މަސްކިރޭނޭ ރަނގަޅު ފެސިލިޓީއެއް ގާއިމް ކުރަނީ

މުހައްމަދު އަލީ
ޑިސެމްބަރ 14, 2025

މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއާ ގުޅުންހުރި ބައެއް މަސައްކަތްތައް އިފުތިތާޙުކުރައްވައި، މުހިންމު އެއްބަސްވުމެއްގައި ރޭ ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ މަސްވެރިންގެ ދުވަހު ރ. ދުވާފަރުގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ. 45 ވަނަ މަސްވެރިންގެ ދުވަހުގެ މިޖަލްސާ ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރޭވަނީ ކަނދޮޅުދޫގައި މަސް ކިރޭނޭ ރަނގަޅު ފެސިލިޓީއެއް، ކޯލްޑް ސްޓޯރޭޖާއި ފާނައިގެ ޚާއްޞަ ފެސިލިޓީއަކާއެކު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި އައިސް ޕްލާންޓްތަކުގައި އައިސް ހުރި މިންވަރު ކެޔޮޅު އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް ފަސޭހައިން ބަލާލެވޭނޭ ގޮތަށް ތައްޔާރުކޮށްފައިވާ މޮޑިއުލް އާއި، ބޭންކް އޮފް މޯލްޑިވްސް ”މަސްވެރިޔާ ޕޯޓަލް“ އާއި، ”ފްރޮމް މޯލްޑިވްސް“ ބްރޭންޑްގެ ވެބްސައިޓާއި، މިފްކޯގެ ”މަސް ކިރާ“ އެޕްލިކޭޝަން އަދި ދިވެހިރާއްޖޭގައި އެންވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި އާލާކުރުމުގެ ޕްލޭން މިރޭ ވަނީ އިފުތިތާޙުކުރައްވާފައެވެ.

މީގެ އިތުރުން މި ޖަލްސާގައި ވަނީ، މަސްވެރިކަމުގެ ސިނާޢަތަށް އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށާއި، 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު މަސްވެރިކަމުގެ ސިނާޢަތުގައި ފާހަގަކުރެވޭ ނަތީޖާތައް ހޯއްދަވާފައިވާ ފަރާތްތަކަށާއި، މަސްވެރި އުޅަނދުތަކަށާއި، ކުންފުނިތަކަށާއި، މަސްވެރީންނަށް އިނާމު ދެއްވާފައެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރައްވާފައިވަނީ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައެވެ. މި ދުވަސް ކުލަގަދަކޮށް ފާހަގަކުރެއްވުމުގެ ގޮތުން މިއަދު އެ ރަށުގައިވަނީ، މަސްވެރިންގެ ގުންޒަރެއްވެސް ހިމެނޭހެން، މަސްވެރި ސިނާޢަތާ ގުޅުންހުރި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރީންނާއި، ދުވާފަރު ރައްޔިތުންނާއި، މަސްވެރި ސިނާޢަތުގައި މަސައްކަތްކުރައްވާ ގިނަ ޢަދަދެއްގެ ފަރާތްތައް މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ.

 

މި ލިޔުމާ ގުޅޭ