ތަހުގީގު ހިންގީ އިޖުރާއަތްތަކާ އެއްގޮތަށް
އިމްގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރޖެނެރަލް، މުޙައްމަދު ޝަމްޢާން ވަޙީދާއި މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނުހައްގު މާލީ މަންފާ ހޯދައި، އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑަރިންގެ ޢަމަލުތައް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށެވެ.
ތަހުގީގު ފެށުމާއެކު މީޑިއާއާ ހިއްސާކުރި
މި މައްސަލައިގެ ތަހުގީގު ފެށުމާއެކު، 2025 މާރިޗު 21 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެ މައްސަލައާ ގުޅޭ މައުލޫމާތު މީޑިއާތަކާ ހިއްސާކޮށްފައެވެ. އެއަށް ފަހު، މައްސަލައިގެ ތަހުގީގުގެ އަދާހަމަ އެކިފަހަރުމަތިން މީޑިއާތަކާ ވާނީ ހިއްސާކޮށްފައެވެ. އަދި އެ މައްސަލައިގެ ތަހުގީގުގެ ހޯދުންތަކުގެ ތަފްސީލު ހާމަކުރުމަށް 2025 މޭ 13 ވަނަ ދުވަހު މީޑިއާ ބްރީފިންގ އެއް ބާއްވާފައިވެއެވެ.
އޮޕަރޭޝަންގެ މަޢުލޫމާތު ޝަމްޢާނަށް އެނގޭ
މި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއް ރޭވުމުގެ މަރުހަލާއިން ފެށިގެން އެ އޮޕަރޭޝަން ތަންފީޒުކުރުމާ ހަމައަށް ހިނގި ހުރިހާ ކަމެއް މުޙައްމަދު ޝަމްޢާން ވަޙީދަށް އެނގޭކަން ތަހުގީގަށް ވަނީ ކަށަވަރު ކުރެވިފައެވެ. މި އޮޕަރޭޝަން 2025 މާރިޗު 11 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ނަމަވެސް، އޭގެ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ކުރިން ޝަމްޢާންގެ އޮފީހުގައި މިކަމާ ގުޅޭ މަޝްވަރާތައް ބާއްވާފައިވާކަންވެސް ތަހުގީގަށް އެނގިފައިވެއެވެ.
ބިދޭސީން އިމިގްރޭޝަނަށް ގެނައިކަން އެންގި
މި މައްސަލައާ ގުޅުންހުރި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ރޭ، އެ މައުލޫމާތު ޝަމްޢާނަށް ދީފައިވެއެވެ. އެއަށްފަހު، އެ ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލުމުގެ އިޖުރާއަތްތައް ފަށާފައިވެއެވެ. އެގޮތުން، ސްޕޮންސަރުގެ ނަމުގައި އީމެއިލް މެދުވެރިކޮށް ފޮނުވި ސިޓީއެއް އިމިގްރޭޝަނަށް ލިބުމާއެކު، އެއީ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ މީހާ ދޫކޮށްލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމާގުޅޭ މުވައްޒަފުންނަށް ޝަމްޢާން އިރުޝާދު ދިންކަންވެސް ތަހުގީގަށް އެނގިފައިވެއެވެ.
ބިދޭސީ މީހާ ގޮވައިގެން އިމިގްރޭޝަނުގެ ދެމުވައްޒަފަކު ދިއުން
ތަހުގީގަށް އިތުރަށް ހާމަވެފައިވާ ގޮތުގައި، އެ ބިދޭސީ މީހާ ދޫކޮށްލުމަށްފަހު، މި މައްސަލައިގައި ތުހުމަތުކުރެވޭ އިމިގްރޭޝަންގެ ދެ މުވައްޒަފަކު އެ މީހާ ގޮވައިގެން އިމިގްރޭޝަންގެ ވެހިކަލެއްގައި މާލެ ތެރޭގައި ދަތުރުކުރިއެވެ. މި ދަތުރުގެ ތެރޭގައި، އެ މީހާ ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން ދޭންޖެހޭ ފައިސާއާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ފައިސާގެ އަދަދު ކަށަވަރުކުރުމަށް މުޙައްމަދު ޝަމްޢާން ވަޙީދާ ގުޅާފައިވާކަން ވެސް ވަނީ އެނގިފައެވެ. މިކަމަށް އެއްބަސްވެފައިވަނީ 500,000 (ފަސްލައްކަ) ދިވެހި ރުފިޔާއަށެވެ.
މީގެއިތުރުން، ވެހިކަލް ޕާކުކުރުމަށްފަހު އިމިގްރޭޝަންގެ އެ ދެ މުވައްޒަފުން ސައިކަލެއްގައި ޝަމްޢާން ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ގޮސްފައިވާކަން ތަހުގީގަށް ވަނީ ހޯދިފައެވެ. އެމީހުން ޝަމްޢާން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތަށް ވަދެފައިވަނީ ދަންވަރު 3:00 އެހައިކަންހާއިރު ފައިސާ ހުރި ކޮތަޅެއް ހިފައިގެންނެވެ. އޭގެ ގާތްގަނޑަކަށް ތިން މިނެޓް ފަހުން އެމީހުން އެ އިމާރާތުން ނުކުތްއިރު، އެމީހުންގެ އަތުގައި އެ ފައިސާ ކޮތަޅެއް ނެތެވެ.
ޝަމްޢާން އެކައުންޓަށް ދެލައްކައަށްވުރެ ގިނަ ދިވެހި ރުފިޔާ
އަދި ޖެހިގެން އައި 2025 މާރިޗު 13 ވަނަ ދުވަހު، މުޙައްމަދު ޝަމްޢާން ވަޙީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ދެ އެކައުންޓަކަށް ޖުމްލަ 259,837.35 (ދެލައްކަ ފަންސާސް ނުވަހާސް އަށްސަތޭކަ ތިރީސް ހަތް ރުފިޔާ ތިރީސް ފަސް ލާރި) ޖަމާކޮށްފައިވާކަން ވެސް ތަހުގީގަށް ހޯދިފައިވެއެވެ.
ތަހުގީގަށް ސީޔާސީ އެއްވެސް ނުފޫޒެއް ނެތް
މި ތަހުގީގަކީ ވަކި ނަތީޖާއެއް ނެރުމަށް ދުރާލައި ރާވައިގެން ހިންގި ތަހުގީގެއް ކަމަށާއި، ވަކި ގޮތަކަށް ބަޔާން ދިނުމަށް މީހުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ނުވަތަ ތަހުގީގުގެ ނިންމުންތަކަކީ ސިޔާސީ ފަރާތެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްނެތް ހަގީގަތާ ހިލާފު ތުހުމަތު ތަކެކެވެ. ތަހުގީގުން ނިންމާފައިވާ ހުރިހާ ނިންމުންތަކަކީވެސް ތަހުގީގަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން މި މުއައްސަސާއިން މިނިވަންކަމާއެކު ނިންމާފައިވާ ނިންމުންތަކެކެވެ.
އަދި ދަންނަވަމެވެ. މުޅި ތަހުގީގުގެ މަރުހަލާގައާއި އޭގެ ފަހުން ހިނގި ޝަރުއީ މަރުހަލާތަކުގައިވެސް، ތަހުގީގުގެ ބޭނުމަށް ހިފަހައްޓާފައިވާ ފޯނު ހުޅުވުމަށް ބޭނުންވާ ލޮކް ކޯޑު މުޙައްމަދު ޝަމްޢާން ވަޙީދު ދީފައިނުވެއެވެ. އެހެންކަމުން، އެ ފޯނުގައި ހުރި މައުލޫމާތުތައް ބަލައި ތަހުގީގު ކުރުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.
ފޯނުގައި ހެކި ހުރިކަމަށް ބުނުން
2026 ޖޫން 09 ވަނަ ދުވަހު މުޙައްމަދު ޝަމްޢާން، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އޭނާގެ ފޯނުގައި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް މީޑިއާ މެދުވެރިކޮށް ބުނި ނަމަވެސް، ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި އަދި 2025 ޑިސެމްބަރ 25 ވަނަ ދުވަހު މުޙައްމަދު ޝަމްޢާން ވަޙީދު ބަންދުން ދޫކޮށްލިފަހުން މިނިވަނެއްގެ ގޮތުގައި އުޅުނުއިރުވެސް އެފަދަ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ހިއްސާކޮށްފައެއް ނުވެއެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ގާނޫނީ މެންޑޭޓް އޮންނަ އެހެން އެއްވެސް މުއައްސަސާއަކަށްވެސް އެފަދަ މައުލޫމާތެއް ރަސްމީކޮށް ހުށަހަޅާފައިވާކަން ފުލުހުންނަށް އެނގިފައެއް ނުވެއެވެ.
ތަހުގީގު ކުރަނީ އެއްވެސް ނުފޫޒެއްނެތި
ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާ ހުރިހާ ތަހުގީގު ތަކަކީވެސް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ވަކި ފަރާތަކަށް ނުޖެހި، ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކުރިއަށްގެންދާ ތަހުގީގުތަކެކެވެ. ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބުނެ ކުރެވޭ ކޮންމެ ތުހުމަތަކާ ގުޅޭގޮތުންވެސް، އެކަށީގެންވާ ހެއްކެއް ނުވަތަ މައުލޫމާތެއް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެކަމެއް ދިރާސާކޮށް، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން އަރުވަމެވެ.
މިހާރު ވަނީ ހުކުމް ކޮށްފައި
މި މައްސަލައިގެ ތަހުގީގު ނިންމައި، ގަނޫނީ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައި އެ އޮފީހުން ދައުވާ އުފުލުމާ ގުޅިގެން ކުރިއަށްދިޔަ ޝަރުއީ މަރުހަލާތަކުގައި ހުށަހެޅުނު ހެކިތަކުގެ މައްޗަށް ބިނާކޮށް، ކްރިމިނަލް ކޯޓުން މިހާރު ވަނީ މި މައްސަލައިގައި ހުކުމް އިއްވާފައެވެ.
ނިންމުތަކަށް ފުލުހުންގެ އިހްތިރާމް
ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ދަށުން ކަނޑައެޅިފައިވާ އަދުލުގެ ނިޒާމަށާއި، ފަނޑިޔާރުގޭގެ މިނިވަންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފުރިހަމައަށް އިހުތިރާމްކުރަމެވެ. ކޯޓަކުން ނިންމާފައިވާ ނިންމުމަކާމެދު އެއްވެސް ފަރާތަކުން ހިތްހަމަނުޖެހޭނަމަ ނުވަތަ އެ ނިންމުމެއް މުރާޖައާކުރަންޖެހޭކަމަށް ދެކޭނަމަ، އެކަމަށް އޮތް ގާނޫނީ ހައްލަކީ ޝަރުއީ ނިޒާމުގެ ތެރެއިން ލިބިދޭ އިސްތިއުނާފުކުރުމުގެ ހައްގުގެ ބޭނުން ކުރުންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދެކެމެވެ.






