ދިވެހި|English Nov 10, 2026 · 12:47
Top banner
Advertisement
ރައީސް އަންތާލިޔާއަށް ފުރާވަޑައިގެންފި
News

ރައީސް އަންތާލިޔާއަށް ފުރާވަޑައިގެންފި

ހިރި ނިއުސްހިރި ނިއުސްNov 10, 2026

މިހިނގާ ނޮވެންބަރު 10 އިން 14 އަށް ތުރުކީވިލާތުގެ އަންތާލިޔާގައި ބާއްވާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ޔޫ.އެން.އެފް.ސީ.ސީ.ސީ ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ފަރާތުން، ޤައުމީ ބަޔާން އިއްވަވާނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މީގެ އިތުރުން މަތީ ފަންތީގެ އެކި ޙަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެހެން ޤައުމުތަކުގެ ވެރިންނާއެކު ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮޕް31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، ދުނިޔޭގެ ލީޑަރުންނާއި ޔޫ.އެން.އެފް.ސީ.ސީ.ސީގެ މެންބަރު ޤައުމުތަކުގެ މަންދޫބުން އެއްތަނަކަށް ޖަމާވާ ސަމިޓެކެވެ. މީގެއިތުރުން، އެންމެންގެ ބައިވެރިވުން އެކުލެވޭ ޖަމަޢީ މަސައްކަތްތަކެއް ކުރުމަށްޓަކައި ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، މޫސުމާ ބެހޭ ސައިންސްވެރިންނާއި، އަދި މަދަނީ ޖަމުޢިއްޔާތަކުން މި ބައްދަލުވުމުގައި އެ ފަރާތްތަކުގެ ތަޖުރިބާތަކާއި ހޯދުންތައް ޙިއްސާކުރާނެ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ކޮޕް ސަމިޓަކީ 1992ވަނަ އަހަރު ވުޖޫދުކުރެވުނު ތާރީޚީ ޔޫ.އެން.އެފް.ސީ.ސީ.ސީ މުޢާހަދާގެ ދަށުން ބާއްވާ 31 ވަނަ ސަމިޓެވެ. މި މުޢާހަދާއަކީ 2015 ވަނަ އަހަރު ވެވުނު ޕެރިސް އެގްރީމެންޓުގެ އަސްލު ވެސް މެއެވެ.

Related News