ބެންގޫރިއަން ކެނަލް

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
ޖޫން 11, 2026

މިޞްރުގެ ސުއޭޒް ކެނަލާ ވާދަކުރެވިދާނެ މަޝްރޫޢެއްގެ ގޮތުގައި އިޒުރޭލުން ހުށަހަޅާފައިވާ މަޝްރޫޢެއް ކަމަށްވާ ”ބެންގޫރިއަން ކެނަލް“ ގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟

އެންމެފުރަތަމަ، މި ޚިޔާލު އުފެދުނީ 1960 ގެ އަހަރުތަކުގެ ތެރޭގައެވެ. އޭގައި ހިމެނެނީ ގަލްފު އޮފް ޢަޤަބާގައި އޮންނަ އީލާޓް ބަނދަރުން ފެށިގެން، ނެގޭވް ސަހަރާތެރެއިން ލާފައި، ބަޙުރުލް މައްޔިތު ނުވަތަ ޑެޑްސީއާއެކު، މެޑިޓްރޭނިއަން ކަނޑާ ގުޅުވައިދޭ ފެނުގެ މަގެއް ހެދުމެވެ. އެ ކެނަލް މެޑިޓްރޭނިއަން ކަނޑާއި، ގުޅޭނީ ފަލަސްޠީނުގެ އަޝްޤަލާން އިންނެވެ. އަދި އެއީ ޣައްޒާއާއި ވަރަށް ކައިރި ސަރަޙައްދެކެވެ. އެ ކެނަލްގެ ދިގުމިނަކީ ގާތްގަނޑަކަށް 300 ކިލޯމީޓަރެވެ. އެއީ ސުއޭޒް ކެނަލަށް ވުރެ ގާތްގަނޑަކަށް 193 ކިލޯ މީޓަރު ދިގު މިންވަރެކެވެ.

ބެންގޫރިއަން ކެނަލާއި ޣައްޒާއާއި ގުޅެނީ، ދެމިލިއަނަށް ވުރެ ގިނަ ފަލަސްޠީނު މީހުން ދިރިއުޅޭ ޣައްޒާގެ އުތުރު ސަރަޙައްދީ ރޮނގު ކައިރިންނެވެ. އިޒުރޭލުން ޣައްޒާ ސުންނާފަތި ކުރުމުގެ ބޭނުމަކީ، އެ ކެނަލް ހެދުމަށް ބިންސާފުކޮށް ފަލަސްޠީނުގެ ރައްޔިތުން، އެ ބިމުން ނެރެލުމެވެ.

އިޒުރޭލުގެ ނޫހެއް ކަމަށްވާ ހާރެޓުޒްގައި ނެރުނު ރިޕޯޓެއްގައި ބުނާގޮތުން އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސް އިން ހިންގި އޮޕަރޭޝަނާ ބެހޭ ގޮތުން ކުރިން ލިބުނު ޖާސޫސީ އިންޒާރުތަކަށް ނަތަންޔާހޫ ސަރުކާރުން އަޅާނުލީ، އެ ޙަމަލާ ބަހަނާއެއްގެ ގޮތުގައި ބޭނުންކޮށްގެން ’ގާޒާ ސާފުކުރުމުގެ ކެމްޕޭން‘ ފެށުމަށް ކަމަށް ކުރެވޭ ތުހުމަތު މިވަނީ އިތުރަށް ބޮޑުވެފައެވެ. މިހާރު ލަފާކުރާ ގޮތުގައި އެ ކެނަލް ހެދުމަށް ހުށަހަޅާފައިވާ މަގު ފުންކުރެވޭނީ ސީދާ އުތުރު ޣައްޒާ ތެރެއިން ލާފައެވެ. 2020 ވަނަ އަހަރު، ޢަރަބި ޢިމާރާތާއި އިޒުރޭލާ ދެމެދު ”އަބްރަހަމް އެކޯޑްސް“ މުޢާހަދާގައި ސޮއިކުރުމަށްފަހު، ދެފަރާތުން ގުޅިގެން އެ މަޝްރޫޢު ހިންގުމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ. އެ މަޝްރޫޢުގެ މަޤުޞަދަކީ ރަތް ކަނޑާއި، މެޑިޓެރޭނިއަން ކަނޑު ގުޅުވައިދޭ ޝިޕިން ރޫޓްގެ ބަދަލުގައި އެހެން މަގެއް ހެދުމެވެ.

ނަމަވެސް، ފެށުނީއްސުރެ އެ މަޝްރޫއަށް ދިޔައީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންނެވެ. ނެގޭވް ސަހަރާގެ ހަނަފަސް ބިމާއި، ބޮޑެތި ފަރުބަދަތަކުގެ ސަބަބުން ކެނަލް ހެދުމަކީ އިންތިހާއަށް ދަތި އުނދަގޫ، އަދި ޚަރަދު ބޮޑު މަސައްކަތަކަށް ވިއެވެ. ލަފާކުރެވޭ ގޮތުގައި، އެ ކެނަލް ހެދުމަށް 55 ބިލިއަން ޑޮލަރާއި 100 ބިލިއަނާ ޑޮލަރާއި ޢަދަދެއް ޚަރަދުވާނެއެވެ.

އޭގެ އިތުރުން ސިޔާސީ ސަބަބުތަކާއި، ސަލާމަތީ ސަބަބުތަކާއި، އަދި ތިމާވެށީގެ ބޮޑެތި ގޮންޖެހުންތައް ވެސް ކުރިމަތިވިއެވެ. އަދި، ކެނަލުގެ ސަބަބުން، އެ ސަރަޙައްދުގެ ނާޒުކު އިޤުތިޞާދާއި އަދި ޖިއޮޕޮލިޓިކަލް ތަވާޒުނަށް ބަދަލު އަންނާނެ ކަމަށް ބެލެވެއެވެ. އެ ސްކޭލްގެ ކޮންމެ މަޝްރޫޢަކަށް ދިގުމުއްދަތުގެ ހަމަޖެހުމާއި، ބޮޑެތި ވުނަތަކާއި، އަދި އުނދަގޫ ސަލާމަތީ ކަށަވަރުކަން ބޭނުންވެއެވެ.

ޚާއްޞަކޮށް ސުއޭޒް ކެނަލްގެ ބަދަލުގައި، އެހެން ކެނަލެއް ހެދުމަށް މަޝްވަރާކުރާއިރު، މީޑިއާގައި ދޭތެރެ ދޭތެރެއިން ”ބެންގޫރިއަން ކެނަލް“ މި ނަން އަލުން ފެންމަތިވި ނަމަވެސް، އެ މަޝްރޫޢަކީ، މިއަދާ ހަމައަށްވެސް، ޢަމަލީ ތަޞައްވުރަކަށްވުރެ ބޮޑަށް ތިއަރީގައި ކުރަހާފައިވާ އިސްތިރާޖީ ޚިޔާލެކެވެ.

ސުއޭޒް ކެނަލް އަދިވެސް އޮތީ، ދުނިޔޭގެ އެންމެ މުހިންމު އެއް ފެންމަގުގެ ގޮތުގައެވެ. އެއީ، އިރުމައްޗާއި، ހުޅަނގާއި ދެމެދު ބައިނަލްއަޤުވާމީ ވިޔަފާރީގެ ބޮޑު އިންސައްތައެއް ހުރަސްކުރަމުންދާ ފެންމަގެކެވެ.

މިހާރު އުފެދޭ ސުވާލަކީ، ބެންގޫރިއަން ކެނަލަށް ދުވަހެއްގެ ކޮޅުންވެސް އިރުގެ އަލިކަން ފެނިދާނެ ހެއްޔެވެ؟ ނުވަތަ، އެއީ ހަމައެކަނި ކަރުދާހުގައި ދެމިއޮންނާނޭ ޚިޔާލީ ބޮޑު މަޝްރޫޢެއް ހެއްޔެވެ؟

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *