މަޔާމީގެ މޭޔަރުކަމުގެ މަގާމު ކާމިޔާބު ކުރީ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުންނެވެ. ޑިމޮކްރެޓިކް ޕާޓީގެ އެއިލީން ހިގިންސް މޭޔަރުގެ މަގާމަށް އިންތިޚާބު ވުމުން ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް މީހުން ދިން ރައްދެއް ކަމަށް ބެލެވެއެވެ.
ޓްރަމްޕްގެ ވެރިކަމުގައި ތަކެތީގެ އަގު ބޮޑުވެ، މުހާޖިރުންނާ ދެކޮޅަށް ސިއްރު ފުލުހުން ބޭނުންކޮށް މީހުން ވަގަށް ނެގުމުގެ ކަންކަން އާންމު ވެފައި ވެއެވެ.
އަދި މިއީ ދެކުނު ފްލޮރިޑާގައި ސިޔާސީ ވިސްނުމަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމެކެވެ. މި މަގާމަށް ޑިމޮކްރެޓިކް ޕާޓީގެ ކެކްނޑިޑޭޓަކު ކާމިޔާބު ކުރީ ގާތްގަނޑަކަށް 30 އަހަރު ފަހުން ނެވެ.
އިންތިޚާބުގެ ނަތީޖާ: ޓްރަމްޕްގެ ތާއީދަށް ދެވުނު ރައްދު
ހިގިންސް މި އިންތިޚާބު ކާމިޔާބު ކުރެއްވީ ޓްރަމްޕް ތާއީދު ކުރެއްވި ރިޕަބްލިކަން ކެންޑިޑޭޓް އެމިލިއޯ ގޮންޒާލޭޒް އާއި ދެކޮޅަށެވެ. ހިގިންސްއަށް 59 ޕަސެންޓް ވޯޓު ލިބުނުއިރު، ގޮންޒާލޭޒްއަށް ލިބިފައިވަނީ 41 ޕަސެންޓް ވޯޓެވެ.
މި ރޭސް ވަނީ ޓްރަމްޕްގެ އިމިގްރޭޝަންއާ ބެހޭ ސިޔާސަތާއި، އަދި މަޔާމީ ސިޓީގެ ދިރިއުޅުމުގެ ޚަރަދު ބޮޑުވުމުގެ މައްސަލަތައް ބަހުސަކަށް ވެފައެވެ.
މައިގަނޑު ދެ މައްސަލައެއްގެ ސަބަބުން ވޯޓުލާ މީހުންގެ ނިންމުން ބަދަލުވިއެވެ.
އިމިގްރޭޝަންގެ މައްސަލަ: ހިސްޕެނިކް މުހާޖިރުންނާ ދެކޮޅުވެރި ސިޔާސަތު
މަޔާމީ ސިޓީގެ 67 ޕަސެންޓަކީ ހިސްޕެނިކް ނަސްލުގެ މީހުންނެވެ. އަދި 55 ޕަސެންޓަކީ ބޭރު ގައުމުތަކުން އައިސް ދިރިއުޅޭ މީހުންނެވެ.
މިކަމުގެ ސަބަބުން އިމިގްރޭޝަންގެ ގާނޫނުތައް ހަރުކަށިކުރުމުގެ ސިޔާސަތުތައް ވަނީ އާންމުން ނުރުހޭ ކަމަކަށް ވެފައެވެ.
ސިއްރު ފުލުހުންގެ އިމިގްރޭޝަން ރެއިޑްތަކާއި މީހުން ވަގަށް ނެގުމުގެ ސަބަބުން މުޖުތަމައުތަކަށް ވަނީ ބުރޫ އަރާފައެވެ.
ކުރިން ޓްރަމްޕަށް ތާއީދު ކުރި ރިޕަބްލިކަން މެންބަރުންގެ ތެރެއިން ވެސް ގިނަ ބަޔަކު ވަނީ މި ސިޔާސަތުތަކާ ދެކޮޅު ހަދާފައެވެ.
ދިރިއުޅުމުގެ ޚަރަދު ބޮޑުވުމުގެ މައްސަލަ
މަޔާމީ އަކީ އެމެރިކާގެ އެންމެ ބޮޑަށް ބޯހިޔާވަހިކަމުގެ މައްސަލައިގެ ދަތިކަން ކުރިމަތިވެފައިވާ ސިޓީތަކުގެ ތެރޭގައި ހިމެނޭ ސިޓީއެކެވެ. ތަކެތީގެ އަގު ބޮޑުވުމާއި ކުލި ބޮޑުވުމުގެ ސަބަބުން، މަޔާމީ-ޑޭޑް ކައުންޓީގެ 56 ޕަސެންޓް ވޯޓުލާ މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ދިއުމަށް ވިސްނަމުންދާ ކަމަށް ބުނެފައެވެ.
ހިގިންސްގެ ކެމްޕޭނުގެ މައިގަނޑު ވައުދުތަކުގެ ތެރޭގައި ހިމެނުނީ ދިރިއުޅެވޭ ފެންވަރުގެ ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިކުރުމާއި، ކުދި ވިޔަފާރިތަކަށް އެހީތެރިވުމާއި، އަދި ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކުރުމުގެ ވައުދެވެ.
ސިޔާސީ ބަދަލުތަކާއި ކުރިއަށް އޮތް މަސްރަހު
ޓްރަމްޕްގެ ތާއީދު މި އިންތިޚާބުގައި އޮތުމުގެ ސަބަބުން، މި ރޭސް އިތުރަށް ވާދަވެރިވިއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި، އިމިގްރޭޝަންގެ މައްސަލައިގައި ރިޕަބްލިކަން ޕާޓީން ގެންގުޅުނު ހަރުކަށި ސިޔާސަތުގެ ސަބަބުން، އެމީހުންނަށް މިފަހަރުގެ އިންތިޚާބު ގެއްލުނީއެވެ.
މި ނަތީޖާއަކީ، މި ސަރަހައްދުގައި ފަހަކަށް އައިސް ބަލިވަމުންދިޔަ ޑިމޮކްރެޓިކް ޕާޓީއަށް ލިބުނު ބާރެކެވެ. މަޔާމީގެ މި ނަތީޖާ އަކީ ނިއު ޖާޒީ، ވާޖިނިއާ، އަދި ޓެނެސީ ފަދަ ސްޓޭޓްތަކުގައި ޓްރަމްޕްގެ ސިޔާސަތުތަކަށް ރައްދު ދިނުމުގެ ގޮތުގައި ރައްޔިތުން ނިންމި ނިންމުންތަކާ އެއްގޮތް ނަތީޖާއެކެވެ.






