މާދަމާއަކީ އެމްޑީޕީއާއި އެޕާޓީގެ ސަޕޯޓަރުންނަށް ބޮޑުދުވަހެކެވެ. އެ ޕާޓީގެ މެންބަރުންގެ ބަހުރުވައިންނަމަ ރަންރީނދޫ ލަޝްކަރު އެއްވެ ބޮޑު ނިންމުމެއް ނިންމާ ދުވަހެކެވެ.
އެމްޑީޕީއަށް ޗެއަރ ޕާސަނަކު ހޮވުމަށް ބާއްވާ އިންތިޚާބު މާލެއާއި މުޅި ރާއްޖޭގައި މާދަމާ އޮންނާނެއެވެ. މި ހިސާބަށް މިއާދެވުނީ ވާދަވެރި ވަރުގަދަ ކެންޕޭނަކަށްފަހުއެވެ. އެއްކޮޅުން ވާދަކުރައްވަނީ ޕާޓީއަށް އެތައް ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދެވެ. އެމަނިކުފާނަކީ އެމްޑީޕީގެ ރައީސް ކަމާއި ޗެއަރޕާސަން ކަންވެސް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެމަނިކުފާނާ ވާދަކު ކުރައްވަނީ ގަލޮޅު ދެކުނުދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަޙުމަދު ނަސީމެވެ. އޭނާއަކީ ޕާޓީއަށް ޚިދުމަތް ކޮށްދެއްވަމުން ގެންދަވާ ޒުވާން ލީޑަރެކެވެ. މީކާއީލްގެ އެންމެ ބޮޑު މަދަދުގާރަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހާއި އެމަނިކުފާނުގެ ޓީމެވެ.
ރައީސް ނަޝީދަކީ އެމްޑީޕީއަށް އެތައް ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. އެކަން އެހާރުވެސް މިހާރުވެސް އެންމެން ބަލައިގަނެއެވެ. އެހެންނަމަވެސް ރާއްޖޭގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ނުކުންނެވީ އެމްޑީޕީ ނުވަތަ އެޕާޓީގެ ކެންޑިޑޭޓާ ދެކޮޅަށެވެ. ރައީސް މުޢިއްޒު ވެރިކަމަށް ގެންނެވުމަށް އެމަނިކުފާނު މަސައްކަތް ފެށްޓެވި ހިސާބުން އެމްޑީޕީގެ އެތައްބައެއްގެ ލޮލުން ކަރުނަ ހިލުނެވެ. އެތައް ބައެއްގެ ހިތުގައި ޖެހުނެވެ.
އެވަރުން ނުނިމެއެވެ. ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންކޮޅެއް އިސްވެ ތިއްބަވައިގެން ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. އަދި އެޕާޓީން އެމްޑީޕީއާ ވާދަކުރަން ރިޔާސީ ކެންޑިޑޭޓަކު ވެސް ނެރުނެވެ. ނަމަވެސް ކާމިޔާބީއާ ގާތަށް ވެސް ނާދެވުނެވެ. އެމްޑީޕީއަށް ވެސް ވެރިކަމެއް ނުލިބުނެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
އިންތިޚާބު ނިމި އެތައްކަމެއް ހިނގުމަށްފަހު މަންޒަރު ސާފުވިއެވެ. ރައީސް ނަޝީދު އެމްޑީޕީއަށް އަލުން ގެނެސްގެންނޫނީ ދެންވެސް ކުރިއަށް ނުދެވޭނޭކަމުގެ ޚިޔާލެއް އުފަންވިއެވެ. އެއާއެކު ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށް އެކި ލެވެލްގައި އެކި ބޭފުޅުން ދެންނެވިއެވެ. އެންމެފަހުން އެމަނިކުފާނު އެހުންނެވީ އަލުން އެމްޑީޕީއަށް ވަޑައިގެން ޕާޓީގެ މެންބަރުންނާއެކުގައެވެ.
ރައީސް ނަޝީދު ޕާޓީއާމެދު އަމަލު ކުރެއްވި ގޮތުން ހިތުގައި ޖެހި ލޮލުން ކަރުނަ އައިސްފައިވާ މީހުން މާދަމާ ވޯޓު ފޮށްޓާ ދިމާއަށް ހިނގައިގަންނާނީ އަދިވެސް އެކަރުނައިގެ ތެރޭގައެވެ. އަނެއްބަޔަކު ހިނގައިގަންނާނީ އެމަނިކުފާނަށް މާފުކުރުމަށްފަހު އައު އުންމީދަކާ އެކުގައެވެ. އެ މީހުންގެ ހިތުގައި ރައީސް ނަޝީދު ކޮށްދެއްވައިފައިވާ ޚިދުމަތްތައް އައުވާނެއެވެ. އާސަންދައެވެ. ދުވަސްވީ މީހުންނަށް ލިބޭ ފައިސާއެވެ. އެކަނިވެރި މައިންނަށް ލިބޭ އިނާޔަތްތަކެވެ. މިހެން ގޮސް އެތައްކަމެކެވެ.
ވޯޓަކީ ސިއްރު އެއްޗެކެވެ. އެއީ ޑިމޮކްރަސީގައި އާންމުންނަށް ލިބިފައިވާ އެންމެ ބޮޑުބާރެވެ. އެބާރު ބޭނުންކުރާގޮތް އެނގޭނީ އެމީހަކަށެވެ.
އަނެއްކޮޅުން ބާރުލާފައި މީކާއިލް ވިދާޅުވަމުން ގެންދަވަނީ ޒުވާނުންގެ ފައުޖަކަށެވެ. ޒުވާނުން ބާރުވެރި ކުރުމަށެވެ. އެކަން ކުރެވޭނީ އޭނާއަށް ވޯޓުދީގެން ކަމަށެވެ. އެމްޑީޕީގެ ހަރަކާތްތައް ރަށްރަށުގައި ހިންގޭނީ އޭނާ ހޮވައިގެން ކަމަށް އެބަ ވިދާޅުވެއެވެ. މި އަޑުއަހާ އެމްޑީޕީގެ މެންބަރުންވެސް މަދެއް ނޫނެވެ. އޭނާއަށް ތާއީދު ކުރާ މީހުން ބުނަނީ މީކާއީލާއެކުގައި އޮތީ އުންމީދު މުސްތަގުބަލެއް ކަމަށެވެ. އެމްޑީޕީއާއި ރައްޔިތުންނަށް އިތުރަށް ގެއްލުންވިޔަނުދިނުމަށް މީކާއީލަށް ވޯޓުދޭންޖެހޭ ކަމަށް އެފަދަ މީހުން ބުނެއެވެ. އެހެންވީމާ މާދާމާ ބާއްވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުން ހުރިހާ ރަހައެއް ފެންނާނެތާއެވެ. ކަރުނައެވެ. ހިތްދަތިކަމެވެ. ވޭނާއި ގިލަންވެރިކަމެވެ. އުންމީދާއި އުފާވެރިކަމެވެ. މުސްތަގުބަލް ކުރަހައިދޭ އިހްސާސް ތަކެވެ. ހަމަގައިމުވެސް މިއިން ކޮންމެވެސް އިހުސާސެއްނެތް މީހަކު މާދަމާ ވޯޓުލާން ނުދާނެއެވެ. ބަލަމާ ހިނގާށެވެ. ކާމިޔާބު ކުރާނީ އެންމެ ތާއިދުބޮޑު ކެންޑިޑޭޓު ކަމަށް ވިސްނުން ބައްޓަން ކުރަމާ ހިނގާށެވެ.






