ރައީސްގެ އަނބި ކަނބަލުން ސާޖިދާ ވަޒީފާގެ ލިޔުން ކުއްޖަކާ ހަވާލުކޮށްދެއްވަނީ: ފޮޓޯ ސްޓެލްކޯ

ނުކުޅެދުންތެރިކަން ހުންނަ ތިރީސް މީހަކަށް ސްޓެލްކޯއިން ވަޒީފާދީފި

މުހައްމަދު އަލީ
ޑިސެމްބަރ 11, 2025

ނުކުޅެދުންތެރިކަން ހުންނަ ތިރީސް މީހަކަށް ސްޓެލްކޯއިން ވަޒީފާ ހަމަޖައްސައިދީފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ނުކުޅެދުންތެރިކަން ހުންނަ، ވަޒީފާ އަދާކުރަން ބޭނުންވާ ހުރިހާ މީހުންނަށް ދައުލަތުގެ ތެރެއިން ވަޒީފާ ޔަޤީންކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހަމަޖައްސައިދެވުނު ވަޒީފާގެ ފުރުޞަތުތަކެކެވެ.

މި މީހުންނަށް ވަޒީފާގެ ލިޔުން ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު، ޑޮކްޓަރ ޢާއިޝަތު ޝިހާމާއި، ސްޓެލްކޯގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިވުމަކީ މުވައްޒަފުގެ ޢާއިލާއާއި ޤައުމަށް އެކަމުގައި އެތައްގޮތަކުން ފައިދާއާއި މަންފާ ހުރި ކަމެއް ކަމަށެވެ. އަދި މިފަދަ މީހުން ވަޒީފާގެ މާހައުލަށް ނެރުމަކީ ޞިއްޙީ ގޮތުންނާއި، ދިރިއުޅުމުގެ އާދަތަކާއި މާލީގޮތުން ފުދުންތެރިކަން އިތުރުވެގެން އަންނާނެކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން ވާޒީފާގެ މާހައުލުގައި އައު ރައްޓެހިން ލިބުމަކީ ނަފްސާނީގޮތުން ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި މީހުންގެ ތަޢުރީފާއި ހެޔޮބަސްތަކުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު، އިތުރުވެގެންދާނެ ކަމަށް ކަމަށް ވެސް މެޑަމް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ރަޝީދު ވިދާޅުވީ، ސްޓެލްކޯއަކީ މިފަދަ ކަންކަމުގައި އަބަދުވެސް އިސްނަގައިގެން މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ.

”މިހާރުވެސް، ތަފާތު އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ 50 އަށްވުރެ ގިނަ މުވައްޒަފުން މި ކުންފުނީގައި ދަނީ މަސައްކަތް ކުރަމުން. މި ފަރާތްތައް ހަވާސާ ނުކޮށް، މުޖުތަމަޢުގެ މުހިންމު ބައެއްގެ ގޮތުގައި ފެންނަމުންދާ ކަމީ، ހަމަގައިމު ވެސް އަޅުގަނޑުމެން އެންމެން އުފާކުރާ ކަމެއް. މިއަދު މިކުންފުންޏާ މި ގުޅޭ ތިރީސް މުވައްޒަފުންނާއެކު، ސްޓެލްކޯގައި ނުކުޅެދުންތެރިކަން ހުރި މުވައްޒަފުންގެ ޖުމްލަ ޢަދަދު 80 އަށް އަރާނެ. މިއީ ހަމަގައިމުވެސް ފާހަގަކޮށްލެވޭނެ ބޮޑު ކުރިއެރުމެއް،“

ޝަމާހް ވިދާޅުވީ، މިއަދު ވަޒީފާ ޙަވާލުކުރެވުނު މުވައްޒަފުންގެ ފަރާތުން މުޖުތަމަޢުއަށް ފައިދާތަކެއް ލިބި، އެފަރާތްތަކުގެ ޤާބިލުކަމާއި ހުނަރުތައް އިތުރަށް ތަރައްޤީކޮށް، ޤައުމީ ތަރައްޤީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިގެން ގޮސްފައިވާ ކަމަށެވެ. ވަޒީފާގެ މާހައުލަކީ އެ މުވައްޒަފުންގެ އަމިއްލަ އިތުބާރު އާލާކޮށް، މުޖުތަމަޢުގައި އެ މީހުންގެ ދައުރު ފުޅާކުރުމަށް ލިބިގެންދިޔަ މުހިއްމު މަންސައެއް ކަމަށް ވެސް ވިދާޅުވިއެވެ.

ސްޓެލްކޯއާ އަލަށް ގުޅުނު 30 މުވައްޒަފުން ހޮވާލާފައިވަނީ އެކުންފުނިން ޔޫޓިލިޓީ ޚިދުމަތް ދެމުންދާ ރަށްތަކުގެ ތެރެއިން 21 ރަށެއް ހިމެނޭހެންނެވެ. މި 30 މުވައްޒަފުންނާއެކު ސްޓެލްކޯގައި މަސައްކަތްކުރާ އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންގެ އަދަދު 80 އަށް ވަނީ އަރައިފައެވެ. އެ މުވައްޒަފުން ދަނީ ޓެކްނިކަލް އަދި ނޮންޓެކްނިކަލް ދާއިރާތަކުގައި ޚިދުމަތްކުރަމުން ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ