މިފްކޯގެ މަސް ބޯޓެއް

މަސް ކިލޯއެއް ގަންނަ އެންމެ ހެޔޮ އަގަކީ16 ރުފިޔާކަމަށް ކަނޑައަޅައިފި

މުޙައްމަދު ގުރައިޝް އަޙްމަދު
ޑިސެމްބަރ 14, 2025

މަސް ކިލޯއެއް ގަންނަނ އެންމެ ހެޔޮ އަގަކީ16 ރުފިޔާ ކަމަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސް ގަންނަ އެންމެ ދަށް އަގަކީ ނުވަތަ ފްލޯ ޕްރައިސް އަކީ 16 ރުފިޔާ ކަމަށެވެ. މިއީ ވެރިކަމަށް ވަޑައިގަތުމަށް ކެމްޕޭނު ތެރޭގައި މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ހައްދަވާނެ ކަމަށް ވައުދުވެވަޑައިގެންފައި ވަނިކޮށް ނިންމެވި ނިންމެވުމެކެވެ.ރައީސް މިކަން އިއުލާނު ކުރެއްވީ މަސްވެރިންގެ ކަންބޮޑުވުންތައް ހުރި ދަނޑިވަޅެއްގައެވެ.
ރައީސް ވިދާޅުވި ގޮތުގައި އާދީއްތަ ދުވަހުން ފެށިގެން މިފްކޯއިން މަސް ގަންނާނީ 16 ރުފިޔާއަށް ވުރެ ދަށް ނުވާނެ ގޮތަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރި ގޮތުން 17 ރުފިޔާ ނުވަތަ 18 ރުފިޔާއަށް ޖެހުނު ކަމުގައި ވިޔަސް، އެ ދުވަހަކު ހުރި އެންމެ މަތީ އަގުގައި މަސް ގަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ކުރިން 1.5 ކިލޯއިން މަތީގެ މަސް ގަންނަމުން އައި ނަމަވެސް، ދެން 1 ކިލޯއިން މަތީގެ މަސް ވެސް މި އަގުގައި ގަންނާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
މަސްވެރިންނަށް ވީ ވައުދާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 20 ރުފިޔާގެ ވައުދު ފުއްދުމުގައި ލަސްތަކެއް ހުރި ނަމަވެސް އެކަން ހާސިލު ކުރައްވާނެ ކަމަށެވެ. މިހާރު ދިމާވެފައިވާ ދަތިތަކަކީ މިފްކޯގެ މާލީ ހާލަތާއި ދުނިޔޭގެ ބާޒާރުގެ އަގުތަކަށް އައި ބަދަލުތަކާ ގުޅިގެން ދިމާވި ކަމެއް ކަމަށާއި، ނަމަވެސް މަސްވެރިންނަށް ވީ ވައުދު ހަނދާން ނައްތާނުލައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށެވެ.
މީގެ ކުރިން މިފްކޯއިން މަސް ގަންނަމުން އައީ ފިކްސްޑް ރޭޓެއްގައި ކަމަށް ވިޔަސް، ފަހުން ވަނީ ދުނިޔޭގެ ބާޒާރުގައި އަގު ހުންނަ ގޮތަށް ބަލައި އަގު ކަނޑައަޅާ ގޮތަށް ބަދަލުކޮށްފައެވެ. މި ބަދަލާ އެކު މަހުގެ އަގު ދަށަށް ދިއުމުން މަސްވެރިންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވެއެވެ. ސަރުކާރުން ބުނަނީ މި ބަދަލު ގެންނަން ޖެހުނީ ކުންފުނި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ކަންކަން އަވަސް ކުރުމަށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި އައިސް ޕްލާންޓްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެއެވެ.

މި ލިޔުމާ ގުޅޭ