މުސްކުޅިވުން ހުއްޓުވައިދޭ ޤުދުރަތީ ސިއްރު

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
ޖޫން 17, 2026

އިންސާނުން މުސްކުޅިވުން ހުއްޓުވައިދޭ ވަރަށް މުހިންމު ސިއްރުތަކެއް ޖަޕާންގެ ސައިންސްވެރިންގެ ދިރާސާ ޓީމަކުން ހޯދައިފިއެވެ. އެކަމަކު، މީގެ 1400 އަހަރު ކުރިން ކީރިތި ޤުރުއާނުގައި އެވާހަކަ ވަރަށް ފުރިހަމަ ހިސާބީ ނިސްބަތާއެކު ބަޔާން ކުރައްވާފައި ވާކަން އެނގޭ ހެއްޔެވެ؟ މިއީ އާންމު ވާހަކައެއް ނޫނެވެ. މިއީ ސައިންސުގެ ދުނިޔޭގެ މާހިރުން ހައިރާންކޮށްލި ސައިންސީ މުޢުޖިޒާތެކެވެ.

އަހުރެމެން އިންސާނުންގެ ސިކުނޑިން ވަރަށް އާދަޔާ ޚިލާފު ބާރުގަދަ ޕްރޮޓީނެއް އުފައްދައެވެ. އެ ޕްރޮޓީންގެ ނަމަކަށް ކިޔަނީ ”މެޓަލޯތައިމިން“ އެވެ. އެ ކެމިކަލަކީ އަހުރެމެންގެ ސެލްތައް މަރުވުމުން ދުރުކޮށްދޭ އެއްޗެކެވެ. އަދި އަހުރެމެންގެ ހަށިގަނޑުގައި ދައުރުވާ ލޭ ސާފުކޮށްދީ، އަހުރެމެންގެ ޒުވާންކަން އިތުރުކޮށްދީ، ހަކަތަ އިތުރުކޮށްދެއެވެ. އެކަމަކު، ސައިންސްވެރިން ބުނަނީ އިންސާނުންގެ ޢުމުރުން 35 އަހަރަށްވުރެ މައްޗަށް ދިއުމުން، މިދެންނެވި މެޓަލޯތައިމިން އުފެއްދުން، ބާރު ދުވެލީގައި ދަށަށްދާން ފަށާ ކަމަށެވެ. އަދި ޢުމުރުން 35 އަހަރުން ފެށިގެން 60 އަހަރާއި ހަމައަށް މިދެންނެވި މެޓަލޯތައިމިން އުފެއްދުމުގެ ބާރު ދަށްވަމުން ދެއެވެ. އޭގެ ސަބަބުން އިންސާނުން މުސްކުޅިވުމާއި، ބަލިވުމާއި، އަދި ބަލިކަށިކަން މެދުވެރިވާން ފަށައެވެ.

މި ދިރާސާއަށް ފަހު ޖަޕާންގެ ސައިންސުވެރިންގެ ޓީމުން މަސްނޫޢީ ގޮތުން މެޓަލޯތައިމިން އުފެއްދުމަށް ބުރަ މަސައްކަތްތަކެއް ކުރިއެވެ. އެކަމަކު އެކަމުގައި އެމީހުން ނާކާމިޔާބުވިއެވެ. ދެން އެމީހުން ބެލީ ޤުދުރަތީ އުފެއްދުންތަކުގެ ތެރެއިން އެ ކެމިކަލް ފެނޭތޯއެވެ. އެތައް އަހަރެއްގެ ދިރާސާއަކަށްފަހު، ދެ މޭވާއެއްގެ ތެރެއިން އެ އަގުބޮޑު ކެމިކަލް ޖަޕާނުގެ ސައިންސްވެރިންގެ ޓީމަށް ފެނުނެވެ. އެތަނުން އެއް މޭވާއަކީ ވައްތީންޏެއެވެ. އަދި އަނެއް މޭވާއަކީ ޒައިތޫންޏެވެ. އެކަމަކު، ހަމައެކަނި ވައްތީނި ނުވަތަ ހަމައެކަނި ޒައިތޫނި ކެޔަސް، އެ ކެމިކަލް ޙަރަކާތްތެރިއެއް ނުވެއެވެ. ސައިންސުވެރިންގެ ޓީމުން ލެބޯޓްރީތަކުގައި އެތައް ހާސް ތަޙުލީލުތަކެއް ކުރިއެވެ. އަދި އެންމެފަހުން، އެމީހުންނަށް އެ ފޯމިއުލާ ހޯދުނެވެ. ސައިންސްވެރިންގެ ތަޙުލީލުތަކުން ދެއްކި ގޮތުގައި، އެއް ވައްތީންޏާއި އަދި ހަތް ޒައިތޫނި އެކު އެކީ ކެއުމުން އިންސާނާގެ ސިކުނޑިން މެޓަލޯތައިމިން އުފައްދަން ފަށައެވެ. އަދި އިންސާނާ މުސްކުޅިވުން ހުއްޓުވައިދީ، ހަކަތަ އިތުރުކޮށްދީ، ވިސްނުމުގެ ބާރުގަދަކޮށްދެއެވެ.

އެ ދިރާސާ ޝާއިޢުކުރުމާ ގުޅިގެން މިޞްރުގެ އަޒުހަރު ޔުނިވަރސިޓީގެ ކީރިތި ޤުރުއާން ދިރާސާ ކުރައްވާ ޢިލްމުވެރިއެއް ކަމަށްވާ ޑޮކްޓަރު ޠާހާ އިބްރާހިމް ޚަލީފާ ޖަޕާނުގެ ދިރާސާ ޓީމަށް ސިޓީއެއް ލިޔުއްވައި، މުސްލިމުންގެ މުޤައްދަސް ފޮތް ކަމަށްވާ ކީރިތި ޤުރުއާނުގައި، الله ތަޢާލާ ވައްތީންޏާއި، އަދި ޒައިތޫނި ގަންދެއްވައި ހުވާ ވަޙީ ކުރައްވާފައިވާކަން އަންގަވާފައިވެއެވެ.

ޑޮކްޓަރ ޠާހާ އިބުރާހީމަކީ އަޒުހަރު ޔުނިވަރސިޓީގެ ބޭސްވެރިކަމާއި ބެހޭ ފަތްޕިލާވެލީގެ ދިރާސާތައް ކުރައްވާ ޕްރޮފެސަރެކެވެ. އެހެންކަމުން، އޭނާ ކީރިތި ޤުރުއާނުގެ އަލީގައި އިތުރު ދިރާސާތައް ހެއްދެވުމުން، ކީރިތި ޤުރުއާނުގައި ވައްތީނީގެ ވާހަކަ އެއްފަހަރު އަދި ޒައިތޫނިގެ ވާހަކަ ހަތް ފަހަރު ބަޔާން ކުރައްވާފައި ވާކަން އެނގިވަޑައިގަތެވެ. ޕްރޮފެސަރ ޠާހާ އިބްރާހިމް ކީރިތި ޤުރުއާން ދިރާސާކޮށްގެން ހޯދި ހޯދުންތައް ޖަޕާނުގެ ޓީމަށް ހުށަހެޅުމުން، އެ ޓީމުގެ ދިރާސާގެ 14 ޤަރުނު ކުރިން ކީރިތި ޤުރުއާނުގައި އެ ޢިލްމީ ޙަޤީޤަތްތައް ހާމަކޮށްފައިވާކަން އެނގުނެވެ. ނަތީޖާއެއްގެ ގޮތުން ޖަޕާނުގެ ޓީމުގެ އިސްވެރިޔާ އިސްލާމްދީން ޤަބޫލުކޮށް، ޑރ، ޠާހާ އިބްރާހީމަށް، އެ ޓީމުގެ ދިރާސާގެ ކްރެޑިޓް ހަދިޔާކުރިއެވެ.

ކީރިތި ޤުރުއާނުގެ سورة التين ގައި، الله ﷻ ވައްތީންޏާއި، އަދި ޒައިތޫނި ގަންދެއްވައި ހުވާ ވަޙީކުރައްވާފައިވެއެވެ.

وَٱلتِّينِ وَٱلزَّيْتُونِ (١) وَطُورِ سِينِينَ (٢) وَهَـٰذَا ٱلْبَلَدِ ٱلْأَمِينِ (٣) لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِىٓ أَحْسَنِ تَقْوِيمٍۢ (٤) މާނައީ:

ވައްތީންޏާއި، ޒައިތޫނި ގަންދެއްވަމެވެ. (1) އަދި ޠޫރުސީނާ ގަންދެއްވަމެވެ. (2) އަދި އަމާންކަން ލިބިގެންވާ މި ރަށް (އެބަހީ: މައްކާ) ގަންދެއްވަމެވެ. (3) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި ސޫރައިގައި އިންސާނާ ހެއްދެވީމެވެ. (4)

ޑޮކްޓަރު ޠާހާ އިބްރާހީމް ވިދާޅުވާ ގޮތުގައި ކީރިތި ޤުރުއާނުގެ އިސްވެ ދެންނެވި އާޔަތްތަކުގައި، الله ﷻ ފުރަތަމަ ވައްތީންޏާއި، ޒައިތޫނި ގަންދެއްވައި ހުވާ ވަޙީކުރައްވައި، އަދި އޭގެފަހުން އިންސާނާ ޚަލްޤު ކުރެއްވި ވާހަކަ ބަޔާން ކުރައްވާފައިވާ ކަމީ، ހަމަގައިމުވެސް ވަރަށް ބޮޑަށް ވިސްނައި ފިކުރުކުރަންޖެހޭ ކަމެކެވެ.

އެންމެ އަޖާއިބުވާންޖެހޭ ކަމަކީ މުޅި ކީރިތި ޤުރުއާނުގައި ވައްތީނީގެ ވާހަކަ ވަޙީކުރައްވާފައި ވަނީ އެންމެ ފަހަރަކުއެވެ. އަދި ޒައިތޫނި، އެ ލަފުޒު ވަޙީކުރައްވާފައި ވަނީ 7 ފަހަރުއެވެ. ޖަޕާނުގެ ސައިންސުވެރިންނަށް އެތައް އަހަރެއްގެ ދިރާސާއިން ހޯދުނު ހަތެއް އެކެއްގެ ފޯމިއުލާ، ކީރިތި ޤުރުއާނުގައި ވަނީ އެއްވެސް ތަފާތެއް ނެތި، އޭގެ 1400 އަހަރު ކުރިން ބަޔާން ކުރައްވާފައެވެ. އެއްވެސް ލެބޯޓްރީއެއް ނެތި، އެހާ ފުރިހަމަ ޙަޔާތިޔާތީ ފޯމިއުލާއެއް، ކީރިތި ޤުރުއާނުގައި ބަޔާން ކުރެއްވީ ކާކު ތޯއެވެ؟ الله ގެ ވަޙީ ބަސްފުޅުގެ ތެދުކަން، މި ދިރާސާއިންވެސް ސާބިތުކޮށްދެއެވެ. سبحان الله!

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *