ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިއަދު ހުށަހެޅި ބިލުތަކަކީ "ރާއްޖެ އާއި ދިވެހިންނަށް ބޮޑު ނުރައްކަލެއް" ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ބަހާއި އަމަލާ ދިމާނުވާކަން މި ބިލުތަކުން ސާފުވޭ" ކަމަށެވެ.
ފައްޔާޒު ވިދާޅުވީ މިއަދު ހުށަހެޅި ރިއަލް އެސްޓޭޓު ބިލުގައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް 99 އަހަރަށް ދިވެހި ބިން ދޫކޮށްލުމަށް ހީލަތްތެރި މާއްދާތަކެއް ހިމަނާފައި ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ ރަސްމާލޭގެ މައްސަލާގައި އެތައް ބައެއްގެ ކަންބޮޑުވުންތަކެއް ހުރިކަމަށްވިޔަސް އެކަމާ ގުޅޭ ފެންނަނުފެންނަ ވޯޓަކަށް ރައީސް މުއިއްޒު ވަޑައިނުގެންނެވީ އެފަދަ ވޯޓަކަށް އަހައިފިނަމަ ބޮޑުތަނުން ބަލިވާނެކަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ. "އެފަދަ ވޯޓަކަށް ގޮވާލުމަށް ވެސް ކެރިވަޑައިނުގެންނެވީ އެހެން،"
ފައްޔާޒު ވިދާޅުވީ ދެންއޮތް އަބުރުގެ ބިލަކީ ރާއްޖޭގައި އޮތް ޑިމޮކްރަސީ ނައްތާލައި ސަރުކާރާ ދެކޮޅު އަޑުތައް އެއްކޮށް ކަނޑުވާލުމަށް ހުށަހެޅުއްވި ބިލެއް ކަމަށެވެ.
"ބުނާ ބަހަކުން، ލިޔާ ލިޔުމަކުން، ކިޔާ ލަވައަކުން، ކުރާ އިޝާރާތަކުން ދިވެހިން ކުށްވެރިއެއް ނުކުރެވޭނެ. މަރުގެ އަދަބުގެ ވާހަކަ އަލުން އެ ދެއްކެވީ ވެސް ރަސްމާލެއާ ދެކޮޅު އަޑުތައް ކަނޑުވާލުމަށް،" ފައްޔާޒު ވިދާޅުވިއެވެ.





