ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ 2ވަނަ ކޯސް މިއަދު ފަށައިފި

ހިރި ނިއުސް
ޖޫން 19, 2026

އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ސަރުކާރުން ފަށާފައިވާ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ 2ވަނަ ކޯސް މިއަދު ފަށައިފިއެވެ.

އެ ކަމަށް ޓަކައި މިއަދު ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސަރވިސް ކޯރގެ، ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ނޭޝަނަލް ސަރވިސް ސްކިލްސް ޓްރޭނިންގ ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ، ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަޚުލާޤީ ގޮތުން ހަރުދަނާ، ފަންނީ ގޮތުން ހުނަރުވެރި، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ އިޚުލާޞްތެރި އަދި އަބުރުވެރި ޒުވާން ޖީލެއް ބިނާކުރުމެވެ.

16 ހަފުތާގެ މުއްދަތަށް މިއަދު ފެށި މި ޕްރޮގްރާމުގެ ސީރީޒް 2 ގެ ކޯސްތަކުގައި ރާއްޖޭގެ 17 އަތޮޅުތަކުން ޖުމްލަ 75 ބައިވެރިން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި 62 ފިރިހެން ބައިވެރިންނާއި 13 އަންހެން ބައިވެރިން ހިމެނެއެވެ. މި ކޯސް ފުރިހަމަކުރުމަށް ޓަކައި ކޯހުގެ ދަރިވަރުން ވަނީ ޖޫން 3ވަަނަ ދުވަހު ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސަރވިސް ކޯރގެ، ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ސްކޫލަށް ރިޕޯޓްކޮށްފައެވެ.

މި ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި ދަރިވަރުންގެ ޢަޒުމް ވަނީ އައުކޮށްފައެވެ. އެގޮތުން މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ އެކްޒެކެޓިވް އޮފިސަރ، ކެޕްޓަން މުޙައްމަދު ޝަރީފެވެ. އަދި ދަރިވަރުންނަށް ޢަޒުމް އައުކޮށްދެއްވީ ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ ކޮމާންޑިންގ އޮފިސަރ، މޭޖަރ ޙުސައިން ޝާހިދެވެ.

މި ޕްރޮގްރާމްގައި، އޮޓޯ މޯބައިލް އިންޖިނިއަރިންގއާއި، މެރިން އިންޖިނިއަރިންގއާއި، އިލެކްޓްރީޝަންއާއި، ރެފްރިޖެރޭޝަންއާއި، ވެލްޑިންގއާއި މެޓަލް ފެބްރިކޭޝަން އަދި އޮފީސް މެނޭޖުމަންޓް ފަދަ ސިނާއީ ދާއިރާތަކުގެ ހުނަރުތައް، އުނގަންނައިދިނުމަށް ހަމަޖެހިފައިވެއެވެ. 4 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެޕްރޫވްޑް، ލެވެލް 3ގެ ސެޓިފިކެޓެއް ހާސިލުކުރެވޭނެއެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ފަންނީ ތަފާތު ދާއިރާތަކުގައި ގިނަ ދުވަހު އަމަލީ މަސައްކަތް ކުރައްވާފައިވާ ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީސް (ސީޑީއެސްއެސް)ގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމާއި، ޑައިރެކްޓްރޭޓް އޮފް ނޭޝަނަލް ސަރވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އަޙްމަދު ޝަރީފާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް އަޙްމަދު ޝާރިމާއި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާޤާއި، މި ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *