ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައިފި

މުޙައްމަދު ގުރައިޝް އަޙްމަދު
ޑިސެމްބަރ 11, 2025

މާލޭގެ ރަސްމީ ފާލަމާ ދިމާލު ކަނޑުތެރޭގައި ބޮޑުކަންނެލި މަސްވެރިން އިއްޔެއިން ފެށިގެން ކުރަމުންދިޔަ މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލައިފިއެވެ. ފުލުހުން ދޯނިފަހަރަށް އަރައި މަސްވެރިންގެ ކޮންޓްރޯލް ނަގާފައިވާއިރު، މި އޮޕަރޭޝަންގެ ތެރެއިން މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވެސް ހިމެނިވަޑައިގަންނަވައެވެ. މީގެއިތުރުން އިހުތިޖާޖުގައި ބޭނުންކުރަމުންދިޔަ ދެ ދޯންޏެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މުޒާހަރާގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާ ގުޅިގެން، އެ ދޯނިތަކުގައި ތިބި ބިދޭސީންގެ މައުލޫމާތު ސާފުކުރުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ. މަސްވެރިންގެ ދުވަހާ ދިމާކޮށް ކުރިއަށްގެންދިޔަ މި ހަރަކާތަކީ، ބޮޑުކަންނެލި މަސްވެރިކަމުގެ ދާއިރާއަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައިދިނުމަށް އެދި ކުރިއަށްގެންދިޔަ މުޒާހަރާއެކެވެ.

މި ލިޔުމާ ގުޅޭ