ދިވެހި|English Nov 9, 2026 · 21:02
Top banner
Advertisement
ބިނާކުރަންވީ އެކަކުވެސް ބާކީނުކުރާ، އެންމެންނަށް ޤަދަރުކުރާ މުޖުތަމަޢެއް: މެޑަމް ސާޖިދާ
News

ބިނާކުރަންވީ އެކަކުވެސް ބާކީނުކުރާ، އެންމެންނަށް ޤަދަރުކުރާ މުޖުތަމަޢެއް: މެޑަމް ސާޖިދާ

ހިރި ނިއުސްހިރި ނިއުސްNov 9, 2026

ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް، އެންމެން ބައިވެރިވާ އަދި އެންމެންނަށް ޤަދަރުކުރާ މުޖުތަމަޢެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެއްވެސް އިންސާނަކީ އެމީހަކާމެދު ތަޤުދީރު ނިޔާކޮށްފައިވާ ގޮތުން މުޖުތަމަޢުން އެކަހެރި ކުރެވިގެންވާނެ މީހެއް ނޫން ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި "ރިވެލި އެވޯޑް" ދިނުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ޙަފުލާގައި ރިވެލި އެވޯޑު2026 ޙާސިލުކުރި އަށް ބޭފުޅަކަށް އެކަމަނާ ވަނީ އެވޯޑު ޙަވާލު ކޮށްދެއްވައިފައެވެ. އެވޯޑު ޙާޞިލުކުރެއްވި ފަރާތްތަކާ މުޚާޠަބު ކުރައްވައި އެކަމަނާ ވިދާޅުވީ، އެ ބޭފުޅުންނަކީ، އާދަޔާ ޚިލާފު ކުޅެދުންތެރިކަމަކާއި ފަންނުވެރިކަމެއް ދައްކުވައިދިން، މުޖުތަމަޢުގެ ވަރަށް އަގުހުރި މޭސްތިރިންތަކެއް ކަމަށެވެ. އެފަރާތްތަކާމެދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ މުޖުތަމަޢުގެ ނިޒާމުތައް ބައްޓަންވާންވާނީ، ކުލުނާއި ކަމޭހިތުމަށް ދިރުންލިބި، އެންމެންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންވާ ގޮތަށް ކަމުގައެވެ. އެއާއެކު އެ ފަރާތްތައް އެ ދައްކުވައިދެއްވަނީ ޢަޒުމާ ސާބިތުކަމުގެ މުހިންމުކަންކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ ކީރިތި ޤުރްއާނުގެ ޢަބަސަ ސޫރަތުގައި ބަޔާންވެގެންވާ ޙާދިސާއަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެކިއެކި އުނިކަން ހުންނަ ފަރާތްތަކުގެ އިޙްސާސްތަކަށް އިޙްތިރާމުކުރުމާއި، އެ ފަރާތްތަކުގެ އަގުވަޒަންކުރުމަކީ އިސްލާމްދީން ބާރުއަޅާ، އަދި މާތް ﷲ ލޯބިވެ ވޮޑިގަންނަވާ ކަމެއްކަން އެ ޙާދިސާއިން ސާފުވާކަމަށް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު މާޒީގައި ތަފާތުކުރުންތައް ގެންގުޅެވިފައިވީ ނަމަވެސް، މިއަދު ދިވެހި މުޖުތަމަޢުގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް އައިސް ހޭލުންތެރިކަން އިތުރުވަމުން އަންނަކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން މިފަދަ ފަރާތްތަކުގެ އަގުވަޒަންކުރުމާއި، އެ ފަރާތްތަކުގެ ހުނަރުތައް ކުރިއެރުވުމަށް ދައުލަތުގެ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި ވިދާޅުވިއެވެ. އެގޮތުން އެފަރާތްތަކަށް ޢިލްމީ ހޭލުންތެރިކަމާއި ފަރުވާގެ ފުރުޞަތުތައް ފަހިކޮށްދެއްވަމުން އަންނަކަމަށާ، އެފަރާތްތަކުގެ ކިބައިގައި ހުރި ހުނަރުތައް ޢާންމުކުރުމަށް ހިތްވަރުދީ، އެކަމަށް މަރުޙަބާ ކިޔައި ޖަމަޢީ ގޮތެއްގައި ވާގިވެރިވަމުން އައިސްފައިވާކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މި ޙަފުލާގައި 'ރިވެލި އެވޯޑު 2026 ޙާސިލުކުރެއްވި އަށް ބޭފުޅުންނާއި، އަދި 'ސްޕެޝަލް ރިކޮގްނިޝަން ޓޯކަން' ޙާސިލު ކުރެއްވި ފަރާތާއެކު ވަކިވަކިން ނެގި ދެ ފޮޓޯގައިވެސް އެކަމަނާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

Related News