އަހަރެންގެ ކޮނޑުގައި ބައްޕަ ޖައްސާލި އަތް ނައްޓުވާލުމަށް އަހަރެން މަސައްކަތް ކުރީމެވެ. އެއަށްފަހު ވަރަށް ބާރަށް އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. ބައްޕަގެ ނަމުން ގޮވާލުމާއި އެކުގައެވެ. އަހަރެން ފުންމައިގެން ތެދުވީމެވެ. އެވަޤުތު ކޮއްކޮމެން ކޮޓަރިތެރެއިން ދުވެފައި އަހަރެންގެ ކައިރިއަށް އައެވެ. ކަންބޮޑުވެ، ވީނުވީއެއް ނޭންގޭ ޙާލުގައެވެ. ”ދޮންބޭ! ކިހިނެއްވީ؟“ ޖުމާނާ ސުވާލުކޮށްލިއެވެ. އަހަރެންނަށް ވަށައިގެން ބަލައިލެވުނެވެ. އާނއެކެވެ. އެއީ އަހަރެންނަށް ފެނުނު ހުވަފެނެކެވެ. ޖުމާނާއާއިއެކު ވާހަކަ ދައްކަން އިންދާ ބަންގި ގޮވުމުން ޖުމާނާ ދިޔައެއްކަމަކު އަހަރެންނަށް އިނދެވުނީއެވެ. ފިކުރުގެ ތެރެއަށް ގެއްލިފައި އިންދާ އަހަރެންނަށް ނިދުނީއެވެ. އެ ޚިޔާލު އައުމާއިއެކު ދެކޮޅަށް ބަލައިލާފާ ފާޑެއްގެ ހުވަފެނެއް ފެނުނީ ކަމަށް ކޮއްކޮމެން ގާތުގައި ބުނީމެވެ. އެއަށްފަހު އިސްދަށަށް ޖަހައިގެން ހުރެ މަޑުމަޑުން ކޮޓަރިއާއި ދިމާއަށް ހިނގައިގަތީމެވެ. ވީ އެންމެ އަވަހަކަށް ތައްޔާރުވެލައިގެން މިސްކިތަށް ދިޔުމަށް މިސްރާބު ޖެހީމެވެ.
ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދިޔައެވެ. ޖުވޭދާއަށް ފުރިހަމައަށް ފަރުވާ ލިބެން ފެށުމުން އެއްދުވަހުން އަނެއް ދުވަހަށް އޭނާގެ ހާލަތަށްވެސް އެދެވޭ ބަދަލެއް އަންނަމުން ދިޔައެވެ. ޤަވައިދުން ސްކޫލަށް ގޮސް ކިޔެވުމަށްވެސް ދޭންޖެހޭ ސަމާލުކަން އެންމެ އެކަށީގެންވާ ގޮތުގައި ދެމުން ގެންދިޔައެވެ. އެހެނީ އޭނާ މިހާރު އެހުރީ ތަޢުލީމީ ޙަޔާތުގެ ފުރަތަމަ މަރުހަލާ ނިމުމަކާއި ގާތްވެފައެވެ. ޖުމާނާވެސް މަތީ ޘާނަވީގެ ކިޔެވުން ކާމިޔާބުކަމާއިއެކީ ކުރިޔަށް ގެންދިޔައެވެ. ސަބަބަކީ މިހާ ދުވަސްވީއިރުވެސް ބައްޕަގެ އެއްވެސް ކަހަލަ އުނދަގުލެއް އަހަރުމެން ތިންބެއިންނަށް ނުފޯރުން ކަމުގައިވެސް ވެދާނެއެވެ. އާނއެކެވެ. އެދުވަހަށްފަހު ބައްޕަގެ އެއްވެސް ޚަބަރެއް ނުވާތަނުގައި، ލޮލަށްވެސް ނުފެނެއެވެ. ތެދުތެދަށް ބުނާނަމަ ބައްޕަ ވީތަނެއްވެސް އަހަރުމެންނަކަށް ނޭންގެއެވެ. އަހަރެންނާއި ޢައިޝާގެ ގުޅުންވެސް އެއްދުވަހުން އަނެއްދުވަހަށް ބަދަހިވަމުން ދިޔައެވެ. އެހެނީ ދެމީހުންގެ ގުޅުން މިހާރުވަނީ ކައިވެންޏާއި ހަމައަށް ގޮސްފައެވެ. އައިޝާގެ ސަބަބުން އަހަރެންގެ އުޅުމާއި އަޚްލާގަށް އެދެވޭ ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ޚުދު އަހަރެންނަށްވެސް ޤަބޫލުކުރެވެއެވެ. އެންމެ ކުޑައިރުއްސުރެ އަހަރެންގެ އެންމެ ގާތުގައި އުޅުނު ރައްޓެހިންނާއި އަހަރެންނާ އެއްވެސް ގުޅުމެއް މިހާރަކު ނެތެވެ. އެމީހުންނާ ގުޅުން ކަނޑާލީވެސް ޚުދު އަހަރެންނެވެ. މިހާރު އަހަރެންގެ ހުންނަނީ ހަމަ އެންމެ ރަޙުމަތްތެރިއެކެވެ. އެއީ އަހަރެންނާއެކީ ގަރާޖުގައި މަސައްކަތްކުރަން އުޅޭ ޙާޝިމްއެވެ. އަހަރެންނަށް ހިތްހަމަޖެހުން ލިބޭ އަނެއްކަމަކީ، މަސައްކަތުގައިވެސް އަހަރެން ހީނުކުރާފަދަ ކުރިއެރުން ލިބިފައިވުމެވެ. އެހެނީ މިހާރު އަހަރެންނަކީ ގަރާޖުގެ ފައިސާއާއި ބެހޭ ހުރިހާ ކަމެއް ބަލަހައްޓާ މީހާއެވެ. އެހެންކަމުން ލިބޭ ޢާމްދަނީވެސް އެތައް ގުނައެއް އިތުރު ވެއްޖެއެވެ. އަހަރެން ކަހަލަ މީހަކާ ގުޅުމަށް އައިޝާގެ މައިންބަފައިން ޤަބޫލުވީ ސަބަބަކީ އެއީ ކަމަށްވެސް ވެދާނެއެވެ. އެގޮތުން ޖުވޭދާގެ އިމްތިހާން ނިމުމުން ކައިވެނި ކުރުމުގެ ތާރީޚްވެސް އޮތީ ކަނޑައެޅި ނިމިފައެވެ. އިންޝާﷲ ދެން މާގިނަ ދުވަހެއްވެސް ނެތެވެ. ހަމަ އެންމެ ދޮޅުމަހެވެ. އަހަރުމެންގެ ކައިވެންޏަށްޓަކާ އަހަރުމެން ދެމީހުންނަށްވުރެ ކޮއްކޮމެންގެ ހިތުގައިވާ އުފާވެރިކަން މާބޮޑެވެ. އެކުދިންނަށް އަޅާލާ އޯގާތެރިވާނެ ބެލެހެއްޓުންތެރިޔަކު ލިބޭތީ ކަމަށްވެސް ވެދާނެއެވެ. އަނެއްކޮޅުން ބައްޕަގެ ފަރާތުން އެއްވެސް ކަހަލަ އުނދަގުލެއް ނުޖެހޭތާ ދުވަސްތަކެއް ވުމުން އެކަމުގެ ހިތްހަމަޖެހުންވެސް ކޮއްކޮމެންގެ ހިތުގައި އޮތީތީއެވެ. ދުޢާއަކީވެސް ދެން އެފަދަ ތަކުލީފެއް އުފުލަން ޖެހޭކަހަލަ ދުވަހެއް ނުދެއްކެވުމެވެ.
ޖުވޭދާގެ އިމްތިޙާނު ނިމި ، މިއަދު މިއީ އަހަރެމެން ކައިވެނިކުރާ ދުވަހެވެ. އަލްހަމްދުﷲ، އުފާވެރި ކަމުގެ ކޮޅެއް ނެތެވެ. އަހަރެން ހިތްއެދުނު ބައިވެރިޔާ އަހަރެންނަށް މިލްކު ވީއެވެ. އެ އުފާވެރިއިހުސާސްތަކާއިއެކު އިނދެ، އަހަރެންނަށް ހިތާއިހިތުން ދުޢާ ކޮށްލެވުނެވެ. އިންޝާﷲ ދެން ކުރިޔަށް ދާނީ ފަސްއެނބުރި ބަލައިލުމެއް ނެތިއެވެ. އަހަރެމެން ހަތަރު މެންބަރުންގެ މި ކުޑަކުޑަ ޢާއިލާ އަމާން އޮމާން ކަންމަތީ އަބަދަށް ދަމަހައްޓަވާށިއެވެ. ”އާމީން.“ އަހަރެންނަށް ސިއްސައިގެންގޮސް ފަހަތަށް ބަލައިލެވުނެވެ. އަހަރެން އިށީންދެގެން އިން ގޮނޑީގެ ފަހަތުގައި، ފުރިހަމަ ހިނިތުންވުމަކާއިއެކީ އެހުރީ އަހަރެންގެ ޙަޔާތުގެ ބައިވެރިޔާއެވެ. ”އަހަރެން ވިސްނަމުން ދިޔަ އެއްޗެއް އައިޝާއަށް އެނގުނީ ކިހިނެއް؟“ ހައިރާން ކަމާއިއެކީ އަހަރެން އަހާލީމެވެ. ލުއިލުއި ހިނިތުންވުމަކާއެކީ އައިޝާ، އަހަރެންނާއި ޖެހިގެން ހުރި ގޮނޑީގައި އިށީންދެލިއެވެ. ”މާޒީގަ ހިނގާފަ ހުރި ކަންތައްތަކާ، މިހާރުގެ ޙާލަތާ، ހަމަޖެހޭ ދިރިއުޅުން ބުނެދެނީ ޖުނޭދު އެދެމުން ތިދަނީ ކުރިމަގުގައި ހިތި ތަޖުރިބާ ކުރަން ނުޖެހޭނެކަމަށް އެދޭ އެދުން. އެހެންވީމަ ޖުނޭދުގެ ދުޢާގަ އަހަރެންވެސް ބައިވެރިވެލީ.“ އަހަރެންގެ އަތްމަތީގައި މަޑުމަޑުން އަތް ބާއްވާލަމުން އައިޝާ ބުނެލިއެވެ. އަހަރެންވެސް އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލީމެވެ. އަހަރެމެންގެ ކައިވެނީގެ ވަލީމާއަކަށް މާގިނަ ބަޔަކަށް ދަޢުވަތެއް ނުދެމެވެ. ހަމައެކަނި އައިޝާގެ ޢާއިލާގެ މަދު މެންބަރުންކޮޅަކާއި ޙާޝިމް އަދި އަހަރެންގެ ދެކޮއްކޮ ފިޔަވާ އިތުރު ބަޔަކު ނެތެވެ. ބައިބޯކުރަން އަހަރެމެން ބޭނުންވެސް ނުވީތީއެވެ.
އުފާވެރި އަދި ހަމަޖެހޭ ދިރިއުޅުމެއް ވޭތިކުރަމުން އައިސް، އަހަރުމެންގެ ކައިވެންޏަށް ފަސްއަހަރު ވީއެވެ. މިހާރު އަހަރެންނަކީ ލޯބިލޯބި ތުއްތު އަންހެން ކުއްޖެއްގެ ބައްޕައަކީމެވެ. ދަރިފުޅު ވިހެއުމާއެކީ އައިޝާ އޭނަގެ ވަޒީފައިން ވަކިވީއެވެ. ދަރިފުޅަށް ފުރިހަމައަށް ވަޤުތު ދީގެން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައެވެ. އަހަރެންގެ އެދުމުގެވެސް މަތިންނެވެ. އެހެނީ އަހަރެމެންގެ މާލީ ޙާލަތުވެސް މިހާރު އެތައްތަނެއް ރަނގަޅެވެ. ޖުމާނާވެސް މިހާރު ހުރީ އޭނާގެ ތަޢުލީމީ ޙަޔާތް ފުރިހަމަކޮށް އަމިއްލަ ފައިމައްޗަށް ތެދުވެވިފައެވެ. އިންޝާﷲ ޖުވޭދާވެސް ދެން މާގިނަ ދުވަހެއްނުވެ ދިރިއުޅުމުގެ މައިދާނަށް ނިކުންނަން ތައްޔާރު ވަނީއެވެ. އެހެންނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ، ފަސްއަހަރު ވެތުވެގެން ދިޔައިރުވެސް ބައްޕަގެ ފަރާތުން އެއްވެސް އުނދަގުލެއް ނުވާކަމެވެ. ނުވިތާކަށް ޚަބަރެއްވެސް ނުވެއެވެ. އެހެންކަމުން އަހަރެމެންވެސް ތިބީ ބައްޕަމަތިން ގާތްގަނޑަކަށް ހަނދާންވެސް ނެތިފައެވެ. ބައެއް ދުވަސްދުވަހު ޖުވޭދާ ބައްޕަގެ ޚަބަރެއް ވީތޯ އަހާލާނެއެވެ. އެވަރުވެސް ޖުމާނާ ނުކޮށްލައެވެ. ބޭނުން ނުވަނީ ކަމަށް ވެދާނެއެވެ. އެހެނެއްކަމަކު އަހަރެންވެސް ބައްޕަ ވީތަނެއް ހޯދާކަށް ނޫޅެމެވެ. އެހެންނަމަވެސް ދުނިޔޭގައި ހުރިކަމަށް އުންމީދުކުރަމެވެ. އެހެނީ ބައްޕަވެސް ހެޔޮ މަގަށްއެޅި، ހެޔޮގޮތުގައި ދިރިއުޅޭތަން ދެކެން އަހަރެންވެސް ބޭނުމެވެ. ބައްޕައާއިމެދު ވިސްނާލާއިރު، އަހަރެންގެ ހިތުން ފިލައިގެންނުދާ އެތައްކަމެއް އޮވެއެވެ. އެހެންނަމަވެސް މިހާރު އެންމެ ބޮޑަށް ހިތުގައި އުފެދިފައި އޮތް ސުވާލަކީ ބައްޕަ އެންމެފަހުން ފެނުނު ދުވަހު ކައިރީގައި ހުރި އަންހެން ކުއްޖާއަކީ ކާކުކަން ނޭންގުމެވެ. އެއީ ބައްޕައާއި ކިހާވަރެއްގެ ގުޅުމެއް އޮތް ފަރާތެއްތޯ ބަލަން އަހަރެން ބޭނުމެވެ. އަދި އޭގެ ޖަވާބު އަހަރެން ބޭނުންވަނީ ޚުދު ބައްޕަގެ ފަރާތުން ލިބޭށެވެ.
ކޮންމެ ދުވަހެއްގެވެސް އާދައިގެ މަތިން އަހަރެން ދިޔައީ ގަރާޖަށް ދިޔުމަށެވެ. މަޑު ދުވެއްޔެގައި ސައިކަލު ދުއްވާފައި ދިޔައިރު، މާބޮޑު ޚިޔާލެއް ފިކުރެއް ސިކުނޑީގައި ނެތޭ ބުންޏަސް ރަނގަޅުވާނެއެވެ. އެހެންނަމަވެސް އަހަރެންގެ ދަރިފުޅު ޒީންގެ އެދުމުގެ މަތިން ހަވީރު ސައިކަލު ބުރެއްޖަހާލުމަށް ތަންކޮޅެއް އަވަހަށް ގެއަށް އައުމުގެ ވިސްނުން އަހަރެންގެ ސިނކުޑީގައި އޮތެވެ. ގަރާޖާއި ވަރަށް ކައިރިވެފައި ހުއްޓާ، ކައިރީގައި އޮތް ގޯޅިތެރެއިން ކުއްލިޔަކަށް މީހަކު ދުވެފައި އައިސް އަހަރެންގެ ސައިކަލުގައި ޖެހިފައި ވެއްޓިއްޖެއެވެ. އަހަރެންވެސް ސައިކަލާއިއެކު ކޮންމެވެސް ވަރަކަށް އަރިއަޅާލިއެވެ. އެހެންނަމަވެސް ލިބުނު ދަނޑިވަޅާއިއެކު ބިންމަތީގައި ފައިވިއްދާލުމުން އަހަރެން ކޮންޓުރޯލު ވީއެވެ. ސައިކަލުގައި ޖެހުނުމީހާ ފުރޮޅެމުން ގޮސް ދުވާރުގެ އަރިމަތީގައި ބޯޖެހުނެވެ. އަހަރެން ހަމަޖެހިލާފައި ސައިކަލު އެއްފަރާތުގައި ޕާކު ކޮށްލީމެވެ. އަދި ދުވެފައި ގޮސް އެމީހާގެ ކައިރިޔަށް ތިރިވެލީމެވެ. ކަމަކު ދާކަށް ނެތެވެ. އެއީ އަހަރެން އެންމެ ޅަދުވަހު އެބަޔަކާއިއެކު އުޅުނު ދެމީހުންގެ ތެރެއިން އެކަކެވެ. އާނއެކެވެ. އަހަރެންގެ ސައިކަލުގައި ޖެހިގެން ވެއްޓިފައި އެއޮތީ ޝާމިލްއެވެ. އޭނާ އޮތީ ކޮންމެވެސް ވަރަކަށް މަސްތުގެ ޙާލަތުގައެވެ. އަހަރެން ދެފަހަރަކު އޭނާއަށް ގޮވާލީމެވެ. އެހެންނަމަވެސް އެ ގޮވާލުމަކަށް ޝާމިލް އިޖާބައެއް ނުދިނެވެ. އަހަރެން ބިރުގަންނަގޮތް ވިއެވެ. ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ގެންދިޔުމަށް ވިސްނީމެވެ. އެހެންނަމަވެސް އެއީ ޝާމިލްއަށް އެހާ ރައްކާތެރި ގޮތަކަށް ނުވެ ހިނގައިދާނެކަމަށް އަހަރެންނަށް ހީވާން ފެށިއެވެ. އެހެންކަމުން މަގުމަތިން ދިޔަ ކާރެއް ހުއްޓުވައިގެން އަހަރެން ދިޔައީ ޝާމިލް ގޮވައިގެން އޭނާގެ ގެއަށެވެ. އެގޭގެ ދޮރު ހުޅުވީ އަންހެނެކެވެ. ބަލާބެލުމަށް އަހަރުމެންނާ އެއް ޢުމުރެކެވެ. އޭނާ ދޮރުހުޅުވާލުމުން އަހަރެން ސަލާމް ގޮވާލީމެވެ. އޭނާ ސަލާމް ބަލައިގަތުމަށްފަހު ވަންނަން ތަންދެއްކިއެވެ. އެހެންނަމަވެސް އެގޭތެރެއިން އެކުއްޖާ ފެނުމުގެ އިތުރުން އަހަރެންނަށް ހައިރާންކަން ލިބުނު އެހެންކަމެއްވެސް އޮތެވެ. އެއީ އެފަދަ ޙާލަތެއްގައި ޝާމިލް ގެނެސް ގެއަށް ވެއްދުމަށް ތަންދެއްކި އިރުވެސް އޭނާގެ މޫނުމަތިން އެއީ ވަރަށް އާދައިގެ ކަމެއްގޮތަށް ފެންނަން ހުރުމުންނެވެ. އެހެނީ ޝާމިލްއަށް ވެފައި އެހުރީ ކިހިނެއްތޯވެސް އޭނާ އަހާނުލިއެވެ. އަނެއްކޮޅުން އަހަރެންނަކީ އޭނާ ނުދަންނަ މީހެއްކަމުގެ ކުލަވަރެއްވެސް އޭނާގެ މޫނުމައްޗަކުން ނުފެނެއެވެ. ކޮންމެއަކަސް އަހަރެންގެ ކޮނޑުމަތީގައި ޝާމިލްގެ އަތް އަޅުވާލައިގެން ގެންގޮސް ކުރިމަތީގައި ހުރި ސޯފާގައި ޝާމިލް ބޭއްވީމެވެ. ޝަމިލްގެ ކަނާއަތުގެ އުޅަނބޮށިކޮޅުން ކޮންމެވެސް ވަރަކަށް މަށައިގެން ގޮސް ލޭއައިސްފައި ހުއްޓެވެ. އަދި ބޯޖެހުނުލެއް ބާރުކަމުން ނިތްކުރިމަތި ރަތްވެފައިވެސް ހުއްޓެވެ. ”ވަރަށް ބޮޑަށް މަޢާފު ކުރައްވާ، އަޅުގަނޑުގެ ސައިކަލުން މީނަ ގައިގަ ޖެހިފަ ލިބިފަ ހުރި އަނިޔާތަކެއް އެއީ. ތިކޮޅުން ބޭނުންވަންޏާ އަޅުގަނޑު ބޭސްފަރުވާ ކޮށްދޭނަން. އެކަމަކު އަސްލު ބުނާނަމަ ޝާ… މީނަގެ ކުށުން އެހެންވީ.“ ޝާމިލްގެ ނަންކިޔަން އުޅެފައިވެސް އަހަރެންނަށް ހުއްޓުން އެރިއެވެ. އެހެނީ އަހަރެންގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާއެއް އަހަރެންނަކަށް ނޭންގެއެވެ. އޭނައާއިޝާމިލްއާއި އޮތީ ކޮން ގުޅުމެއް ކަމެއްވެސް އަހަރެންނަކަށް ނޭންގެއެވެ. އެހެންކަމަށް ވާނަމަ އޭނާއަކަށްވެސް އަހެރެންނެއް ނޭންގޭނެތާއެވެ.
އެހެންކަމުން އެގުޅުން އަންގަންވެސް އަހަރެން ބޭނުން ނުވީއެވެ. އަހަރެންގެ މިހާރުގެ ދިރިއުޅުންވެސް އެކަމަށް ތަންނުދޭކަމަށް އަހަރެންނަށް އިހުސާސް ކުރެވުނީތީއެވެ. އެހެންނަމަވެސް އޭނާގެ ފަރާތުން އަހަރެންނަށް ލިބުނީ ހައިރާން ކުރުވަނިވި ޖަވާބެކެވެ. އޭނާގެ އަޑުގައިވަނީ މަޑުމައިތިރި ކަމެވެ. ކެތްތެރިކަމާއި ވޭނެވެ. ”ތީ ޖުނޭދު ދޯ؟“ އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި އޭނާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ސުވާލުން ފުރިގެންވާ ނަޒަރަކުން ބަލަހައްޓައިގެން އަހަރެންނަށް ހުރެވުނީއެވެ. އެވަޤުތު ވަރަށް ލުއިލުއި ހިނިތުންވުމަކުން އޭނާ ހީލިއެވެ. އަދި ކައިރީގައި ހުރި ގޮނޑީގައި އިށީންދެލުމަށް ދަޢުވަތު ދިނެވެ. އެހުރި ހައިރާންކަންމަތީގައި ހުރެ އަހަރެންނަށް މަޑުމަޑުން އިށީންދެލެވުނެވެ. ޝުކުރިއްޔާއޭ ބުނުމުގެ ގޮތުން މަޑުމަޑުން ބޯވެސް ޖަހާލަމުންނެވެ. އެވަޤުތު އަހަރެންގެ ހިތުތެރޭގައި އެތައް ސުވާލެއް ދައުރުވަމުން ދާކަން އޭނާއަށް އެނގުނު ކަހަލައެވެ. އަހަރެން އިށީނުމުން އޭނާވެސް ކައިރީގައި ހުރި ގޮނޑީގައި އިށީންދެލިއެވެ. އޭރުވެސް ޝާމިލްއޮތީ ހޭވެރިކަން އައުމާއި ނައުމާއި ދެމެދުގައި، މަޑުމަޑުން ބޯ ހޫރާލަ ހޫރާލައެވެ. އަހަރުމެން ދައްކާ ވާހަކަވެސް އަޑުއިވޭ ވަރުގައެވެ. އެހެންނަމަވެސް އަނގައިން ބުނާނެހާ ވަރު އޭނާގެ ގައިގާ ނެތްކަން އަހަރެމެން ދެމީހުންނަށްވެސް އެނގެއެވެ. އެހެންކަމުން އެކަމާ އަޅާނުލުމަށް އެއަންހެން ކުއްޖާގެ ޢިޝާރާތުން އަހަރެންނަށް އަންގާލިއެވެ. އެހެނީ އެއީ އޭނާއަކަށް އައުކަމެއް ނޫންތާއެވެ. އަހަރެންވެސް މާބޮޑަކަށް އަޅައެއް ނުލަމެވެ. އެހެންކަމުން އަހަރެން އަނެއްކާވެސް އެކުއްޖާގެ ވާހަކައަށް ސަމާލުކަން އަނބުރާލީމެވެ. ”އަހަރެންނަކީ ޝާމިލްގެ ވައިފް. މަލްޝާ.“ އޭނާގެ ތަޢާރަފެއް އަހަރެންނަށް ދިނެވެ. އެހެންނަމަވެސް އަހަރެނބް އިތުރު އެއްޗެއް ނުބުނެ އުޅެނިކޮން އޭނާގެ ވާހަކަ ކުރިޔަށް ގެންދަން ފެށިއެވެ. ”އަހަރެންނަށް ޖުނޭދު އެނގުނީ ކިހިނެއްތޯ ބަލަން ބޭނުންވެފަދޯ ތި އިނީ؟“ އަހަރެން މަޑުމޑުން ބޯ ޖަހާލީމެވެ. އޭގެ ޖަވާބުގައި އޭނާވެސް ހީލިއެވެ. ”ޝާމިލް އެމީހަކާ ބެހޭގޮތުން އެންމެ ގިނައިން ވާހަކަ އެކަކު ތީ. ފޮޓޯއިންވެސް ފެނިފަ ހުރީމަ އެހާ ފަސޭހައިން ވަކިކުރަން އެނގުނީ. އަނެއްކާ ޖުނޭދުއާ ބެހޭގޮތުން ޝާމިލް ސިފަކޮށްދީފަ ހުރިގޮތަށް ޝާމިލްގެ ޢަމަލުންވެސް ފެނުނީމަ.“ ”އަހަރެންގެ ޢަމަލުން؟“ ހައިރާންވެފައި އިނދެ އަހަރެން އަހާލީމެވެ. މަލްޝާ ބުނިގޮތުގައި އަހަރެންނަކީ ތަންކޮޅެއް މަޑުމައިތިރި އަދަބު އަހުލާޤު ކޮންމެވެސް ވަރަކަށް ހިފަހައްޓަން އެނގޭ މީހެކެވެ. އަދި އަހަރެން އެމީހުންނާއި ދުރަށް ޖެހުނީ އަހަރެންގެ ރަނގަޅަކަށް ކަމަށްވެސް މަލްޝާ ބުންޏެވެ. އެއީ ޝާމިލް އޭނާގެ ޙަޔާތުގެ ބައިވެރިޔާއަށް އަހަރެން ތަޢާރަފު ކޮށްދީފައިވާ ގޮތެވެ. ރަނގަޅުތާއެވެ. އަހަރެން އެމީހުންނާއި ގުޅުން ކަނޑާލިއެއް ކަމަކު، އެމީހުން އަދިވެސް އަހަރެންގެ ރަޙުމަތްތެރިކަން ބަލައިގަނެއެވެ. ހިތްހަމަ ޖެހެނީ އެކަން ރަނގަޅު ގޮތުގައި ބަކައިގެންފައި އޮތީތީއެވެ. އެކަހަލަ ވިސްނުމެއްގައި އިންދާ، މަލްޝާ އަނެއްކާވެސް އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. އެހެންމަވެސް މިފަހަރު އޭނާގެ މޫނުމަތިން ފެންނަށް ފެށީ މާޔޫސްކަމެވެ. ”އަހަރުމެންގެ ކައިވެންޏަށް މިހާރު ތިން އަހަރު ވަނީ. ކައިވެނި ކުރިއިރުވެސް ޝާމިލްގެ ޙާލަތަކީ މީކަން އަހަރެންނަށް އެނގޭ. އެކަމަކު ލޯތްބަކީވެސް ވަރަށް ފާޑެއްގެ އެއްޗެއްތާ ދޯ.“ އެހާ ހިސާބުން އަހަރެން ސުވާލެއް ކޮށްލަން ހިތަށް އެރިއެވެ. ”ދެން އެހެންވިއްޔާ މަލްޝާ މައިންބަފައިންނަށް އެކަން އެނގޭތަ؟ މިކަން ރަނގަޅުކުރާކަށް މަލްޝާ މަސައްކަތެއް ނުކުރަންތަ؟“ ޖުނޭދުއަށް ހީވޭތަ އަހަރެން މަސައްކަތް ނުކޮށް ހުންނާނެހެން. ހަޤީޤަތަށް ބުނަންޏާ އަހަރެން ޝާމިލްއާ ގުޅުނީވެސް އެކަން އަހަރެންނަށް ކުރެވޭނެ ކަމުގެ އުންމީދުގަ. އަހަރެންގެ ބައްޕަ އަހަރުމެންގެ ކައިވެންޏަށް ވަލީވެސް ދިނީ ހިތާ ދެކޮޅަށް. އަހަރެންނާ އޮތް ގުޅުންވެސް ކަނޑާލާފަ.“ އެވަޤުތު އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. އޭނާއަށް ތަސައްލީއެއް ދޭން ބޭނުންވިއެއްކަމަކު އަހަރެން ވަކި ކުރާނީ ކީއްހެއްޔެވެ. އެހެނީ އެއީ އަހަރެން ދަންނަ ދެކެފަރިތަ ފަރާތެއްވެސް ނޫންތާއެވެ. އެހެނެއްކަމަކު އޭނާގެ ހިތުގެ އުދާސްތައް އަހަރެންގެ ކުރިމަތީގައި ބަންޑުން ޖަހާލާނީ އަހަރެންނާއި ޝާމިލްއާއި އޮތް ގާތް ގުޅުން އޭނާއަށް ވަރަށް ރަނގަޅަށް އެނގިފައިވީމާ ކަމަށް އަހަރެންނަށް ޤަބޫލުކުރެވުނެވެ. އެހެންކަމުން އަހަރެންވެސް އޭނާ ދައްކަމުން ގެންދިޔަ ވާހަކަ ކަނުލާ އަޑުއަހަން އިނީއެވެ. ”ޝާމިލް ނޫޅޭތަ މިކަން ހުއްޓާލާކަށް؟“ އޭނާގެ ވާހަކަ ނިމުމުން އަހަރެން ސުވާލު ކޮށްލީމެވެ. ބުނާނެ އިތުރު އެއްޗެއްވެސް ނޭންގުނީތީއެވެ. ”އަހަރެން ކައިވެންޏަށް ތައްޔާރުވީވެސް ޝާމިލް އެކަން ހުއްޓާލިކަމަށް ބަލާފަ. އެދުވަސްކޮޅު ވަރަށް ރަނގަޅަށް ހުރިހާ ކަމެއްވެސް ދިޔައީ. ހަމަ ރަނގަޅު ވަޒީފާއެއްގަވެސް އުޅުނު. އެކަމަކު…“ އެހާ ހިސާބުން އަނެއްކާވެސް އޭނާގެ ވާހަކައަށް ހުއްޓުމެއް އައެވެ. ”އެކަމަކު ކިހިނެއްވީ؟“ އަހަރެން އަހާލީމެވެ. ”ޝާމިލްގެ މައްޗަށް ހަސަންގެ ނުފޫޒު ވަރަށް ފޯރާފަ ހުރީ. އެކި ފަހަރުމަތިން އައިސް ޝާމިލް ގެންދަން ފެށީ. ދެން އަނބުރާ ގެއަށް އަންނައިރު ހަމަހޭވެރިކަމެއް ނުހުރޭ. އެކަމާހެދި ވަޒީފާވެސް ރަނގަޅަށް އަދާނުކުރެވުނީ. އެހެންވީމަ އެމީހުންވެސް މީނަ ދޫކޮށްލީ.“ ”ކުއް…ޖަ..ކު“ އަހަރެން ކުރަން ބޭނުންވި ސުވާލު ވަރަށް ޖެހިލުންވެ ހުރެ ކޮށްލަން މަސައްކަތް ކުރީމެވެ. އެހެންނަމަވެސް އަހަރެންގެ ސުވާލު ނުނިމެނިސް މަލްޝާއަށް އެނގިއްޖެއެވެ. ”އެއްގޮތަކުން ބުނަންޏާ ކުއްޖަކު ނުލިބޭކަން އެއީ ނަސީބޭވެސް ބުނެވިދާނެ. އެއީ މިހާރު ކައިގެން ބޮއެގެންވެސް މި އުޅެނީ އަހަރެން އެކަނި ކުރާ މަސައްކަތުން. ގޭގަ އިނދެގެން
ފަހައިގެން ލިބޭ އެއްޗަކުން ހުރިހާ ކަމެއްވެސް މި ބަލަހައްޓަނީ. ޝާމިލްވެސް ވަރަށް ގިނައިން އަހަރެން އަތުން ލާރި ނަގައިގެން ގެންދޭ.“ އެވަޤުތު އަހަރެންގެ ހިތަށް ޒާތެއްގެ ބިރުވެރިކަމެއް ވެރިވެގެން ދިޔައޭ. ކުއްލިޔަކަށް އަހަރެންގެ ޚިޔާލަށް އައީ މަންމައެވެ. މަންމަ ތަޙަންމަލުކުރި ވޭނާއި އުޅުނު ޙާލެވެ. އަނެއްކާ ޝާމިލްވެސް އެހެން ހަދާފާނެ ބާއެވެ. އެއީވެސް އަހަރެންގެ ބައްޕަ ފަދަ ފިރިހެނަކަށް ވެދާނެބާއެވެ. އެއްވެސް އިޚްތިޔާރަކާ ނުލާ އަހަރެންގެ ދުލުން ނިކުތީ އެކަހަލަ ސުވާލެކެވެ. ޝާމިލް، މިގެއަށް އިތުރު މީހުން ގެނޭތަ؟“ އެސުވާލު ކޮށްލެވުނީތީ އަހަރެންގެ އަމިއްލަ ނަފުސަށް ލަދުވެތިކަންވެސް އިހުސާސް ކުރެވުނެވެ. ”ނޫނޭ، ނަސީބަކުން ގެއަކަށް އިތުރު ބަޔަކު ނުވައްދާ. އެކަމަކު ވަރަށް ފާޑުފާޑުގެ މީހުން ޝާމިލް ހޯދަން އާދޭ. އޭގެތެރެއިން ބައެއް މީހުން އަހަރެންނާ ދިމާއަށް ވަރަށް ޒާތްޒާތަށް ކަޅިވެސް އަޅާ.“ މަލްޝާގެ ވާހަކަ އެހާ ހިސާބަށް ދިޔުމުން އަހަރެންނަށް ޝާމިލްދެކެ ރުޅި އާދެވޭ ގޮތްވިއެވެ. އަދި ވަޤުތުން އެތަނުން ތެދުވެގެން ދިޔުމަށް ވިސްނާލެވުނެވެ. އަހަރެންގެ ފަރާތުން ޝާމިލްއަށް ގެއްލުމެއް ދެވިދާނެ ކަމުގެ ބިރަށެވެ. އެހެނީ އެވަޤުތު އަހަރެންގެ ބައްޕައާއި ޝާމިލް އެއްހަމަ ކުރެވުނީތީވެސް މެއެވެ. އަދި ހަމައެހެންމެ ދެރަވާ ގޮތްވެސް ވިއެވެ. އަހަރެންގެ ހިތުގައި މަލްޝާއަށްޓަކާ ހަމަދަރުދީ އުފެނީތީ ކަމަށްވެސް ވެދާނެއެވެ. އެވަޤުތު އަހަރެން ހަމަޖެހިލާފައި ފުންނޭވާއެއް ލީމެވެ. އަދި މިވަޤުތު ގޮސްލަނީ ކަމަށްބުނެ ގޮނޑިން ތެދުވީމެވެ. ”ޝުކުރިއްޔާ.“ ވަރަށް އޯގާތެރި ކަމާއެކީ މަލްޝާ ބުނެލިއެވެ. އަހަރެން އޭނާއާއި ދިމާއަށް އެނބުރި ބަލައިލީމެވެ. ”އަހަރެންގެ ވާހަކަތައް އަޑުއަހާލާނެ މީހަކުވެސް މީގެ ކުރިޔަކުން ނެތް. ޖުނޭދުއަކީ ޝާމިލްއަށް ހެޔޮއެދޭ ފަރާތެއްކަން މިއަދު އަހަރެންނަށް އެނގިއްޖެ.“ އަހަރެންނަށް ބުނާނެ އިތުރު އެއްޗެއް ނޭންގުމުން މަޑުމައިތިރި ކަމާއިއެކީ ބޯޖަހާލީމެވެ. އޭނާ އަހަރެންނަށް އަދާކުރި ޝުކުރު ބަލައިގަތުމުގެ ގޮތުންނެވެ.
އަހަރެން އަނބުރާ ގަރާޖަށް އާދައިގެ މަތިން މަސައްކަތައިގެން މަސްއޫލު ވީމެވެ. އެދުވަހަށް ކުރަންހުރި ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު، ދަރިފުޅަށް ވެފައިވާ ވަޢުދުގެ މަތިން ހަނދާންކޮށް ގެއަށް ދިޔުމަށް ނިކުތީމެވެ. އޭރު ހަވީރު ހަތަރެއްވެސް ޖަހައިފިއެވެ. އަހަރެން ސައިކަލަށް އަރާ ދުއްވާލަން ތައްޔާރުކޮށްލި ވަޤުތު ފަހަތުން މީހަކު ގޮވާލި އަޑު އިވުނެވެ. އެނބުރި ބަލައިލިއިރު އަހަރެންނާއި ދިމާއަށް މަޑުމައިތިރިކޮށް ހިނގާލާފައި އެހެރަ އަންނަނީ ޝާމިލްއެވެ. އަހަރެންގެ މޭބޮޑުވާގޮތް ވިއެވެ. އެހެނީ އަހަރެންގެ ހިތަށް ވެރިވެގަތީ ޒާތެއްގެ ބިރުވެރި ކަމެކެވެ. އެހެނީ އަހަރެން އެމީހުންނާއި ދުރަށް ދިޔައީ، އަހަރެންގެ ޢާއިލާގެ ޙައްޤުގައެވެ. އަމިއްލަ ދިރިއުޅުން އާރާސްތުކޮށް ދަރިފުޅަށް އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމުގެ ނިޔަތުގައެވެ. އާޚިރަތުގެ ބާއްޖަވެރިކަމަށްޓަކައެވެ. ދެން އަނބުރާ އެދުނިޔެއަށް ދާކަށް އަހަރެން ބޭނުމެއް ނޫނެވެ.
- ނުނިމޭ –






