ފުލުހުންގެ ބަންދުން މައުރޫފް ޒާކިރު ދޫކޮށްލައިފި

މުހައްމަދު އަލީ
ޑިސެމްބަރ 14, 2025

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ޓީމާއި، ބޮޑުކަންނެލި މަސްވެރިން ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ. އޭނާ ބަންދުން ދޫކުރިއިރު އޮތި އޮޕަރޭޝަނެއް ކޮށްގެން އައިޖީއެމް ހޮސްޕިޓަލުގައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މައުރޫފު އޮޕަރޭޝަނެއް ކުރަން ޖެހިފައިވަނީ ފުލުހުންގެ އަނިޔާގެ ސަބަބުން ކަމަށް އޭނާގެ އާއިލާއާއި ގާނޫނީ ވަކީލާ ހަވާލާދީ ނޫސްތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ. އެހެންނަމަވެސް ފުލުހުން ވިދާޅުވެފައިވަނީ މައުރޫފް ޑޮކްޓަރަށް ދައްކާފައިވަނީ އޭނާގެ އަމިއްލަ އެދުމުގެ މަތީންނެވެ.

މަސްވެރިންގެ އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވަމުންދަނިކޮށް އޭނާ ހައްޔަރުކުރީ 2025 ޑިސެމްބަރ 11 ވަނަ ދުވަހުގެ މެންދުރު 12:24 ގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ”ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަންދުގައި ހުންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ، ޑޮކްޓަރަށް ދެއްކުމަށް އަމިއްލައަށް އެދިވަޑައިގަތުމުން، ކަސްޓޯޑިއަލްގައި އެވަގުތު އިންނެވި ޑޮކްޓަރު ބެއްލެވުމަށްފަހު ޑޮކްޓަރުގެ ލަފަޔާއެކު، ފުލުހުންގެ ކަސްޓޯޑިއަލް ބަންދުގައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުމުގައި އަމަލުކުރާ އުސޫލުގެ މަތިންނެވެ. ޑޮކްޓަރަށް ދައްކަން އެމަނިކުފާނު އެދިވަޑައިގެންފައި ވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި ނުވަތަ ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް ދިމާވިކަމަކާ ގުޅިގެން ނޫންކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. އެމަނިކުފާނު މިހާރު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.“ ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކާ މެދު އަމަލުކުރުމުގަޔާއި އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމުގައި، ގާނޫނާއި ގަވާއިދުތަކާއި އިންސާނީ ހައްގުތަކުގެ އުސޫލުތަކާ އެއްގޮތަށް ހަރުދަނާ މިންގަނޑުތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ހިފަހައްޓަމުން ކަމަށް އެބަޔާނުގައި ވެއެވެ.

އެހެންކަމުން ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކުގެ ޒާތީ ކަންކަމާ ގުޅޭގޮތުން މީޑިއާގެ ތަފާތު މަންސަތަކުގައި ސައްހަނޫން މައުލޫމާތު ހާމަނުކުރުމަށް ފުލުހުންވަނީ އެދިވަޑައިގެންފައެވެ. ”އެހެންކަމުން، ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުން ދިވެހި ފުލުހުންގެ ޚިދުމަތުން ކުށްވެރިކުރަމެވެ. އަދި މިފަދަ އަމަލުތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ،“

މި ލިޔުމާ ގުޅޭ