ކްރިމިނަލް ކޯޓު

ތުއްތު ކުއްޖަކަށް އިންޒާރު ދިން މައްސަލައިގައި ދައުލަތާއެކު އެއްބަސްވެ، ލުއި ހުކުމެއް

މުޙައްމަދު ގުރައިޝް އަޙްމަދު
ޑިސެމްބަރ 11, 2025
އެގާރަ މަހުގެ ތުއްތު ކުއްޖަކާއި ފުލުހަކު ”ކޮށާލާނެ“ ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގައި، ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހެދުމުން ކުށް ކުރި މީހާގެ މައްޗަށް ލުއި ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
މިއީ ލ. ގަން، ތުނޑި، އަސުރުމާގެ، ހުސައިން ރިޒުސާންގެ މައްޗަށް ދައުލަތުން އުފުލި ބިރުދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުމުގެ ދައުވާތަކާ ގުޅިގެން ނިމުނު މައްސަލައެކެވެ.

މި ހާދިސާ ހިނގާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި ތައިބާ މިސްކިތް ކައިރިންނެވެ. ފުލުހަކު އޭނާގެ 11 މަހުގެ ދަރިފުޅު އުރައިގެން ހުއްޓައި ރިޒުސާން ވަނީ އެތަނަށް ގޮސް އެ ދެ މީހުން ކައިރީގައި ތިބުމުން ”އެއްކޮށް ކޮށާލާނެ“ ކަމަށް ބުނެ ބިރުދައްކާފައެވެ. އެވަގުތު އޭނާގެ އަތުގައި ކަޓަރު ތިލައެއް އޮތް ކަމަށް ވެސް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޝަރީއަތުގެ މަޖިލީހުގައި ރިޒުސާން ވަނީ އޭނާގެ މައްޗަށް ކުރި ދައުވާތަކަށް އެއްބަސްވެފައެވެ. އެހެންކަމުން ގާޒީ އިބްރާހީމް ޒިހުނީ ހުކުމް ކުރެއްވީ ދައުލަތާއެކު ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމާ އެއްގޮތަށް ލުއި އަދަބެކެވެ. އެގޮތުން މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށަށް އެއް އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް އަދި މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރުދެއްކުމުގެ ކުށަށް އެއް އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މިއީ ޖުމްލަ ތިން އަހަރުގެ ޖަލު ހުކުމެކެވެ.

ރިޒުސާންއަކީ މީގެ ކުރިން ކެނެބިސް ޓްރެފިކް ކުރުމުގެ ބޮޑު މައްސަލައެއްގައި ދައުވާ އުފުލުނު މީހެއް ނަމަވެސް، 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އެ ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައެވެ. އެ ފަހަރު ކުށް ސާބިތުވިނަމަ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައީހެވެ.

މި ލިޔުމާ ގުޅޭ