"އޭ ޢުމަރެވެ. ގަޑިއަށް ހުކުރަށް ވަޑައިގެންނަވާށެވެ!"

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
ޖޫން 19, 2026
ހިތްވަރުގަދަ އަދި ޢަދުލުވެރި، މުސްލިމުންގެ ދެވަނަ ޚަލީފާ، އަމީރުލް މުއުމިނީން ޢުމަރުލް ފާރޫޤު رضي الله عنه ހުކުރު ނަމާދު ޖަމާޢަތުގައި އިމާމުވެ ކުރެއްވުމަށްޓަކާ މަސްޖިދުއް ނަބަވީއަށް ވަދެވަޑައިގަންނަވަނީއެވެ. އެވަގުތު، މަސްޖިދުއް ނަބަވީގެ ދޮރުކޮޅު މަތީގައި ހުންނަވާފައި އަބޫ އައްޔޫބުލް އަންސާރީ رحمه الله ވިދާޅުވިއެވެ. “ އޭ ޢުމަރެވެ. އަޅުގަނޑުމެންނަކީ، ކަލޭގެފާނުގެ ނޯކަރުންނެއް ނޫނެވެ. ގަޑިއަށް ވަޑައިގަންނަވާށެވެ. މިހެން ހުއްޓި ތިބޭތާ ވަރަށް ގިނަ އިރު ވެއްޖެއެވެ. މިހައި ލަހުން ތިވަޑައިގަތީ ކީއްވެގެންތޯއެވެ؟“
ޢުމަރުގެފާނަކީ ކޯފާވުން ވަރަށް ގަދަ ބޭކަލެކެވެ. އެކަމަކު، އެކަލޭގެފާނު ކޯފާވެވަޑައިގަންނަވަނީ، މީހަކު އަނިޔާވެރިކަން އިސްކުރާ ހިނދުގައެވެ. އެއްވެސް ކަމަކާ ނުލައި، މީހަކު ބުނާ އެއްޗަކާ މެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގެން، އެކަލޭގެފާނު ކޯފާވެ ވަޑައެއް ނުގަންނަވައެވެ. އަބޫ އައްޔޫބުލް އަންސާރީ ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ. އަދި ވިދާޅުވިއެވެ. ”ގަޑިއަށް ޖަމާޢަތަށް ވަޑައިގަންނަވާށެވެ. އަޅުގަނޑުމެންނަކީ ކަލޭގެފާނުގެ މުލާޒިމުންނެއް ނޫނެވެ.“
އެހިނދު، އެއްވެސް އެއްޗެކޭ ވިދާޅުނުވެ، ސައްޔިދުނާ ޢުމަރުލް ފާރޫޤު رضي الله عنه މިންބަރުކޮޅަށް އަރައިވަޑައިގެން ވިދާޅުވިއެވެ. “ ޔާ الله! އަބޫ އައްޔޫބުލް އަންޞާރީއަށް ރަޙުމަތް ލައްވާށިއެވެ. އެފަދަ ބޭކަލުން، އަޅުގަނޑުމެންގެ ތެރޭގައި ތިބިހާ ހިނދަކު، އެއްވެސް ވެރިޔަކު މަގު އޮޅިގެނެއް ނުދާނެއެވެ. ޔާ الله! އޭނާއަށް ހެޔޮގޮތްތައް މިންވަރު ކުރައްވާދޭނވެ! އޭނާ، ޢުމަރު ސަމާލުކަން ދޭންވީ ކަންތައްތައް ވިދާޅުވެދީ އެކަން ރަނގަޅު ކުރުވައިފިއެވެ.“ އަދި ވަރަށް ބޮޑަށް ކީރިތި ކުރައްވަން ފެއްޓެވިއެވެ. ކީރިތި ކުރައްވަމުން ވިދާޅުވިއެވެ.
”އޭ މުސްލިމުންނޭވެ! ޢުމަރަށް މާފުކުރާށެވެ. އެއްވެސް މީހެއްގެ ކުށެއް މިތާކު ނެތެވެ. އަޅުގަނޑުގެ އަތުގައި ލާނެ އެހެން ހެދުމެއް ނެތެވެ. ޢަބުދު لله ގެ މަންމަ، މި ހެދުން ދޮވެފައި ހިއްކަން އެޅީއެވެ. އަހުރެންނަކީ ފަޤީރަކީމެވެ. އަހުރެންގެ އަތުގައި ލާނެ ދެވަނަ ހެދުމެއް ނެތެވެ. އެހެންކަމުން ހެދުން ކުޑަކޮށް ހިކެންދެން މަޑުކުރުމުން ލަސްވީއެވެ. ތިބޭކަލުން ވަޑައިގެން ބައްލަވާށެވެ. އަދިވެސް ރަނގަޅަކަށް މި ހެދުމެއް ނުހިކެއެވެ. އަހުރެންނަށް މާފުކުރާށެވެ. ލަސްވުމުގައި އަހުރެންގެ ކުށެއް ނެތެވެ.“
އެ ހިސާބަށް ވިދާޅުވި ތަނާ، ހުކުރުނަމާދަށް ޖަމާޢަތަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ޞަޙާބީން ގިސްލަގިސްލާފައި ބާރުބާރަށް ކީރިތިކުރައްވަން ފެއްޓެވިއެވެ. އަދި އެންމެން އެއް އަޑަކުން ވިދާޅުވިއެވެ. “ ޔާ الله! މިފަދަ ވެރިން، ތާއަބަދު އަޅުގަނޑުމެންގެ މައްޗަށް އިސްކުރައްވާދޭނވެ!“
ނިކަން ވިސްނާލަބަލާށެވެ. ޢުމަރު رضي الله عنه ގެ ޚިލާފަތަކީ 2.2 މިލިއަން އަކަ މޭލުގެ ސަރަޙައްދަކަށް ފެތުރި ފުޅާވެފައިވާ ބޮޑު އަމްބަރާޠޫރިއްޔަތެކެވެ. މިހާރުގެ ސީރިއާއާއި، ޖޯޑަންއާއި، ލުބުނާނާއި، ޢިރާޤާއި، މިޞްރާއި، ލީބިޔާއާއި، ފާރިސްކަރައިގެ ސާސާނީ ދައުލަތުގެ ދަށުގައިވާ އީރާނާއި، އަފްޣާނިސްތާނާއި، ޖޯޖިއާއާއި، އާޒަރުބައިޖާނާއި، އަރުމީނިޔާއާއި، ތުރުކުމެނިސްތާނާއި، އަދި ދެކުނު ހުޅަނގު ޕާކިސްތާނުގެ ގިނަ ބިންތަކެއް ހުރީ އިސްލާމީ ޚިލާފަތުގެ ދަށުގައެވެ. އެކަމަކު، އެ ބިޔަ އިސްލާމީ ޚިލާފަތުގެ ވެރިޔާގެ އަތްޕުޅުގައި ތުރުކުރައްވަން އޮތީ އެންމެ ހެދުންކޮޅެކެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *