ޖުވޭދާ އަހަރެންގެ އަތްދަނޑި މައްޗަށް ލައިގެން ގެންގޮސް ދެކުދިން ނިދާ ކޮޓަރީގެ، އޭނާގެ އެނދުގައި މަޑުމަޑުން ބާއްވާލީމެވެ. އަދި ކައިރީގައި ހުރި މޭޒުމަތީގައި ހުރި ފެންތަށި ނަގާ، އެއިން ފެންފޮދެއް ޖުވޭދާގެ މޫނުމައްޗަށް ބުރުވާލީމެވެ. އޭނާ ކުޑަކޮށް ތެޅިލާފައި މަޑުމަޑުން ލޮލުގެ އެސްފިޔަ ތަޅުވާލިއެވެ. އެވަޤުތު ޖުމާނާ ކައިރީގައި އިށީންދެލާފައި ޖުވޭދާ ތެދުވެލަން އެހީތެރިވެދިނެވެ. މަޑުމަޑުން ތެދުވެލާފައި ޖުވޭދާ އޭނާގެ ލޯ ހުޅުވާލިއެވެ. ”ބައްޕަ އައީތަ؟ އަހަރުމެން ގެންދަން ދޯ އެއުޅެނީ؟“ އެހެން ބުނުމާއިއެކު އޭނާގެ ލޯމަތީގައި އަތްއަޅާ ބާރަށް ފިއްތާލިއެވެ. ކޮއްކޮގެ އެ ޙާލަތު ފެނިފައި ބައްޕަ ދެކެ އިތުރަށް ރުޅި އާދެވުނެވެ. ދަތްކުނޑިވެސް ވިކާލެވުނެވެ. އެހެންނަމަވެސް އަހަރެންނަކަށް އެވަޤުތު ކުރެވޭނެ މާބޮޑުކަމެއްވެސް ނެތްތާއެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެންގެ އެދުމަކަށް ބައްޕަގެ އެއްވެސް ކަމެއް ބަދަލެއް ނުކުރާނެތާއެވެ. އެހިނދު އަހަރެންގެ އަމިއްލަ ނަފްސު ކޮންޓްރޯލު ކުރެވޭތޯ މަސައްކަތް ކުރީމެވެ. އެހެނީ މިވަޤުތު އެންމެ މުހިންމު ކަމަކަށް އޮތީ ޖުވޭދާ ހަމައަކަށް އެޅުވުމެވެ. އަދި އޭނާގެ ހިތުތެރޭގައި އޮތް ބިރުވެރިކަން ފިލާނެ ގޮތެއް ހެދުމެވެ. އެހެންކަމުން ކޮންމެވެސް މަގެއް ފެނޭތޯ އަހަރެން ވިސްނާލީމެވެ. އަދި ރީތިވެލާ، ތައްޔާރުވެލަން ދެކުދިންގެ ގާތުގައި ބުނީމެވެ. ދެކުދިންވެސް އަހަރެންނާއި ދިމާއަށް ބަލައިލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. އެކުދިންގެ ދުލުން ބަހެއް ބޭރުނުކުރިއެއްކަމަކު، ހިތުގައިވާ އިހުސާސްތައް ދެނެގަންނަން އަހަރެންނަށް އެނގުނެވެ. އެހެންކަމުން އިތުރު ސުވާލެއް ނުކުރަނީސް އަހަރެން ޖަވާބު ދިނީމެވެ. ”ހާސްނުވޭ. ދޮންބެ ބޭނުންވަނީ ކޮންމެވެސް ވަރަކަށް މާހައުލު ބަދަލުކޮށްލަން. ހިނގާބަލަ ގެއިން ބޭރަށް ނިކުމެލަން.“ އަހަރެންގެ ހުށައެޅުމަށް އިޖާބަދޭން ބޭނުންވިއެއް ކަމަކު އިތުރަށް އޮޅުންފިލުވުމުގެ ބޭނުމުގައި ޖުމާނާ ސުވާލުކޮށްލިއެވެ. ”އަނެއްކާ ކޮންތާކަށް ދާން ދޮންބޭ؟“ ”އިހަށް ހިނގާ ބޭރަށް ނިކުންނަމާ ދޯ. ދާނެތަނެއް ބަލާނީ ބޭރަށް ނިކުމެފަ.“ ޖުމާނާގެ އެ ސުވާލަށް އަހަރެން ޖަވާބުދިނީ ވަރަށް ހަމަޖެހިލާފައި ހުރެގެން ކަމަށް ހަދައިގެންނެވެ. އަހަރެންގެ އެތެރެހަށީގައި އަނދަމުން ދިޔަ ގިނި އެކުދިންނަށް ދައްކަން ބޭނުންވެސް ނުވީތީއެވެ. އެވަޤުތު ދެކުދިން އެކަކު އަނެކަކާއި ދިމާއަށް ބަލައިލިއެވެ. އަދި އެއްބަސް ވެލުމުގެ ގޮތުން ބޯޖަހާލިއެވެ. ”އާން އެންމެ ރަނގަޅު. ދޮންބެ އަހަރުމެންނަށް ދީ ފަނަރަ ވަރަކަށް މިނެޓުގެ ވަޤުތުކޮޅެއް. ތައްޔާރު ވެލައިގެން އަންނާނަން.“ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމާއިއެކު އަހަރެން އެކުދިންގެ ކޮޓަރިން ބޭރަށް ނިކުތީމެވެ.
ބޭރަށް ނިކުމެ ސިޓިންގ ރޫމުގެ ސޯފާގައި އިށީންދެލައިގެން އިންދާ، ކުއްލިޔަކަށް މީހަކު ސަލާމް ގޮވާލާ އަޑު އިވުނެވެ. ސަލާމް ބަލައިގަތުމާއެކު ދޮރާއި ދިމާއަށް ބަލައިލީމެވެ. އެވަޤުތު އަހަރެން ދިޔައީ ސިއްސައިގެންނެވެ. ދޮރުކައިރީގައި ހުރީ އައިޝާއެވެ. އަހަރެންނަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. ހައިރާންކަންމަތީ ހުރެ، އައިޝާއާއި ސުވާލު ކޮށްލީމެވެ. ”އައިޝާއަށް މިގެއަށް އަންނަން އެނގުނީ ކިހިނެއް؟“ އަހަރެންގެ ސުވާލުގެ ޖަވާބު އައިޝާ ދިނީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ. ނުދަންނަ ބީރައްޓެހި ގެޔަކަށް އަލަށް ވަންނަކަމުގެ އެއްވެސް ކުލަވަރެއް އޭނާގެ މޫނުމައްޗަކުން ނުފެނެއެވެ. ”އަހަރެންނަށް ޖުނޭދުގެ ގެ އެނގޭ. މީގެ އިރުކޮޅެއް ކުރިން އަހަރެން ޖުނޭދުއަށް ގުޅި ހަނދާން ވޭތަ؟“ އެވަޤުތު އަހަރެންގެ މޫނު މަޑުމަޑުން ކަނާތް ފަރާތުން މައްޗަށް ހިއްލައިލީމެވެ. އައިޝާ އެބުނި އެއްޗަކާމެދު ވިސްނާލުމުގެ ބޭނުމުގައެވެ. ”އާން އިރުކޮޅެއް ކުރިން އައިޝާ ގުޅިން ދޯ. އަހަރެންނަކަށް ނޭންގެ އެ ކޯލް ރިސީވް ކުރެވުނުކަމެއް.“ އަހަރެން އެހެން ބުނި ވަޤުތު އައިޝާ އައިސް އަހަރެންގެ ކައިރިގައި މަޑުމަޑުން އިށީންދެލިއެވެ. ”އަނެއްކާ މާބޮޑުކަމެއް ދިމާވީތަ؟ ޖުނޭދު ވަރަށް ހާސްވެފަ ހުރިހެން ހީވެގެން މިއައީ. އަނެއްކާ އަހަރެން މިގެއަށް އަޔަސް އެންމެ ރަނގަޅުތަ؟“ އައިޝާގެ އެންމެ ފަހު ޖުމުލައަށް އަހަރެން ރައްދު ދިނީ ހީލަމުންނެވެ. އެހެނީ އައިޝާ މިހާރުވެސް އެއިނީ އަހަރެންގެ ގޭގައެވެ. އެކަމަކަށް އަހަރެންގެ ފަރާތުން އިޒުނައަކަށްވެސް ނޭދޭތާއެވެ. އެހެންކަމުން އަހަރެންގެ އެ ހީލުމުގެ ފަހަތުގައި ފޮރުވިފައިވީ ޖަވާބު އައިޝާއަށް ވަރަށް ރަނގަޅަށް އެނގުނެވެ. ”ދެން އެންމެ ރަނގަޅޭ. ކޮބާ ޖުނޭދުގެ ކޮއްކޮމެން. އެކުދިން ރަނގަޅުތަ؟“ އެވަޤުތު އަނެއްކާވެސް މީގެ އިރުކޮޅެއް ކުރިން ޖުވޭދާއަށް ވީގޮތް ހަނދާންވިއެވެ. އެހެންމަވެސް އައިޝާއަށް އެކަން އަންގައިގެން އޭނާ ކަންބޮޑުކުރުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ”އާން އެކުދިން ހަމަ ރަނގަޅު. މިހާރު އަންނާނެ ތައްޔާރުވެގެން، އަހަރެންނާ އެއްކޮން ބޭރަށް ނިކުމެލަން. އައިޝާ ދާނަންތަ؟“ އަހަރެންގެ ސުވާލަށް އައިޝާ ޖަވާބު ދިނީ ވަރަށް ނުކެރިފަ އިނދެގެންނެވެ. ”ދާން ބޭނުން. އެކަމަކު ތީ ޖުނޭދުގެ ޢާއިލީ ކަމެއްނު. އަހަރެން ގޮސްގެން އެހާ ރަނގަޅެއް ނުވާނެހެން ހީވަނީ“ ”އެކަމަކު އަހަރެންނަށް ހީވަނީ އަހަރެންގެ ޢާއިލީ ކަންކަމުގަ އައިޝާ ބައިވެރިވުމުގެ ހައްޤު އައިޝާއަށް ދެވިއްޖެހެން.“ އަހަރެންގެ ޖުމުލަ ބުނެ ނުނިމެނީސް، ކޮއްކޮމެން ތައްޔާރުވެލައިގެން އައިސް އަހަރެމެން ދެމީހުން ތިބި ހިސާބަށް އަރާ ހަމަކުރިއެވެ.
”އަހަރުމެންގެ ޢާއިލީ އެއްވެސް ކަމެއްގަ އައިޝާ ބައިވެރިވާން ހުއްދަ ހޯދަން ޖެހޭނެހެނެއް އަހަރުމެންނަކަށް ހިއެއްނުވޭ ދޯ ޖުވޭ.“ އަހަރެމެން ދެމީހުން ދައްކަމުން ގެންދިޔަ ވާހަކަ އެކުދިންނަށް އަޑު އިވުނުކަން، ޖުމާނާގެ ޖަވާބުން އަހަރެމެންނަށްވެސް އެނގުނެވެ. އެހިނދު އައިޝާ ވަރަށް ލަދުވެތި، އެހެނަސް އުފާވެރިކަމުން ފުރިގެންވާ ނަޒަރަކުން އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. އަހަރެންގެ ޙަޔާތުގެ ދޮރު ހުޅުވާލުމަށް ތަޅުދަނޑި ލިބުނު ކަހަލައެވެ. ކޮންމެއަކަސް އަހަރުމެން ހަތަރު މީހުންވެސް ގެއިން ނިކުތީ ވަރަށް ހިތްހަމަޖެހުމާއި އުފާވެރިކަމާވެސް އެކުގައެވެ. އަހަރުމެން ދިޔުމަށް މިފަހަރު އިޚްތިޔާރުކުރީ ހާމައުޑު ފެންނަން އޮންނަ އެހެނަސް ހަލަބޮލި މާހައުލެކެވެ. އެހެނީ އަހަރުމެން ދިޔައީ މާލޭގެ އިރުދެކުނު ފަރާތުމައްޗާއި ދިމާއަށެވެ. ދަރުބާރުގޭގެ ފުރަގަހުން އޮންނަ ދިމާއަށެވެ. ތަފާތު ވައްތަރުގެ ލުއިކާނާވެސް ގެންދިޔައީމެވެ.
އަހަރުމެން ގެންދިޔަ ތަކެތި ކަމުން، ތަފާތު މަޖަލާއި ސަކަރާތުގައި ތިބީމެވެ. ބޭރު ތޮށިގަނޑު މަތީގައި އިށީންދެލައިގެންނެވެ. އެވަޤުތު ޖުވޭދާ ކުއްލިޔަކަށް މައިނޭވާ ލާން ފަށައިފިއެވެ. އޭނާގެ މުޅި ހަށިގަނޑަށް ހާސްކަމެއް ވެރިވެގެން ދިޔަކަހަލަ ގޮތަކަށެވެ. މާހައުލުން ޖެހެމުންދިޔަ ފިނި ވައިގެ އެއްވެސް އަސަރެއް ޖުވޭދާއަށް ނުކުރާ ކަހަލައެވެ. އެހެނީ އޭނާ އިނީ ދާހިއްލާ ފޯވެފައެވެ. ހަމައެހެންމެ، އަހަރެމެން ތިން މީހުންވެސް ތިބީ ވާނުވާ ނޭންގޭ ޙާލުގައެވެ. އެވަޤުތު ޢައިޝާ، ޖުވާދާއާއި ކައިރިވެލާފައި ހަމަޖެހުމަށް ބުނެލިއެވެ. އަދި މަޑުމަޑުން ފުންކޮށް ނޭވާލުމަށް އިރުޝާދު ދެމުން ގެންދިޔައެވެ. ޢައިޝާގެ އިރުޝާދުތަކަށް ތަބާވުމަށް މަސައްކަތް ކުރަމުން، ކުއްލިޔަކަށް ޖުވޭދާގެ އަތް އޭނާގެ ކުރިމައްޗަށް ވާގޮތަށް ހިއްލަން ފަށައިފިއެވެ. އަހަރެމެންނަށް ކޮންމެވެސް އެއްޗެއް ދައްކަން އުޅޭކަހަލަ ގޮތަކަށެވެ. އޭރުވެސް ޖުވޭދާއަށް ނޭވާލުމަށް އުނދގޫވެފައި އިންކަން އަހަރެންނަށް އެނގުނެވެ. އަހަރެމެން ތިންމީހުންވެސް އޭނާ ޢިޝާރާތް ކުރަމުން އެ ގެންދިޔަ ދިމާއަށް ބަލައިލީމެވެ. އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޢައިޝާއަކަށް ވާނުވާއެއް ނޭންގުނެވެ. އެވަޤުތު ޖުމާނާގެ ދުލުން ނިކުތް ލަފުޒުން އައިޝާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ”ބައްޕަ!؟!“ ޖުމާނާ އެބުނި ބުނުމުގައި ވަނީ، ހައިރާންކަމާއި ސުވާލު އެކުއެކީގައި އުފެދިފައެވެ. އާނއެކެވެ. އަހަރެމެންގެ ކުރިމަތިން އުފާވެރިކަމާއި ފުރިހަމަ ހިތްހަމަ ޖެހުމާއިއެކު ޒުވާން އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން އެހެރަދަނީ އަހަރެމެންގެ ބައްޕައެވެ. އަހަރެމެން ތިންބެއިންނަށްވެސް ބަލަހައްޓައިގެން ތިބެވުނީއެވެ. އަހަރެމެންގެ ލޯމަތިން ބައްޕަ ގެއްލިގެން ދިޔައިރުވެސް އެކަކަށްވެސް ދުލުން ބަހެއް ނެރެވުމުގެ ހިތަވަރެއް ނުލިބުނެވެ. ބައްޕަ ގޮސް އޮބާލުމުން، ތިންބެއިންނަށްވެސް ބަލައިލެވުނީ އެކަކު އަނެކަކާއި ދިމާއަށެވެ. އިޚްތިޔާރަކާއި ނުލައެވެ. އައިޝާ އަހަރެމެންނާއި ދިމާއަށް ބަލަމުން ގެންދިޔައެވެ. ފަހަރަކު މީހަކަށް ވަކިވަކިންނެވެ. ޖުވޭދާގެ ހިތުގައި އަދިވެސް އުފެދިފައިވަނީ ބިރުވެރި ކަމެކެވެ. އާނއެކެވެ. ޖުމާނާއާއި ޖުވޭދާގެ މެދުގައި ޢުމުރުގެ މާބޮޑު ތަފާތެއް ނެތެއްކަމަކު، އޭނާގެ ވިސްނުމާއި އުޅުން ޖުވޭދާއަށްވުރެ ހަރުދަނާއެވެ. ވާނީވެސް އެހެންތާއެވެ. އެންމެ ތުއްތު އިރުއްސުރެވެސް އޭނާއަށް އުޅެން ޖެހިފައިވަނީ ޢުމުރަށްވުރެ ދޮށީ ދިރިއުޅުމެކެވެ. އަހަރެންނެކޭ އެއްފަދައިންނެވެ. އެކަން މިއަދުވެސް އޭނާގެ ޢަމލާއި ބަހުން އެބަ ދައްކައިދެއެވެ. އެހެނީ ޖުވޭދާގެ ހިތުގައި އޮތް ބިރުވެރިކަމާއި ކަންބޮޑުވުމަށް ހައްލެއް ގެނެވޭތޯ މިހާރުވެސް އެގެންދަނީ މަސައްކަތް ކުރަމުންނެވެ. ޚުދު އޭނާގެ ހިތުގައި އޮތް އެތައް އިހުސާސްތަކެއް ފޮރުވައިގެންނެވެ. ރުޅިއެވެ. ކަންބޮޑުވުމެވެ. ލަދުވެތިކަމެވެ. ހައިރާންކަމާއި ހާސްކަމެވެ. އަހަރެންނަށްވެސް އިނދެވުނީ ބުނާނެ އެއްޗެއް ނޭންގި އިސްދަށަށް ޖަހައިގެންނެވެ. ރުޅި އަންނަންވެސް ބޭނުމެވެ. ބާރަށް ރޮއެގަންނަންވެސް ބޭނުމެވެ. ހަޅޭއްލަވައިގަންނަންވެސް ބޭނުމެވެ. ޝަކުވާގެ އެތައް ބަސްތަކެއް ބޭރުކޮށްލަން ބޭނުމެވެ. އެހެނަސް އަހަރެން މި ޝަކުވާތައް ހިފައިގެން ދާނީ ވަކި ކޮންތާކަށް ހެއްޔެވެ؟ ރޮއެ އާދޭސް ކުރާނީ ވަކި ކާކުގެ ކުރިމަތީގައި ހެއްޔެވެ؟ މަސްހުނި ވެފައިވާ އެތައް އިހުސާސްތަކެއްގެ ތެރޭގައި ތާށިވެފައި އަހަރެންނަށް އިނދެވުނީއެވެ. އެހިނދު އަހަރެންގެ އަތުގައި މަޑުމަޑުން އައިޝާގެ އަތް ބާއްވާލިއެވެ. އަހަރެންނަށް ސިއްސައިގެންގޮސް އައިޝާއާއި ދިމާއަށް ބަލައިލެވުނެވެ. އޭނާއާއި ހަތަރުކަޅި ހަމަވި ވަޤުތު އަހަރެންގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އެއްފަހަރާ އޮއްސައިގަތެވެ. އަހަރެންނަށް އަނެއްކާވެސް ޖަހާލެވުނީ އިސް ދަށަށެވެ. އަހަރުމެން ތިންބެއިންގެ އިހުސާސްތަކާއި ވާނުވާ އާއިޝާއަށް ނޭންގުނެއް ކަމަކު އޭނާގެ ހިތުގައި އަހަރެމެންނަށްޓަކާ އުފެދިފައިވީ ހަމަދަރުދީ، އޭނާގެ ލޮލުން ހަމަ ސާފުކޮން ފެންނަން ހުއްޓެވެ. ”ހިނގާ ޖުވޭ ގޮވައިގެން ގެއަށްދާން.“ ވަރަށް މަޑުމައިތިރި ކަމާއެކީ ޢައިޝާ ބުނެލިއެވެ. އަހަރެންވެސް މަޑުމަޑުން ބޯ ޖަހާލީމެވެ. އަދި ޖުވޭދާގެ ކޮނޑުގައި ހިފާފައި އެނާ ކޮޅަށް ނެގީމެވެ.
ގެއަށް ދެވުމުން އައިޝާވެސް އޭނާގެ ގެއަށް ދިޔުމަށް އަހަރެން ބުނީމެވެ. ”އައިޝާ ދެން ދޭ ގެއަށް. އަހަރެން އިހަށް ކޮއްކޮމެން ކައިރީގަ މަޑުކޮށްލާނަން.“ ޖުނޭދު، ހަމަ އަސްލުވެސް އަހަރެން ދާންވީތަ؟ އެކަމަކު އަހަރެން ބޭނުން މިވަޤުތު ޖުނޭދު ކައިރީގަ މަޑުކޮށްލަން. ކޮއްކޮމެންނަށް އެހީވާން.“ އެވަޤުތު އަހަރެންގެ ތުންފަތް މައްޗަށް ލުއިލުއި ހިނިތުންވުމެއް ވެރިވިއެވެ. އެ ހިނިތުންވުމުން އައިޝާއަށް ލިބުނީ ހައިރާން ކަމެކެވެ.
އެހެނީ މި ދަނޑިވަޅުގެ ޙާލަތަށް ބަލާނަމަ އެއީ އަހަރެން ކަހަލަ މީހެއްގެ ފަރާތުން ވަރަށް ނާދިރު ކަމަކަށް ވީމަކަން އަހަރެންނަށް ވިސްނުނެވެ. އެހެންކަމުން އެކަމާ އިތުރަށް އެއްވެސް ސުވާލެއް ކުރާކަށް އަހަރެން ގަސްތެއް ނުކުރަމެވެ. އެހެނަސް އަހަރެން އެއަށް ޖަވާބެއް ދިނީމެވެ. ”އަހަރެންނަށް ދިމާވެދާނެ ކޮންމެ ކަމެއްގަވެސް އަހަރެންނާއެކު އައިޝާ ހުންނާނެކަން މިއަދު ވަރަށް ރަނގަޅަށް އައިޝާ ސާބިތު ކޮށްދީފި. ވަރަށް ބޮޑަށް ޝުކުރިއްޔާ އައިޝާ.“ ހިނިތުން ވެލުމަކާއިއެކު އަހަރެން އައިޝާއަށް ޝުކުރު އަދާކުރީމެވެ. އަދި އަހަރެން ހިނިތުން ވެލީ ސަބަބަކީ އެއީ ކަމުގައިވެސް އައިޝާ ގާތުގައި ބުނީމެވެ. އެއަށްފަހު އޭނާ ގެއަށްދިޔުމަށް ބުނީމެވެ. އައިޝާ ގެއަށް ދިޔައީ އަހަރެންގެ އެދުމުގެ މަތިންނެވެ. އެއްވެސް ޙާލެއްގައި އައިޝާ ބޭނުންވެގެންނެއް ނޫނެވެ. އައިޝާ ގޮސް އޮބާލުމުން އަހަރެންނަށް ފުން ނޭވާއެއް ލެވުނެވެ. ހަމަ އެވަޤުތު އަހަރެން އަވަސްވެގަތީ ޖުވޭދާ ކައިރިޔަށް ދިޔުމަށެވެ. ބާރު ހިނގުމެއްގައި ގޮސް ކޮއްކޮމެންގެ ކޮޓަރިއަށް އަހަރެން ވަނީމެވެ. އޭރު ޖުވޭދާ އިނީ އެނދުމަތީގައި ދެފައިނަގާ ކުރުކޮށް ގަޔާއި ކައިރި ކޮށްލައިގެން ކަކޫމަތީގައި ބޯޖަހާލައިގެންނެވެ. އޭނާގެ ކައިރީގައި ޖުމާނާ އިށީންދެލައިގެން އިނެވެ. ދެކުދިންކުރެ އެއްކުއްޖަކުވެސް ވާހަކައެއް ނުދައްކައެވެ. އަހަރެން ފެނުމާއިއެކު އެބަ އަންނަން ކަމަށް ބުނެ އެނދުން ތެދުވެގެން ޖުމާނާ ހިނގައިގަތީ އަހަރެންނާއި ދިމާއަށެވެ. އަދި މަޑުމަޑުން އަހަރެންގެ އަތުގައި ހިފައިގެން ބޭރަށް ނިކުތެވެ. ”ދޮންބޭ، އަހަރެންނަށް ފެންނަނީ ޖުވޭ ނަފްސާނީ ޑޮކްޓަރަކަށް ދައްކަން.“ ފުން ނޭވާއެއް ލުމާއިއެކު ޖުމާނާ ބުނެލިއެވެ. އަހަރެންނަށްވެސް އެއީ ރަނގަޅު ޚިޔާލެއް ކަމަށް ޤަބޫލުކުރެވުނެވެ. ”އާން، ދޮންބެއަށްވެސް ފެންނަނީ ވީހާވެސް އަވަހަކަށް ތިކަން ކުރަން. އޭގެ ފަހުން އެއްވެސް އެއްޗެކޭ ބުނިތަ؟“ ޖުވޭދާގެ ހިތުގައިވާ އެއްޗަކާއި ވިސްނާ އެއްޗެއް ދެނެގަތުމުގެ ބޭނުމުގަ އަހަރެން އަހާލީމެވެ. ޖުމާނާ ބޯ ހޫރާލުމާއިއެކު ނޫނެކޭ ބުނެލިއެވެ. ”އެއްވެސް އެއްޗެކޭ ނުބުނެ. އެކަމަކު ހީވާގޮތުން މިހާރު އަބަދުވެސް ހުންނަނީ ފާޑަކަށް ބިރުގެންފަ.“ އެއީ ތެދެކެވެ. ޖުވޭދާއަށް ދުވަހުން ދުވަހަށް އަންނަ ބަދަލު އަހަރެންވެސް ދިޔައީ ފާހަގަ ކުރަމުންނެވެ. މިހާރަކަށް އައިސް މާގިނައިން ވާހަކަދައްކާ ނޫޅޭކަންވެސް އަހަރެންނަށް ފާހަގަ ކުރެވެއެވެ. އަހަރެންނާއި ގުޅިފަ އޮންނަ ކަމެއްގައި ނޫނީ އަހަރެންނަކާއިވެސް ވާހަކައެއް ނުދައްކައެވެ. ޖުމާނާގެ ޚިޔާލަށް އިތުރަށް މަޝްވަރާ ކޮށްލުމަށް އައިޝާއާއި ވާހަކަ ދައްކާލަން އަހަރެން ވިސްނީމެވެ. ފަހަރެއްގައި އިތުރު އެހީތެރިކަމެއް ލިބިދާނެ ކަމަށްވެސް ވިސްނާފައެވެ.
އެރޭ އަހަރެން ތަންކޮޅެއް އަވަހަށް ނިދަން އޮށޯތީމެވެ. އެހެންނަމަވެސް އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ. ވާނީވެސް އެހެންތާއެވެ. ތަކުރާރުކޮށް ލޯމަތިން ފެންނަމުން ދިޔައީ ދުވާލު ފެނުނު މަންޒަރެވެ. އެ އަންހެން ކުއްޖާގެ އަތުގައި ހިފާލައިގެން ބައްޕަ ހިނގާލާފައިދިޔަ މަންޒަރެވެ. ހަމަ އެއާއިއެކު އެއީ ކޮންކުއްޖެއްތޯވެސް އަހަރެންނަށް ވިސްނެމުން ދިޔައެވެ. އޭނާއަށް އަހަރެންގެ ބައްޕަ ނޭންގެނީބާއޭވެސް ހިތަށް އެރިއެވެ. ހަމަ އެހިނދު އަހަރެންނަށް ވިސްނެން ފެށީ ޖުމާނާގެ ޙާލާއިމެދުގައެވެ. އެހެނީ އަހަރެންނެކޭ އެއްފަދައިން، ޖުމާނާގެ ލޮލަށްވެސް ނިދި ނާންނާނެކަން އަހަރެންނަށް އެނގެއެވެ. ކޮންމެއަކަސް އެނދުން ތެދުވެގެން ކޮޓަރިން ބޭރަށް ނިކުމެލަން އަހަރެން ގަސްތު ކުރީމެވެ. މަޑުމަޑުން ހިނގާލާފައިގޮސް ސިޓިންރޫމުގެ ބޮކި ދިއްލައިލީމެވެ. އެވަޤުތު ޖުމާނާގެ އަޑު އަހަރެންނަށް އިވުނެވެ. ހީވީ ވަރަށް ބިރުން އިންހެންނެވެ. އާނއެކެވެ. އަހަރެން އެތަނަށް އައި އިރުވެސް ޖުމާނާ އިނީ އެތަނުގައެވެ. ކަނު އަނދިރީގައެވެ. އަހަރެން ބޮކި ދިއްލާލުމުން ސިއްސައިގެން ދިޔައީއެވެ. ވާނީވެސް އެހެންތާއެވެ. ބަޔާން ނުކުރިއެއްކަމަކު އޭނާގެ ހިތުގައިވެސް ބިރުވެރިކަމެއް އުފެދިފައިވާކަން އަހަރެންނަށް އެނގެއެވެ. އަހަރެން މަޑުމަޑުން ގޮސް ޖުމާނާގެ ކައިރީގައި އިށީންދެލީމެވެ. ”ދޮންބެ އަންދާޒާ ކޮށްލިން ޖުމާނާ މިތާ އިނދެދާނެ ކަމަށް.“ ޖުމާނާ ފުންނޭވާއެއް ލުމާއިއެކު އަހަރެންނާއި ދިމާއަށް ރަނގަޅަށް އެނބުރިލިއެވެ. ”ދޮންބޭ، އެއީ ކޮން އަންހެން ކުއްޖެއްތަ؟ ބައްޕަ އެކަހަލަ ގޮތަކަށް އެކުއްޖާ ގޮވައިގެން އެދިޔައީ ކޮންތާކަށްބާ؟“ އަހަރެންނަކަށް ބުނާނެ އެއްޗެއް ނޭންގުނެވެ. އެހެނީ ޖުމާނާއެކޭ އެއްފަދައިން މިއޮއް ހުރިހާއިރު އަހަރެންވެސް ވިސްނަމުން މިގެންދިޔައީ އެކަމާއެވެ. އަހަރެންނަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮން ޖުމާނާ އަނެއްކާ އަނެއް ސުވާލު އަހަރެންނާއި ކޮށްލިއެވެ. ”ބައްޕަ މިހާރު އުޅެނީ ކޮންތާކުތަ؟“ ޙަޤީޤަތަށް ބުނާނަމަ އެސުވާލުގެ ޖަވާބެއްވެސް އަހަރެންނަކަށް ނޭންގެއެވެ. އެހެނީ ބައްޕަ އުޅޭނޫޅޭ ގޮތެއް ބަލާކަށް އަހަރެންނެއް ނޫޅެމެވެ. އެހެނީ ބައްޕައާއި ގުޅުންހުރި އެއްވެސް ކަމެއްގެ ތެރެއަށް އަހަރެން ވަންނާކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ދެން އެކަންވެސް ނުކޮށް ވާކަށް ނެތްތާއެވެ. ބައްޕަގެ ޢަމަލުތައް ހުރިގޮތުން އެކަން ނުކޮށް ވާން ނެތީތީއެވެ. ޖުމާނާގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނެތެއްކަމަކު ބައްޕަގެ ޚަބަރު ބަލާ، ޖުމާނާއަށް އަންގާނަން ކަމަށް އަހަރެން ބުނީމެވެ. އެއަށްފަހު އަހަރެމެން މަޝްވަރާކުރީ ޖުވޭދާގެ ޙާލަތާއި އޭނާގެ ބޭސްފަރުވާއާއި ބެހޭގޮތުންނެވެ. ދެބެން އެކުގައި ވާހަކަ ދައްކަން ތިއްބާ ފަތިސްނަމާދު ބަންގި ގޮވާ އަޑު އިވުނެވެ. އަހަރެން ކޮޓަރިއަށްވަދެ ތައްޔާރުވެލައިގެން ނިކުތީ މިސްކިތަށް ދިޔުމަށެވެ. ޖުމާނާވެސް ދިޔައީ ޖުވޭދާއަށް ގޮވައިގެން ނަމާދު ކުރާށެވެ. އަހަރެން ގެއިން ބޭރަށް ނިކުމެ މިސްކިތާއި ދިމާއަށް ހިނގައިގަތުމުގެ ކުރިން
ދެކޮޅު ބަލައިލީމެވެ. އެވަޤުތު އަހަރެންނަށް އެއްފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. އާނއެކެވެ. ބައްޕަ މިއޮއް އަހަރެންނާއި އަރާ ހަމަކުރަނީއެވެ. މިފަހަރުވެސް ހަމަ އެއްކަލަ އަންހެން ކުއްޖާ ބައްޕަގެ އަތުގައި ހިފައިގެން ހުއްޓެވެ. ހީވާގޮތުން އެމީހުން އެ އަންނަނީ ގެއާއި ދިމާއަށެވެ. އަހަރެންގެ މެއަށް ހީވީ ފެން އެއްޗެއް އޮއްސާލި ހެންނެވެ. ކުރިޔަށްވެސް ހިނގައިގަންނަން ނޭންގިފައި އަހަރެންނަށް ހުރެވުނީއެވެ. އެފަދަ ޙާލެއްގައި އަހަރެން ހުއްޓާ، ބައްޕަ އަހަރެންނާއި އަރާ ހަމަކުރިއެވެ. ”އަހާން ޖުނޭދު ދަރިފުޅާ، ކޮބާ ކިހިނެއްތަ ކަންތައްތައް؟“ އުފާވެރި ހިނިތުން ވުމަކާއިއެކު އަހަރެންގެ ކޮނޑުގައި އަތް އަޅުވާލަމުން ބައްޕަ ސުވާލު ކޮށްލިއެވެ.
- ނުނިމޭ –






