ސަބަބު (ބާރަވަނަ ބައި)

ޝިޔާމާ އަޙްމަދު (ސިޔައްތަ)
މެއި 16, 2026

”އަހަރެންގެ މަންމަ ނިޔާވީ، އެއިޑްސް ޖެހިގެން.“ އައިޝާ ކުއްލިޔަކަށް ފުންމައިގެން ކޮޅަށް ތެދުވިއެވެ. އަދި އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. އަހަރެން ހީކުރީ އައިޝާ ތެދުވީ އެތަނުން ދާންވެގެން ކަމަށެވެ. އަހަރެންނަށްވެސް އައިޝާއާއި ދިމާއަށް އިސް އުފުލާލި ގޮތަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ކޮޅަށް ތެދުވާކަށް ޚިޔާލެއްވެސް ނެތެވެ. ”ޖުނޭދު މަންމައަށް އެއިޑްސް ޖެހެންވީ ކީއްވެ؟ ބަލިވެގެން ވާނުވާ ނޭންގޭ މީހެއްގެ ގައިން ލޭ އެޅުން ކަހަލަ ކަމެއް ކުރިންތަ؟“ އައިޝާގެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން އަނެއްކާވެސް އެތަނުގައި އިށީންދެލުމަށް ދަޢުވަތު ދިނީމެވެ. “ އަހަރެންގެ ވާހަކަ އަޑުއަހަން ބޭނުމިއްޔާ އައިޝާ އިހަށް މިތަނުގަ އިށީންދެލާ. ތިހެން ކޮޅަށް ހުރެގެން އަޑުއެހޭ ވަރުގެ ވާހަކަތަކެއް ނޫން މިއީ. ތިހެން ކޮޅަށް ހުރެގެން އަޑުއެހޭ ވަރުގެ ވާހަކަތަކެއް ނޫން މިއީ.“ އައިޝާ ކުރިންވެސް އިށީންދެގެން އިން ދިމާއަށް ޢިޝާރާތް ކޮށްލަމުން އަހަރެން ބުނެލީމެވެ. ފުން ނޭވާއެއްލުމާއިއެކު ޢައިޝާ އަނެއްކާވެސް އަހަރެންގެ ކައިރީގައި އިށީންދެލިއެވެ. އެހެނަސް އިތުރު އެއްވެސް އެއްޗެއް ބުނާކަށް އޭނާ ގަސްތެއް ނުކުރިއެވެ. ހަމަ އެހެންމެ ކަނޑާއި ދިމާއަށް ބަލަހައްޓައިގެން އިންގޮތަށް އިނީއެވެ. އެންމެފަހުން އަހަރެންނަށް ކެތްނުވެގެން ވާހަކަދައްކަން ފެށީމެވެ. ”ޢައިޝާއަށް އެނގޭތަ އަހަރެންނަކީ ބައްޕައެއް ހުރެ، އެބައްޕަގެ ފަރާތުން ދުވަހަކުވެސް ލޯތްބަކާއި އަޅާލުމެއް ނުލިބި ބޮޑުވެފަހުރި  މީހެއް.“ އަހަރެންގެ ވާހަކަ އެހާހިސާބަށް ދިޔުމުން ޢައިޝާ އަނެއްކާވެސް އަހަރެންނާއި ދިމާއަށް ސުވާލުން ފުރިގެންވާ ނަޒަރަކުން ބަލައިލިއެވެ. ”ޖުނޭދުގެ ބައްޕަ ދުނިޔޭގަ އެބަހުރިތަ؟“ އަހަރެން ވަރަށް ފުންނަޒަރަކުން ޢައިޝާއާއި ދިމާއަށް ބަލައިލީމެވެ. އެ ބެލުމުގައިވީ އެތައް ވާހަކަތަކެއް ދެނެގަންނާކަށް ޢައިޝާއަށް މާގިނަ ވަޤުތެއް ނުނެގިއެވެ. ސަބަބު އަހަރުމެން ދެމީހުންކުރެ އަކަކަށްވެސް ނޭންގުނެވެ. އެހެންނަމަވެސް އެނގޭ ކަމަކީ ދެމީހުންވެސް އެކަކު އަނެކަކާއި ދިމާވި ދުވަހުން ފެށިގެންވެސް، ބުނެދޭން ނޭންގޭ ގުޅުމެއް އުފެދިފައިވީ ކަމެވެ. އެކަކަށްޓަކާ އަނެކަކުގެ ހިތުގައި އިހުސާސްތަކެއް އުފަންކުރުވާފައިވީ ކަމެވެ. ކޮންމެ ގަލަކަށް މަހެއް ވާނޭ ބުނާފަދައިން އަހަރުމެން ދެމީހުންގެ ތަޤުދީރު ގުޅިފައިވަނީ ކަމަށްވެސް ވެދާނެޔޭ އަހަރެންގެ ހިތަށް އެރިއެވެ. އެފަދަ ޚިޔާލުތަކަށް  ގެނބި ހުސްވެފައި ވަނިކޮށް، އަހަރެން ސިއްސައިގެން ދިޔައީ، ޢައިޝާ ކޮށްލި ސުވާލުންނެވެ. ”ދެން އެހެންވިއްޔާ މަންމަ ނިޔާވުމާ ބައްޕަޔާ އެއްވެސް ގުޅުމެއް ވޭތަ؟“ އެހެން ބުނުމާއިއެކު ކަންބޮޑުވެފައިވާ ނަޒަރަކުން  އަހަރެންނާއި ދިމާއަށް ޢައިޝާ ބަލައިލިއެވެ. ”އަހަރެން މިހެން މިބުނީ އަނެއްކާ ޖުނޭދު ބައްޕަގެ ބޮލުގަ އިލްޒާމެއް އަޅުވާކަށް ނޫން އިނގޭ. އަހަރެންނަކަށް ނުވެސް އެނގޭތާ ދޯ ކަންތައް ވެގެންދިޔަ ގޮތެއްވެސް. އެކަމަކު ޖުނޭދުގެ ލޯ އަހަރެންނަށް އެތައް ވާހަކަތަކެއް އެބަ ބުނެދޭ. ޝަކުވާ، ވޭން، ރުޅި، ބިރު، ޒިންމާ، ކަންބޮޑުވުން.. މިކަހަލަ މަސްހުނިވެފައިވާ އެތައް އިހުސާސްތަކެއް ޖުނޭދުގެ ހިތާ ސިކުނޑީގަ ދައުރުވަމުން ދާހެން އަހަރެންނަށް އެބަ ހީވޭ.“ ޢައިޝާގެ ވާހަކައަށް އެއްބަސް ވެލުމުގެ ގޮތުން ލުއިލުއި ހިނިތުން ވުމަކުން އަހަރެން  ހީލީމެވެ. މަޑުމަޑުން އިސްޖަހާލުމާއިއެކުގައެވެ. ”ނޭންގި ނަމަވެސް ޢައިޝާއަށް ތި ހީވީ ހަމަ ރަނގަޅަށް. އަހަރެންނަކީ އުފަންވީއްސުރެން އެތައް ތަކުލީފުތަކެއް އުފުލަމުން މިހާ ހިސާބަށް އައިސްފަވާ މީހަކީން.“  ”ޖުނޭދުއަށް އަހަރެންނަށް ޓްރަސްޓް ކުރެވެންޏާ އަހަރެން ޖުނޭދުގެ ވާހަކަތައް އަޑުއަހާލަން ބޭނުން.“ އަހަރެން ވަރަށް މަޑުމަޑުން ޢައިޝާއާއި ދިމާއަށް އެނބުރިލީމެވެ. އޭނާ އިނީ ވަރަށް އޯގާތެރި ނަޒަރަކުން އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އަހަރެންނަށް ފުން ނޭވާއެއް ލެވުނެވެ. އަދި މަޑުމަޑުން ދެލޯ މަރާލާފައި ހަމަޖެހިލީމެވެ. އެހިނދު އަހަރެންގެ ދެލޮލަށް ކަރުނަ ޖަމާވެފައިވީކަން އިހުސާސް ކުރެވުނެވެ. އެހެނީ ހިފެހެއްޓުމެއް ނެތި އެކަރުތައް އަހަރެންގެ ކަށި ތުނބުޅީގެ މައްޗަށް އޮހިގަތެވެ.  އެއަށްފަހު ފުން ނޭވާއެއް ލުމާއިއެކު އޭނާއަށް އިތުބާރުކުރާ ކަމަށް ޢިޝާރާތުން ބުނެލީމެވެ. އެވަޤުތު ޢައިޝާވެސް އަހަރެންގެ ވާހަކަތައް އަޑުއެހުމަށް ތައްޔާރުވެލިއެވެ. އަހަރެންގެ މުޅި ޙަޔާތް ހޭދަކުރި ގޮތާއި މަންމައާއި ބައްޕަގެ ދިރިއުޅުން އަދި މަންމަ ނިމިގެންދިޔަ ގޮތާއި ސަބަބު ވަރަށް ރަނގަޅަށް ޢައިޝާއަށް ކިޔައިދިނީމެވެ.

އަހަރެން ވާހަކަ ދައްކާ ނިންމާލުމާއިއެކު ޢައިޝާއާއި ދިމާއަށް ބަލައިލީމެވެ. އޭނާއަށް އިނީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. ދުލުން ބަހެއް ބޭރުކުރަން އުނދަގޫ ވެފައެވެ. އަހަރެން މަޑުމަޑުން ޢައިޝާއަށް ގޮވާލީމެވެ. ޢައިޝާ މަޑުމަޑުން ހިންދިރުވާލިއެވެ. އަދި އަހަރެންނާއި ދިމާއަށް އެނބުރިލުމާއިއެކު، އަތް ދިއްކޮށްލިއެވެ. އެއީ މުޅި ޢުމުރަށް އަހަރެންގެ އަތުގައި ހިފުމަށް ދިއްކޮށްލި އަތެއް ކަހަލައެވެ. ފެންކަޅި ވެފައިވާ ހާލު، އަހަރެންނަށް ބަލައިލެވުނީ ޢައިޝާގެ މޫނާއި ދިމާއަށެވެ. އަދި ބޭއިޚްތިޔާރުގައި، އެ އަތުގައި އަހަރެންނަށް ހިފާލެވުނެވެ. އޭގެ ސަބަބުން ނިކުންނާނެ ނަތީޖާއަކާއި މެދުގައިވެސް އެއިރަކު އަހަރެންނަކަށް ނުވިސްނުނެވެ. ”އަހަރެން މިހުރީ ޖުނޭދުއާއެކު. އިންޝާﷲ. މުޅި ޢުމުރަށްވެސް މިގޮތުގާ“ ހުންނާނަން. އަހަރެންގެ ލޮލުގައި ޖަމާވެފައިވާ ކަރުނަތައް އެކިއެކައްޗަކަށް ފައިބާގަތެވެ. އަދި ގިސްލާ ރޮއެގަނެވުނެވެ. އަހަރެންނަށް އިނީ ކޮންކަހަލަ

މާޙައުލެއްގައިކަންވެސް ހަނދާން ނެތިފައި އިނދެވުނު ކަހަލައެވެ. އަހަރެންގެ ރުއިމުގެ އަޑު ބާރުވެދާނެ ކަމުގެ ބިރު ޢައިޝާގެ ހިތުގައި އުފެދުނެވެ. އެހެނީ، ރުއިން ހުއްޓާލުމަށް ތަކުރާރުކޮށް އަހަރެންގެ ގާތުގައި ޢައިޝާ ބުނަމުން ގެންދިޔައެވެ. ކަންބޮޑުވެފައިވާ އަޑަކުންނެވެ. އެންމެފަހުން  ޢައިޝާގެ އިލްތިމާސް ޤަބޫލުކޮށް، އަހަރެންވެސް އަމިއްލަ ނަފްސު ކޮންޓްރޯލުކުރަން މަސައްކަތް ކުރީމެވެ. އެއިރު އަހަރެންގެ ހިތަށް ބުނެދޭން

ނޭންގޭ ފަދަ ލުއިކަމެއް އިހުސާސް ކުރެވެން ފެށިއެވެ. އެތައް ޒަމާނަކުން ފެށިގެން އުފުލަމުން ގެންދިޔަ ބޮޑު ބުރައަކުން މިންޖު ވެވުނުކަހަލަ އިހުސާސެއްވެސް ކުރެވެން ފެށުނެވެ. ހަމަޖެހުމުގެ ފުން ނޭވާއެއް ލުމާއިއެކު ދެލޮލަށް ޖަމާވެފައިހުރި ކަރުނަތައް ދެއަތުން ފޮހެލީމެވެ. އަދި މަޑުމަޑުން ޢައިޝާއާއި ދިމާއަށް ބަލައިލީމެވެ. ”ވަރަށް ބޮޑަށް ޝުކުރިއްޔާ ޢައިޝާ.“ އަހަރެންގެ ޖުމުލަ އަޑު އިވުމާއިއެކު، ހައިރާނުން ފުރިގަންވާ ނަޒަރަކުން ޢައިޝާ އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. ”ޢައިޝާއަށް ނޭންގި ނަމަވެސް ތި ކޮށްދިނީ ވަރަށް ބޮޑުކަމެއް. އަހަރެންގެ ލޮލުން މިއަދު އޮހިގެން ކަރުނައަކީ އެތައް ޒަމާނެއް ވަންދެން އަހަރެން ހިފަހައްޓައިގެން ހުރި އެއްޗެއް. އޭގެ ސަބަބުން އަހަރެންނަށް އެތައް ގޯހެއް ހެދި،އެތައް ކުށެއް ކުރެވި،  އެތައް ފިކުރެއް ކުރެވެމުން ދިޔަ އެއްޗެއް.“ އަހަރެން ހިލާފައި ޢައިޝާ ހިތުގައިވާ ސުވާލަށް ޖަވާބު ދިނީމެވެ. އާނއެކެވެ. އަހަރެންގެ ޝުކުރުގެ ބަދަލުގައި ޢައިޝާ އަހަރެންނާއި އެއްވެސް ސުވާލެއް ނުކުރެއެވެ.  އެހެނަސް އޭނާގެ ބަލައިލުމުން، އޭނާގެ ހިތުގައި އުފެދުނު ސުވާލު އަހަރެން ދެނެގަތީމެވެ. އަހަރެން އޭނާއަށް ދިނީ އެސުވާލުގެ ޖަވާބެވެ. ”އެތައް ކުށެކޭ؟ ތި ބުނި އެއްޗެއްގެ މާނަ ބުނެލަދީފާނަންތަ؟“ ޢައިޝާގެ އެ ސުވާލުން އަހަރެންގެ ހިތުގައި ޒާތެއްގެ ބިރުވެރިކަމެއް އުފެދުނެވެ. ބުނެވޭ އެއްޗަކުން އަނެއްކާ ޢައިޝާ އަހަރެން ދޫކޮށްލާފައި ހިނގައިދާނެ ބާއެވެ؟ އަހަރެން އަނެއްކާވެސް އެކަނިވެރި ވެދާނެބާއެވެ؟ އަހަރެންގެ އުންމީދުތަކުގައި ޢައިޝާ ކޮޅުފައިން ޖަހާފާޏެ ބާއެވެ؟ މިފަދަ އެތައް ސުވާލުތަކެއް އަހަރެންގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. އެހިނދު އަހަރެންގެ އަތުގައި ޢައިޝާގެ އަތް މަޑުމަޑުން ބާއްވާލިއެވެ. ލިބުނު ސިހުމާއިއެކީ އަހަރެނަށްވެސް ޢައިޝާއާއި ދިމާއަށް ބަލައިލެވުނެވެ. ”ޖުނޭދު ކަންބޮޑުނުވޭ، މިއަދު  އަހަރެން ޖުނޭދު އަތުގަ މިހިފީ މުޅި ޢުމުރަށް ކަމަށް ޤަބޫލުކުރޭ. އެއްވެސް މީހަކީ ހުރިހާގޮތަކުން ފުރިހަމަ މީހަކަށް ވާނެކަމަކަށް އަހަރެންނެއް ގަބޫލެއް ނުކުރަން. އެގޮތުން ޖުނޭދުގެ ކިބައިގަވެސް އުނިސިފަތަކެއް ހުރުން އެކަށީގެންވޭ. އެކަމަކު އެއީ އަހަރެންގެ އެހީތެރިކަމާ އެކީގަ ނަމަވެސް ބަދަލު ކުރެވޭނެ ކަންކަމަށް ވާނަމަ އަހަރެން މިހުރީ އެކަމުގަވެސް ޖުނޭދުއަށް އެހީވާން ތައްޔާރަށް.“ ލޯބިލޯބި ހިނިތުން ވުމަކާއިއެކީ ޢައިޝާ އަހަރެންނަށް ޔަޤީންކަން ދެމުން ގެންދިޔައެވެ. މީގެ ކުރިން ދުވަހަކުވެސް ނުލިބޭފަދަ ހިތްހަމަ ޖެހުމެއް އަހަރެންނަށް ވެސް ލިބުނެވެ.

މީގެ އިރުކޮޅެއްކުރިން ޢައިޝާގެ ކުރިމަތީގައި އަހަރެންގެ ޙަޔާތުގެ ޑައިރީ ހުޅުވާލި ކަމުގައި ވީނަމަވެސް، އެ ޑައިރީގެ ބައެއް ޞަފްޙާތައް ހުޅުވާނުލާ ބެހެއްޓީމެވެ. ހިތުގައި ބިރުވެރިކަމެއްވެސް އޮތަތީއެވެ. އެހެނަސް މިހާރު އެ ބިރުވެރިކަން ނެތިގެން ހިނގައްޖެ ކަހަލައެވެ. އެހެނީ ޢައިޝާގެ ފަރާތުން އަހަރެންނަށް ލިބުނު ޔަޤީން ކަމަކީ އަހަރެން ދެލޯ މަރައިގެން އިދެވެސް އިތުބާރު ކުރާވަރުގެ ޔަޤީން ކަމެކެވެ. އެގޮތުގެ މަތިން ޢައިޝާގެ ކުރިމަތީގައި އަހަރެންގެ ޙަޔާތުގެ އަނދިރި ފަރާތްވެސް ނިއުޅާލީމެވެ. ހިތުގައި ބިރުވެރިކަމެއް އޮތެއްކަމަކު، ސާފު ހިތަކައިގެން ޢައިޝާއަށް ތެދުވެރިވާން އަހަރެން ބޭނުންވީތީއެވެ. އަހަރެންގެ ވާހަކަ ނިމުނުއިރު ޢައިޝާ އިނީ އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އެހެންނަމަވެސް އެއްވެސް ކަހަލަ ހައިރާންކަމެއް އަހަރެންނަކަށް އޭނާގެ މޫނުމައްޗަކުން ނުފެނުނެވެ. އޭނާގެ ވިސްނުން ހުރީ އަހަރެން ހީކުރިގޮތާއި މުޅިން ޚިލާފަށެވެ. އެހެނީ އަހަރެންގެ ޙަޔާތުގެ އަނދިރި ފަރާތްވެސް ޢައިޝާ ބަލައިގަތީ ހެޔޮހިތުންނެވެ. އޭނާގެ ހިތުގައި ވަރުގަދަ ޢަޒުމަކާއި އުންމީދެއް އޮތީތީއެވެ. އަހަރެން ވަދެފައިވާ އަނދަވަޅުން ނެރެދިނުމުގެ ފުރިހަމަ އުންމީދާއިވެސް އެކުގައެވެ. އަލްޙަމްދުﷲ، އުފާވެރިކަމުގެ ކޮޅެއް ނެތެވެ. ދުނިޔެއަށް ހޭލައިގަތީއްސުރެ އަދާހަމައަށްވެސް ދިރިއުޅުމުގެ އުފަލާއި ފޮނިމީރު ކަމަކީ އަހަރެންނަށް ހުވަފެނުންވެސް ފެނިފައި ނުވާ އެއްޗެކެވެ. އެހެނަސް މިއަދު އަހަރެންނަށްވެސް އެ ނަޞީބު ލިބުނީކަމަށް ނިންމައިފީމެވެ. އެހިނދު އަހަރެންގެ ހިތުގައި ވަރުގަދަ ޢަޒުމެއް ކަނޑައެޅީމެވެ. ދުވަހަކުވެސް ޢައިޝާއަށް ދެރަގޮތެއް ނުހެދުމަށެވެ. ކޮންމެފަދަ ޙާލެއްގައިވެސް އޭނާ ހިމާޔަތް ކުރުމަށެވެ. ހަމައެއާއެކު އަހަރެންނަށް އެހެން ކަމަކާއިމެދު ވެސް ވިސްނެން ފެށުނެވެ. އަހަރެންގެ ބައްޕަފަދަ ފިރިއަކަށް ނުވުމުގެ އަޒުމު ކަނޑައެޅުމަށެވެ. އިންޝާﷲ، އަހަރެން ވާނީ ޢައިޝާގެ މުޅި ޙަޔާތް އުފަލުން ފުރާލަދޭނެ ވަރުގެ ތެދުވެރި، އޯގާތެރި އަދި އިޚްލާސްތެރި ފިރިއަކަށެވެ. އެ ވަރުގަދަ ޢަޒުމުގައި އިނދެ އަހަރެން މަޑުމަޑުން ކޮޅަށް ތެދުވެލީމެވެ. އަދި ޢައިޝާގެ އަތުގައި ހިފުމަށް އަތް ދިއްކޮށްލީމެވެ. ފުރިހަމަ ހިނިތުންވުމަކާއިއެކު ޢައިޝާ ވެސް އަހަރެންގެ އަތުގައި ހިފައިގެން އެތަނުން ތެދުވިއެވެ. އެދުވަހު ދެމީހުން ގެއަށްދިޔުމަށް ހިނގައިގަތީ އަންނަން އޮތް އުޖާލާ ކުރިމަގުގެ ފުރިހަމަ ހުވަފެންތަކާއި ފޮނި އުންމީދުގެ އަތުގައިވެސް ހިފައިގެންނެވެ.

 

އަހަރެން ގެއަށް ދިޔައިރު ކޮއްކޮމެން ފެންނާކަށް ނެތެވެ. މަޑުމަޑުން ގޮސް ސިޓިން ރޫމުގެ ސޯފާގައި އިށީންދެލައިފާ ޖުމާނާއަށް ގޮވާލީމެވެ. އަހަރެންގެ ގޮވާލުމަށް ޖުމާނާ އިޖާބަ ދިންއަޑު އިވުނީ އެކުދިންގެ ކޮޓަރިތެރެއިންނެވެ. ޖުމާނާ މަޑުމަޑުން ހިނގާލާފައި އައިސް އަހަރެން ކައިރިޔަށް ހުއްޓިލިއެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތިން ފެންނަން ހުރީ މާޔޫސްކަމެވެ. ފުރިހަމަ ހިތްމަޖެހުމަކާއިއެކު ގެއަށް އައިސް ވަނުމުން ޖުމާނާގެ މޫނުމަތި ފެނިފައި ލިބިފައިހުރި ހުރިހާ ހަމަޖެހުމެއް އެއްފަހަރާ ފިލައިގެން ދިޔަކަހަލަ އިހުސާސެއް ކުރެވުނެވެ.  އަހަރެންނަށް ފުންމައިގެން ތެދުވެވުނެވެ. ޖުމާނާ ސިއްސައިގެން ގޮސް ފަހަތަށް ޖެހިލިއެވެ. ”ދޮންބޭ، ކިހިނެއްވީ؟“ ޖުމާނާ އަހަރެންނާއި ސުވާލުކުރިއިރުވެސް މޫނުމަތިން

މާޔޫސްކަން ފައުޅުވާން ހުއްޓެވެ. ”ކޮއްކޮއަށް ތިހުރީ ކިހިނެއް ވެފަ؟ ކޮބާ ޖުވޭދާކޮއްކޮ؟  މާބޮޑުކަމެއް ދިމާވީތަ؟ ނޫނީ އަނެއްކާވެސް ބައްޕަ އައީތަ؟“ ޖުމާނާ ހަމަޖެހިލަން މަސައްކަތް ކުރަމުން ގެންދިޔައެވެ. އަހަރެންގެ މޫނުމަތިން ކަންބޮޑުވުން ފެނިފައި ކަމަށް ވެދާނެއެވެ. ”ދޮންބެ އިހަށް އިށީންދެލާބަލަ. ހަމަޖެހިލަބަލަ. ޖުވޭ އެބައުޅޭ ކޮޓަރީގަ.“ އެހެން ބުނުމާއިއެކު، އަހަރެންގެ ދެކޮނޑުގައި ހިފާލާފައި ސޯފާގައި އަހަރެން ބޭންދުމަށް މަސައްކަތް ކޮށްލިއެވެ. އަހަރެންވެސް ކިޔަމަންތެރި ކަމާއިއެކީ، މަޑުމަޑުން އިށީންދެލީމެވެ. އެހެންނަމަވެސް އަހަރެންގެ ހިތުގައި އޮތް ކަންބޮޑުވުމަކަށް ބަދަލެއް ނާދެއެވެ. ”ދެން ބުނެބަލަ ކޮއްކޯ، ކިހިނެއްވެފަތަ ތިހުރީ؟“ އަހަރެންގެ ކައިރީގައި ޖުމާނާ އިށީންދެލިއެވެ. ”ދޮންބޭ، ދޮންބެ ތި ހީކުރާކަހަލަ އެއްވެސް ކަމެއް ނުވެޔޭ. އެކަމަކު ބައްޕަގެ ކަންތައް ހުންނަގޮތުން އަބަދުވެސް އެޚިޔާލުތައް ހުންނާތީ ކޮންމެސް ވަރަކަށް މާޔޫސްކަން ފެންނަނީ. އަނެއްހެން ކަމެއް ނުވޭ. ކޮއްކޮވެސް އޯކޭ.“ ޖުމާނާގެ ވާހަކަތައް އަޑުއިވުނީމަ އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އަހަރެން އަނެއްކާވެސް މަޑުމަޑުން އިށީންދެލީމެވެ. އަވަޤުތު ޖުމާނާ އަހަރެންނަށް ގޮވާލިއެވެ. އެ ގޮވާލުމުގައިވަނީ ސުވާލުން ފުރިގެންވާ ރާގެކެވެ. ހަމަ އެއާއިއެކު އަހަރެންގެ ކައިރީގައި ޖުމާނާ އިށީންދެލިއެވެ. ”އަހަރުމެންނަށް ކަމެއްވިޔަސް ނުވިޔަސް ދޮންބެއަށް ކޮންމެވެސް ކަމެއް ވެއްޖެ!“ އަހަރެން ހަމަޖެހިލާފައި ޖުމާނާއާއި ދިމާއަށް ބަލައިލީމެވެ. އޭނާ އިނީ އަހަރެންގެ މޫނުމަތިން ފެންނަނީ ކޮންކަހަލަ ކަމެއްތޯ ބަލާކަހަލަ ގޮތަކަށް ބަލަހައްޓައިގެންނެވެ. އާނއެކެވެ. އަހަރެންގެ މޫނުމަތީގައިވާ އުޖާލާކަން ޖުމާނާ ފާހަގަ ކޮށްފިއެވެ. އަހަރެން ކިތަންމެ ފޮރުވަން އުޅުނަސް ދެނެއް އެކަމެއް ނުވާނެކަން ޤަބޫލުވެސް ކުރީމެވެ. ހަމަ އެވަޤުތުމެ އަހަރެންގެ މޫނުމައްޗަށް ވެރިވެގެންދިޔަ ލުއިލުއި ހިނިތުންވުން ޖުމާނާ ފާހަގަ ކޮށްލިއެވެ. އެހެނަސް އެކަމާއި ގުޅޭގޮތުން އަހަރެންނާއި  މުޚާތަބު ކުރުމުގެ ބަދަލުގައި، އޭނާ ގޮވާލީ ޖުވޭދާއަށެވެ. ޖުވޭދާ ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ނިކުމެގެން އައެވެ. ހާސްވެ ކަންބޮޑޫވެފައިވާ ޙާލު، ޖުވޭދާ ސުވާލުކޮށްލިއެވެ. އޭރުވެސް ޖުމާނާ އިނީ ކަޅިވެސް ޖަހާނުލާ އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ޖުވޭދާ ކޮށްލި ސުވާލަށް ޖަވާބު ނުލިބުމުން، އެއްފަހަރު އަހަރެންގެ މޫނަށް އަނެއްފަހަރު ޖުމާނާގެ މޫނަށް ސުވާލުން ފުރިގެންވާ ނަޒަރަކުން ބަލަމުން ގެންދިޔައެވެ. ކުޑަ އިރުކޮޅަކުން ބެލުމަށްފަހު ޖުވޭދާއަށް ކެތްނުވެގެން އަނެއްކާވެސް ވީކީއްތޯ ސުވާލު ކޮށްލިއެވެ. ޖަވާބުގައި ޖުމާނާ ހޭން ފެށިއެވެ. އަހަރެން ކައިރިޔަށްވެސް ފާޑަކަށް ހިނިއަންނަ ގޮތްވިއެވެ. އަދި އިސްދަށަށް ޖަހާލީމެވެ. އެހެނީ އަހަރެންގެ ބުނުމަކާއިނުލާ ޖުމާނާ ހުރިހާ އެއްޗެއްވެސް ދެނެގަތްފިކަން އަހަރެންނަށް އެނގުނެވެ. ”ދޮންތާ، އަހަރެން އެއޮއް އަރާމުގަ އޮއްވާ ގޮވައިގެން ގެނެސް ދޮންބެއާ ދިމާއަށް ބަލަހައްޓައިގެން އިނދެ ހެނުނަކަށް އަދި އަހަރެންނަކަށް ވާނުވާއެއް ނޭންގޭނެޔޭ. ދެން ތި ވެގެންއުޅޭގޮތެއް ބުނެބަލަ.“ ޖުވޭދާގެ ހައިރާންކަން ފިލުވައިދޭން ޖުމާނާ މަސައްކަތް ފެށިއެވެ. އެހެނީ އޭނާގެ ހިނިގަނޑު ކޮންޓުރޯލުކުރަން މަސައްކަތް ކުރަމުން ގެންދިޔައެވެ. ”ޖުވޭ، ދޮންބެއަށް މަރުޙަބާ ކިޔާބަލަ. ދޮންބެ އެއުޅެނީ އަހަރުމެންގެ ފެމިލީއަށް އިތުރު މީހަކު ގެންނަން ވެގެން.“ ޖުވޭދާ ހައިރާންވާ ގޮތްވިއެވެ. އަހަރެންނަކަށް ބުނާނެ އެއްވެސް އެއްޗެއް ނޭންގުނެވެ. އެހެނަސް ހައިރާންވިއެވެ. އަހަރެންގެ ބުނުމަކާއި ނުލާ ޖުމާނާއަށް އަހަރެންގެ ޙާލަތު ދެނެގަންނަން ފަސޭހަ ވީތީއެވެ. ”ދޮންތަ ތިކިޔަނީ ކީކޭ؟ ދޮންބެ ކިހިނެއް ފެމިލީއަށް މީހުން އިތުރު ކުރަނީ..“ އެހާ ހިސާބަށް ބުނުމާއިއެކު ޖުވޭދާވެސް އުފަލުން ފުންމައިގަތެވެ. އޭނާއަށްވެސް އެނގުނީއެވެ. އެވަޤުތު އަހަރެންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލިލިއެވެ. އަހަރެންގެ ދުލުން އެއްވެސް އެއްޗެއް ބަޔާން ނުކޮށް ޙާލަތު ދެނެގަންނަން އަހަރެންގެ ދެ ކޮއްކޮއަށްވެސް އެނގުނީތީއެވެ. އާނއެކެވެ. ވާނީވެސް އެހެންތާއެވެ. އެންމެ ތުއްތު އިރުއްސުރެވެސް އަހަރެމެން ތިންބެއިންވެސް ގެންދިޔައީ އެކަކުގެ އިހުސާސްތައް ދެނެގަންނަމުންނެވެ. ޙާލަތު ކުރިމަތި ކުރުވީވެސް އެފަދަ ޙާލާތެކެވެ. އަހަރެމެން ތިންބެއިންނަކީވެސް އެކަކު އަނެކަކުގެ ބެލެވެރިންނެވެ. އެގޮތުގެ މަތިން ތިންބެއިންގެ މެދުގައިވެސް ވަނީ، ލޭގެ ގުޅުމުގެ އިތުރުން އެކަކު އަނެކަކުގެ ވޭނާއި ޖަޒުބާތު ދެނެގަތުމުގެ ވަރުގަދަ އިހުސާސްވެސް އުފެދިފައެވެ.

މަޑުމަޑު ހިނިތުންވުމަކާއެކު، އަހަރެން ޚިޔާލުތަކަށް ގެއްލިފައި ވަނިކޮށް، އަހަރެންގެ މުޅި ހަށިގަނޑަށް ލޮޅުން އެރިހެން ހީވެގެން ހަމަޖެހިލާފައި ބަލައިލީމެވެ. ޖުވޭދާ އަހަރެންގެ ކޮނޑުގައި ހިފާފައި ދެފަރާތަށް ތަޅުވާލީއެވެ. ”ދޮންބެ ދެން އަހަރުމެންގެ ކައިރީގަ ހުންނައިރުވެސް ޢައިޝާގެ ޚިޔާލުގަ ތަ ހުންނަނީ؟“ އަހަރެންނަށް ލުދުވެތި ކަމާއިއެކު އިސްދަށަށް ޖަހާލުން ފިޔަވާ އިތުރު އެއްޗެއް އެވަޤުތަކު ނުބުނެވުނެވެ. އެހެނީ އަހަރެން ވިސްނަމުންދިޔަ ކަންތަކުގެ ވާހަކަ މި ދަނޑިވަޅުގައި ބުނެގެން މާހައުލަށް އައިސްފައިވާ އުފާވެރިކަން ކުޑަވެދާނެ ކަމުގެ ބިރު އަހަރެންގެ ހިތުގައި އޮތަތީއެވެ. ”ހަމަ އަސްލުވެސް އަހަރެން ދޮންބެއަށްޓަކާ ވަރަށް އުފާވޭ.“ ”އަހަރެންވެސް.“ ޖުމާނާގެ ޖުމުލަ ބުނެ ނިންމާލިތަނާހެން ޖުވޭދާވެސް އޭނާގެ ހިތުގެ ޝުޢޫރު ބަޔާން ކޮށްލިއެވެ. ”އެކަމަކު ދޮންބެ އެބައޮތް ތި ދެކުދިންނާ ދައްކަން ބޭނުންވާ ވަރަށްބޮޑު ވާހަކައެއް.“ އަހަރެންގެ އެ ޖުމުލަ އަޑުއިވުމާއިއެކު ދެކުދިންވެސް ސީރިޔަސް ކަމާއިއެކު އަހަރެން ދައްކަން ބޭނުންވާ ވާހަކަ އަޑުއެހުމަށް ތައްޔާރު ވެލިއެވެ. ”ބުނެބަލަ، އަހަރުމެން މިތިބީ އަޑުއަހަން.“ ތިންބެއިން ހަމަޖެހިލައިގެން އިށީންދެލާފައި އަހަރެންގެ ވާހަކަ ފެށީމެވެ. ”ދޮންބެ މައިގަނޑު ގޮތެއްގަ ދައްކަން މިއުޅެނީ ބައްޕަގެ ވާހަކަ.“ އެހެން ބުނުމާއިއެކު ކޮއްކޮމެންނާއި ދިމާއަށް އަހަރެން ބަލައިލީމެވެ. ދެކުދިންވެސް ތިބީ އަހަރެން ވާހަކަ ދައްކަން ފުރުޞަތު ދީގެންނެވެ. އެހެންކަމުން އަހަރެންގެ ވާހަކަ ކުރިޔަށް ގެންދިޔައީމެވެ. ”އެންމެފަހުން ބައްޕަ ގެއަށް އައި ވަޤުތުވެސް ކަންތައް ވެގެންދިޔައީ ވަރަށް ގޯސްކޮށްކަން ތިކުދިންނަށް އެނގޭނު ދޯ. އަދިވެސް އެކަހަލަ ހާޖައިނެއް ހަދަން ބައްޕަ އަންނާނެކަން ޔަޤީން. އަހަރުމެން ތިންބެއިންނަށްވެސް ޖެހޭނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ތިބެން. މިބުނީ ހަމަލާދޭކަށް ނޫން އިނގޭ.“ ކޮއްކޮމެން ބިރުން ތިބި ކަމުގެ އިހުސާސެއް އަހަރެންނަށް ކުރެވުނެވެ. އަހަރެން އެންމެ ފަހުން ބުނި ޖުމުލަ ބުނީ އެސަބަބަށްޓަކައެވެ. އެކުދިންވެސް މޫނުމައްޗަށް ހިނިތުންވުން ގެނުވަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ބައްޕަގެ ކަންތައް ހުންނަގޮތް އެކުދިންނަށް ވެސް އެނގެއެވެ. ވީއިރު ބައްޕައާއި ގުޅުވައިގެން ކުރެވޭ އެއްވެސް ކަހަލަ ސަމާސާއެއްވެސް ބަލައިގަންނަން އެކުދިންނަށް ވަރަށް އުނދަގޫވެއެވެ. އަނެއްކޮޅުން އަހަރެންނަކީ އަބަދު ގޭގައި އުޅޭ މީހެއް ނޫންކަމުން ދެކުދިން އެކަނި ތިބެން ޖެހިލުންވެސް ވާނެތާއެވެ. އެކުދިންގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމުގެ އަސްލު ސަބަބަކީ އެއީއެވެ. ”ދޮންބެ ބުނަން ބޭނުންވެގެން މިއުޅެނީ ބައްޕައަށް އެނގޭ ގޮތަށް މިގޭތެރޭގަ ޢައިޝާގެ ވާހަކަ ނުދައްކައްޗޭ. އަނެއްކާ އޭނަ ހޯދަންވެސް އުޅެފާނެ. ދޮންބެ ބޭނުމެއް ނޫން ދެން އަނެއްކާ މަންމަގެ ޙާލަތު ތީގެ ތެރެއިން އެއްވެސް ކުއްޖަކަށް ކުރިމަތިވާކަށް. ޢައިޝާވެސް ހިމަނައިގެން މިބުނީ އިނގޭ.“ އެހެން ބުނުމާއިއެކު އަހަރެންގެ ވާހަކައަށް ހުއްޓުމެއް ގެނުވަން ހިތް މަޖުބޫރުވިއެވެ. އެހެނީ އެވަޤުތު އަހަރެންގެ ވިސްނުމަށް އައީ ޢައިޝާގެ ޢާއިލާއެވެ. އަހަރެން ކަހަލަ މީހަކާއި ގުޅުމަށް ޢައިޝާގެ ޢާއިލާގެ އެކަކުވެސް ޤަބޫލުވާނެ ބާއެވެ. ޙަޤީޤަތަށް ބުނާނަމަ އަހަރެންނާއި ޢައިޝާއާއި އަރާ އަރަފޯދިގެންވެސް ނުވޭތާއެވެ. އަހަރެންނަކީ ތަޢުލީމުގެ ފުރަތަމަ މަރުޙަލާވެސް ފުރިހަމަ ކޮށްފައި ހުރި މީހެއް ނޫނެވެ. ޢައިޝާގެ ކުރިމަތީގައި އޮތީ އުޖާލާ މުސްތަޤުބަލެކެވެ. ރިވެތި އަޚުލާގެއްގެ ވެރި ކުއްޖެކެވެ. ބުރުސޫރަ ރީއްޗެވެ. އަހަރެންގެ ވިސްނުން އެހާހިސާބަށް ދިޔުމުން އެއްވެސް އިޚްތިޔާރަކާއު ނުލާ އަހަރެންގެ ދުލުން ނިކުތީ އެންމެ ޖުމުލައެކެވެ. ”އަނެއްކާ އަހަރެންނަށް މިކުރެވެނީ ރަނގަޅު ކަމެއްބާ؟“ އެވަޤުތު ޖުމާނާ އަހަރެންނަށް ގޮވާލިއެވެ. ”ދޮންބޭ! ކީކޭ ތިކިޔަނީ؟ ދޮންބެއަށް ކޮންކަމެއްތަ ގޯސްކޮން ކުރެވެނީ؟“ އަހަރެން ދިޔައީ ސިއްސައިގެންނެވެ. ހަމަ އެއާއެކު އެއްވެސް ކަމެއް ނުވާކަމަށް ބުނީމެވެ. އެހެންނަމަވެސް ޢައިޝާއާއިމެދު އަހަރެން ވިސްނާނެ ވަރު ޖުމާނާއަށް އެނގޭނެތާއެވެ. ”ދޮންބެ ތި ވިސްނަނީ ޢައިޝާގެ ޢާއިލާގެ މީހުން ނުޤަބޫލުވެދާނެތީ އެކަމާ ދޯ؟“ ކަންބޮޑުވެފައިވާ ނަޒަރަކުން ޖުމާނާއާއި ދިމާއަށް އަހަރެން ބަލައިލީމެވެ. ”ދޮންބެ ކަންބޮޑު ނުވޭ. އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ޢައިޝާއަކީ ވަރަށް ރަނގަޅު ކުއްޖެއްނު ދޯ. ދޮންބެ ޢައިޝާއާއި ވާހަކަ ދައްކައިފިންތަ؟ މި ބުނީ އަހަރުމެންގެ ގޭތެރޭގެ ޙަލަތާ، ބައްޕަގެ ވާހަކަ.“ އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ. ”ދޮންބެގެ ފަރާތުން ޢައިޝާއަކަށް އެއްވެސް ސިއްރެއް ނުކުރަން.“ ”ދެން އެހެންވިއްޔާ ޢައިޝާ ކީކޭ ބުނީ؟“ ޖުވޭދާ ސުވާޅު ކޮށްލިއެވެ. ”އަހަރެންނަށް ހުރިހާ ކަމެއްގަވެސް އެހީތެރި ވާނަންކަމަށް ބުނި. އަދި އަހަރެންގެ ކިބައިގަ ހުރި ނޭދެވޭ ކަންތައްތަކުން އަހަރެން ސަލާމަތް ވުމަށް އެހީތެރިވެ އެއްބާރުލުން ދޭނަން ކަމަށްވެސް ބުނި.“ އަހަރެންގެ އުންމީދުން ފުރިގެންވާ ޖަވާބު އަޑު އިވުމުން، ދެ ކޮއްކޮވެސް އެއްފަހަރާ ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. މިހުރިހާ ވާހަކަތަކެއް ދެއްކުމުގައި ތިންބެއިން ތިއްބާ ކުއްލިޔަކަށް އަހަރެންގެ ފޯނު ރަނގަބީލުވާން ފެށިއެވެ. ޖީބުން ފޯނު ނަގާފައި ބަލައިލިއިރު، ބައްޕަ އަހަރެންނަށް ގުޅަނީއެވެ. އަހަރެން ފާޑަކަށް ތުރުތުރު އަޅަން ފެށިއެވެ. އަހަރެންނަށް ވެގެންދިޔަގޮތް ޚުދު އަހަރެންނަކަށް ވެސް ބުނެދޭކަށް ނޭންގުނެވެ. އެހެންނަމަވެސް އެ ފޯނަށް އިޖާބަދޭން އަހަރެން ގަސްތު ކުރީމެވެ. އަހަރެން ސަލާމް ގޮވާލިތަނާ އަނެއްކޮޅުން ކަރުބުޑުން އަހަރެންނާއި ދިމާއަށް ހަޅޭއްލަވައިގަތެވެ. ”އަހަރެން ވަރަށް އަވަހަށް ދާނަން. ދެން އަހަރެން މަސައްކަތް ކުރާނީ ކަލޭ ބަރުބާދުކޮށްލަން.“ ބައްޕަގެ އިންޒާރަކުން އަހަރެންނަކަށް ކުޑަވެސް އަސަރެއް ނުކުރިއެވެ. ކޮއްކޮމެން ތިބީ ވާނުވާ ނޭންގޭ ހާލު ބިރުން ތުރުތުރު އަޅައަޅައެވެ. އެވަޤުތު ބައްޕަގެ އިންޒާރުތަކަށް ރައްދުދޭން އަހަރެން ގަސްތުކުރީމެވެ. ކޮއްކޮމެންގެ ޙައްޤުގައެވެ. އެކުދިން ރައްކާތެރި ކުރުވުން އެއީ އަހަރެންގެ ޒިންމާއަކަށް ވީތީއެވެ. ”އަޅެފަހެ ތީ ހަމަ ޙަޤީޤަތުގަވެސް އަހަރުމެންގެ ބައްޕަތަ؟ ތީ ބައްޕަޔަކު ދަރިންނާމެދު ކައްތައް ކުރަންވާނެ ގޮތްތަ؟ ހެޔޮނުވާނެ ބައްޕާ، މުޅި އުމުރު ތިހެން ނޫޅެބަލަ. މިހާރަކު ދެން މަންމައެއްވެސް ނެތެއްނު. އަހަރުމެން ތިންބެއިންގެ ވެސް ހުރި ހަމައެކަނި މީހަކީ ތީ. ކަންކަމާ ތަންކޮޅެއް ރަނގަޅަށް ވިސްނާލާފަ ދެނެވެސް އިސްލާހު ވޭތޯ ބަލަމާ ހިނގާބަލަ. އަހަރެން ބައްޕައަށް އެހީވާނަން.“ އަހަރެންގެ ވާހަކަ ނުނިމެނިސް އަނެއްކޮޅުން ބައްޕަ ހަޅޭއްލަވައިގަތެވެ. ”ކޮންމެހެން އަހަރެން އިސްލާހު ކުރާކަށް އުޅޭނެކަމެއް ނެތް. އެންމެ ފުރަތަމަ ތިމާ މީހާ އިސްލާހުވެބަލަ.“ އެހެން ބުނުމާއިއެކު ފޯނު ކަނޑާލީއެވެ. އަހަރެން ވާހަކަ އަޑުއަހަންވެސް ބައްޕަ ބޭނުންނުވި ކަހަލައެވެ. ކޮއްކޮމެން ބިރުން ތިބެ އަހަރެންނާއި ސުވާލު ކުރަން ފެށިއެވެ. ”ބައްޕަ އަންނަނީތަ؟ ދޮންބޭ ހިނގާ މިގެއިން ދާން. ހިނގާ ފިލަން.“ ޖުވޭދާ ރޮމުން ވާހަކަ ދައްކަމުން ގެންދިޔައެވެ. އެވަޤުތު އަނެއްކާވެސް ފޯނު ރަނގަބީލުވާން ފެށިއެވެ. އެ އަޑު އިވުމާއިއެކު ޖުވޭދާ ހޭނެތިގެން ވެއްޓުނީއެވެ. އަހަރެން ފޯނާއި ދިމާއަށް ބަލައިލިއިރު ފޯނަށް އަރާފައި އިނީ ޢައިޝާގެ ނަމެވެ. އަހަރެންނަށް ފޯނަށް ޖަވާބުދޭން ފިތާލެވުނު ކަމުގައި ވީނަމަވެސް އަހަރެން އަވަސްވެގަތީ ޖުވޭދާ ނަގާ ހަމަޖެހޭ ތަނެއްގައި ބާއްވާލާށެވެ. ޖުމާނާ ކަންބޮޑުވެގެން ރޮނީއެވެ. އަނެއްކޮޅުން ޢައޝާއަށް ހުރިހާ އެއްޗެއްވެސް އަޑު އިވިއްޖެއެވެ. އަހަރެން ފޯނު ކަނޑާލީމެވެ. ހާސްވެފައި ހުރިވަރުންނެވެ. އެހެންނަމަވެސް ޢައިޝާ އަނެއްކާވެސް ފޯނު ކުރީއެވެ. އަދި އަހަރުމެން ގެއަށް އަންނަނީ ކަމުގައި ބުނެ ފޯނު ކަނޑާލީއެވެ.

ނުނިމޭ –

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *