ދިވެހި|English Aug 24, 2026 · 08:33
Top banner
Advertisement
ކަނޑައަޅާފައިވާ އަދަދަށް ކައުންސިލަށް ފައިސާ ނުލިބޭ: ސައިފް
News

ކަނޑައަޅާފައިވާ އަދަދަށް ކައުންސިލަށް ފައިސާ ނުލިބޭ: ސައިފް

މމުހައްމަދު އަލީJan 9, 2025
ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން، މާލެސިޓީ ކައުންސިލަށް ދޭން، ގާނޫނުގައި ކަނޑައަޅުއްވާފައިވާ މިންވަރަށް ފައިސާ ނުލިބޭ ކަމަށް  ކައުންސިލަރ މުހައްމަދު ސައިފު ފާތިހު، ވިދާޅުވެއްޖެއެވެ. މިއަހަރަށް މާލޭސިޓީ ކައުންސިލުގެ ބަޖެޓު ފާސްކުރުމަށް މިއަދު ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ 2024 ވަނަ އަހަރަށް ވުރެ ދައުލަތުގެ ބަޖެޓް، އެތައް ތަނަކުން މިއަހަރުވަނީ އިތުރުވެފައި ކަމަށެވެ. އެހެންނަމަވެސް ދައުލަތުގެ ބަޖެޓުން މާލެ ސިޓީ ކައުންސިލަށް ދޭން ނިންމި ފައިސާގެ ޢަދަދު، މިދިޔަ އަހަރާއަޅާބަލާއިރު، މިއަހަރު، ދީފައިވަނީ 23 މިލިޔަން ރުފިޔާ މަދުން ކަމަށް އޭނާ ވިދާޅުވިއެވެ. މާލޭސިޓީ ކައުންސިލުން މި އަހަރަށް ފާސްކުރި ބަޖެޓްގެ ޖުމުލައަކީ 487،225،846.50 ރުފިޔާއެވެ. މި އަހަރު ސިޓީކައުންސިލަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި ހިނގާނެ ޚަރަދުގެ ތަފުސީލު ޕްރަޒެންޓޭޝަނެއް މި ޖަލްސާގައި ވަނީ ހުށަހަޅާފައެވެ. ބަޖެޓު ހުށަހެޅުމަށް ފަހު، ބަޖެޓާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝް ވިދާޅުވީ، އާންމުކޮށް މާލެ ސިޓީގައި ނުގެންގުޅޭ ބާވަތުގެ ވެހިލްތައް، މާލެސިޓީ ކައުންސިލްގައި އެބަހުރި ކަމަށެވެ. އެފަދަ ވެހިކަލްތަކުގެ ބޭނުން ހިފުމަށް ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން އެދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން، އެ ފަދަ ވެހިކަލްތައް އިތުރަށް ހޯދައި، އެ ތަކެތި ކުއްޔަށް ދީގެން މާލެ ސިޓީ ކައުންސިލަށް ރަނގަޅު އާމްދަނީއެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.        

Related News