ކުރިއަށް އޮތް އިންތިހާބު ތަކުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގަދައަޅާ މަސައްކަތް ކުރައްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ނަތީޖާ ނެރުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ގޮނޑިތައް ކަނޑައެޅުމުގައި ވެސް އިލެކްޝަންސް ކޮމިޝަނުން ގެންގުޅެފައި އޮތް އުޞޫލު އެނގޭ އެއްވެސް އެހެން ފަރާތެއް ނެތް ކަމަށެވެ. ”އެކަމަކީ، އެތެރެ އެތެރެއިން ސިއްރުސިއްރުން ޕީއެންސީ ބޭނުންވާ ގޮތަށް އީސީ އިން ކޮށްފައި އޮތް ކަމެއް،“ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިތައްވެސް އީސީން މިފަހަރު ކަނޑައަޅާފައިވަނީ ޕީއެންސީ ބޭނުންވާ ގޮތަށް ކަމަށް މީޑިއާއިން ވަނީ ހާމަކޮށްފައެވެ.
އޭނާ ވިދާޅުވެފައިވަނީ މީގެ ކުރިން އަންހެން ކެންޑިޑޭޓުންނަށް އެކަނި ވާދަކުރެވޭ ގޮނޑިތައް ކަނޑައަޅާފައިވަނީ ގުރުއަތުން ކަމަށެވެ. އެހެން ނަމަވެސް މިފަހަރު، އީސީގެ ރައީސް މުހައްމަދު ޒާހިދު އެކަން ހަމަޖައްސަވާފައިވަނީ ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވާ ގޮތަށް ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
މީގެ ސަބަބުން އިތުބާރު ހޯދަން އީސީއަށް ލިބުނު ފުރުސަތު މިވަނީ އަނެއްކާވެސް ގެއްލިފައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ”އިލެކްޝަންސް ކޮމިޝަންގެ އިތުބާރު ހޯދުމަށް ލިބުނު ފުރުސަތު އަނެއްކާވެސް އެ ނަގާލެވެނީ ޒާހިދު ކަހަލަ ބޭބޭފުޅުން ރައީސް މުއިއްޒު ރުއްސުމަށް މަސައްކަތް ފެއްޓެވުމުން،“ ފައްޔާޒު ވިދާޅުވެފައިވެއެވެ.






