސް ތަރައްގީގެ މަޝްރޫއުތަކެއް ހިންގަމުންދާ ރަށެކެވެ. އޭގެ ތެރޭގައި ބިންހިއްކުމާއި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއަކީ އެންމެ ބޮޑަށް ފާހަގަކުރެވޭ ދެ މަޝްރޫއެވެ. ސަބާހު ވިދާޅުވީ މިއިން އެއްވެސް މަޝްރޫއަކަށް ދަތިވާނޭ ފަދަ ކަމެއް ކައުންސިލުން ނުކުރާނޭ ކަމަށާއި އެފަދަ ނިޔަތެއްވެސް ކައުންސިލުގެ މެންބަރުންގެ ނެތްކަމަށެވެ. "ނަމަވެސް މިރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލުން ހުރަސް އަޅަމުންދާ ކަމަށް ބުނެ ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގައި ހަގީގަތާ ޚިލާފު ވާހަކަ ފަތުރަމުންދިއުމަކީ ވަރަށް ދެރަވަރު އެހާމެ ހިތާމަކުރާ ކަމެއް. މި ކައުންސިލުން ތަރައްގީގެ އެއްވެސް ކަމަކަށް ހުރަހެއް ނާޅާނެ. އަޅުގަނޑުމެން އެދެމުން މިދަނީ ވެސް ތަރައްގީއާ ގުޅިފައިވާ ކަންކަމަށް. މާތޮޑާ އަވަށު ސަހަރާ ފުރިއްޖެ. މީހުން ވަޅުލުމަށް ދަތިވެއްޖެ. ފަރެސް އަވަށުގެ ސަހަރާގެ ޗަކަވެލި ނަގައި އެތަނަށް ވެލި އަޅައިދީ މިކަންކަން ކޮށްނުދޭންވީ ސަބަބެއް ނުވިސްނޭ. މިހުންނަނީ ކުދިކުދި އެކަމަކު މުހިންމު ކަންކަން. ވެހިކަލްތައް ހުއްޓައި އެކަންކަން ކޮށްދޭންވީ ނޫންތޯ،" އޭނާ ވިދާޅުވިއެވެ.

ސަބާހު ވިދާޅުވީ އެ ވެހިކަލްތައް ބެލެހެއްޓުމަށް ދެހާސް ތޭވީސްވަނަ އަހަރު ފަހުކޮޅުން ފެށިގެން ރައްޔިތުންގެ ފައިސާއިން މަހަކު މަދުވެގެން އަށް ހާސް ރުފިޔާ ޚަރަދު ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް ކައުންސިލުގެ މިފަދަ އެދުމަކަށް ފަރުވާލެއް ނުބަހައްޓައި މިގޮތަށް ކަންތައް ކުރުމަކީ ރައްޔިތުންނާމެދު ވެވޭ އިހުމާލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިއަދު ހެނދުނު ފެށުނު މި މައްސަލަ އަދިވެސް ހައްލު ނުކުރެވެއެވެ. ކައުންސިލުން އޮތީ ދޫ ނުދިނުމުގެ ބަދަލުގައި ދޫދީގެން މައްސަލަ ހައްލު ކުރުމަށް ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ. ކައުންސިލުން އެދިފައިވާ ކަންކަން ކޮށްދިނުމަށްފަހު ވެހިކަލްތައް ގެންދިޔުމަކީ އެންމެ އިންސާފުވެރި އަދި މަސްލަހަތު ހިމެނޭ ގޮތްކަމަށް ވެސް ސަބާހު ވިދާޅުވިއެވެ. "މީގެ ކުރިންވެސް މި ވެހިކަލްތައް ބޭނުންކޮށްގެން ވެލިމަގުތައް ހަދައިދިނުންފަދަ ކަންކަންވަނީ ކޮށްދީފައި. ނަމަވެސް ދެހާސް ތޭވީސްވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މިކަންކަން މިވަނީ ހުއްޓިފައި،" ސަބާހު ވިދާޅުވިއެވެ.

Related News