ސަތޭކަ ވަރަކަށް އަހަރަށް ފަހު ތާރީޚު އިޢާދަވުން!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
ޖޫން 21, 2026

އެމެރިކާއާ އީރާނާ ދެމެދު ޞުލްޙައިގެ މުޢާހަދާއެއްގައި ސޮއިކުރެވުނު އިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕަށް އިތުރު ލަދުވެތިކަމަކާ ކުރިމަތިލާން ޖެހިއްޖެއެވެ. މިކަން އަދި އެއްވެސް ފަރާތަކުން މާބޮޑަށް ފާހަގަކޮށްފައި ނުވެއެވެ. ފަރަންސޭސި މުޙައްލިލެއް ކަމަށްވާ އާރނައުޑް ބާރޓްރަންޑް ލިޔެފައިވާ ގޮތުގައި، ފަރަންސޭސިވިލާތުގެ ވާރސައިލްގައި، އަމާންދިނުމުގެ މުޢާހިދާގައި ޓުރަމްޕް ސޮއިކުރުމާއި، އަދި ބޮޑު ޢަދަދަކުން އީރާނަށް ބަދަލު ދިނުމަށް އެއްބަސްވުމަކީ އެއީ ވަރަށް ބޮޑު ލަދުވެތި ކަމެކެވެ.

ވީ ކިހިނެއް ހެއްޔެވެ؟ ވާރސައިލްއަކީ ކޮންތަނެއް ހެއްޔެވެ؟ ވާރސައިލްއަކީ ފަރަންސޭސިވިލާތުގެ ސަހަރެކެވެ. އެމެރިކާ، އީރާނު މުޢާހަދާގައި، ޑޮނަލްޑް ޓްރަމްޕު ސޮއިކުރީ ފަރަންސޭސިވިލާތުގެ ވަރސައިލްގެ ”ވަރސައިލް ގަނޑުވަރު“ ގައެވެ. އެ ރަސްމިއްޔާތުގައި ފަރަންސޭސި ރައީސް އެމަނުއަލް މެކްރޯންވެސް ބައިވެރިވެ ވަޑައިގަތެވެ. 1919 ގައި، ފުރަތަމަ ބޮޑު ހަނގުރާމައިގެ ބަލި ޤަބޫލުކޮށް އަމާންދީ ޖަރުމަނުވިލާތުން ”ވަރސައިލް މުޢާހިދާ“ ގައި ސޮއިކުރީ ހަމަ އެ ސަހަރުގެ، އެ ގަނޑުވަރުގައެވެ. އަދި އެ މުޢާހަދާގައި އިއްތިހާދީ ބާރުތަކަށް ލިބުނު ގެއްލުންތަކުގެ ބަދަލުގައި ފަައިސާއިން ބޮޑު ބަދަލެއް ދިނުމަށްވެސް ޖަރުމަނުން އެއްބަސްވިއެވެ. ޖަރުމަނުވިލާތަށް ވަރސައިލް ވެގެން ދިޔައީ ނިކަމެތިކަމާއި، ލަދުވެތިކަމުގެ ޢަލާމާތަކަށެވެ. ނަސީބު ކަންދިމާ ކުރި ގޮތް ނިކަން ދެކިބަލާށެވެ. އީރާނާއެކު ޞުލްޙައިގެ މުޢާހަދާގައި ސޮއިކުރަން އެމެރިކާއަށް އަދި ޓުރަމްޕަށްވެސް މިޖެހުނީ ހަމަ އެ ސަހަރުގެ ވަރސައިލް ގަނޑުވަރުގައެވެ.

ޖަރުމަނުވިލާތަކީ އެ ޒަމާނުގެ ސްޕަރޕަވަރެވެ. އަދި ޖަރުމަނުވިލާތް ފުރަތަމަ ބޮޑު ހަނގުރާމައިން ބަލިވީ، އެ ޤައުމަށްވުރެ، އެތައް ގުނައެއް ކުޑަ، އަދި ބާރުދެރަ ޤައުމުތަކެއްގެ އަތުންނެވެ. އެމެރިކާއަށްވެސް ކުރިމަތިމިވީ އެފަދަ ގޮތެކެވެ. ހަޤީޤަތުގައި އީރާނު އަތުން ބަލިވީއެވެ. ޖަރުމަނުވިލާތެކޭ އެއްގޮތަށް އެމެރިކާއިންވެސް ބަލި ޤަބޫލުކޮށް، އީރާނަށް 300 ބިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށް އެއްބަސްވެ، ވަރސައިލްގައި އަމާންދިނުމުގެ މުޢާހަދާއެއްގައި ސޮއިކުރީއެވެ.

ޓުރަމްޕަށް މިވަރުގެ ލަނޑެއް ދިނީ ކާކު ހެއްޔެވެ؟ އާނައުޑު ލިޔެފައިވާ ގޮތުގައި، ޓުރަމްޕް ލައްވާ އެކަން ކުރުވީ މެކްރޯންއެވެ. 20 ވަނަ ޤަރުނުގެ އެންމެ މުހިންމު މުޢާހަދާގައި ސޮއިކުރެވުނީ ވަރސައިލްގައި ކަމަށްވީތީ، އެ ސަހަރުގައި އެމެރިކާ އީރާނު މުޢާހަދާގައި ސޮއިކުރުމުގެ ޙައްޤު ޓުރަމްޕަށް މާބޮޑު ކަމަށް ބުނެ ޓުރަމްޕަށް އޮޅުވާލައި، އެންމެފަހުން ޓުރަމްޕު ފަޟީޙަތްކޮށް ދުނިޔޭގެ ކުރިމަތީގައި ބޭޒާރުކޮށްލީއެވެ.

ޓުރަމްޕަކީ، އެއްވެސް ވަރަކަށް ދުނިޔޭގެ ތާރީޚު އެނގޭ މީހެއް ނޫނެވެ. މެކްރޯން ޤަސްތުގައި، ޓުރަމްޕް ލައްވާ ވަރސައިލްގައި ސޮއިކުރުވީ، އެތަނަކީ ޖަރުމަނުވިލާތްވެސް ފުރަތަމަ ބޮޑު ހަނގުރާމައިން ބަލިވެ، ލަދުވެތިކަމާއި ކުރިމަތިލާން ޖެހުނު ސަހަރު ކަމަށް ވީތީ، އެމެރިކާއާއި، ޑޮނަލްޑް ޓުރަމްޕްވެސް އެ މަޅީގައި ޖައްސައި ދުނިޔޭގެ ކުރިމަތީގައި ފަޟީޙަތް ކުރުމަށްޓަކައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *