ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފާއިތުވި ނޮވެމްބަރު މަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕީގެ ހިދުމަތްތައް ހޯދުމަށް 12.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ އޭޖެންސީން ހާމަކޮށްފިއެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ނޮވެމްބަރު މަހު އެކަނިވެސް އެ އެޖެންސީގެ އެހީގައި 359 މީހަކު ވަނީ ތެރަޕީގެ ފަރުވާ ހޯދާފައެވެ.މީގެ ތެރޭގައި ހިމެނެނީ 252 ފިރިހެނުންނާއި 107 އަންހެނުންނެވެ.
އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބިހޭވިއަރަލް ތެރަޕީއަށެވެ. އެގޮތުން ބިހޭވިއަރަލް ތެރަޕީއަށް 3.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ އޮކިއުޕޭޝަނަލް ތެރަޕީއަށެވެ. އެއީ 3.49 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ސްޕީޗް ތެރަޕީއަށް 3.27 މިލިއަން ރުފިޔާ އަދި އެޑިއުކޭޝަނަލް ތެރަޕީއަށް 1.88 މިލިއަން ރުފިޔާ އެ އޭޖެންސީން ވަނީ ހަރަދުކޮށްފައެވެ.
ތެރަޕީގެ އެހެން ބާވަތްތަކަށް ބަލާއިރު ފިޒިއޯ ތެރަޕީއަށް އެއް ލައްކަ އަށާރަ ހާހަށްވުރެ ގިނަ ރުފިޔާ އަދި ސައިކޯ ތެރަޕީއަށް ނުވަދިހަ ނުވަ ހާހަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް އެ އެޖެންސީގެ ހިސާބުތަކުން ދައްކައެވެ. އަދި އާލީ އިންޓަވެންޝަނަށް ނުވަ ހާސް ރުފިޔާ ހަރަދުވިއިރު، އެންސްޕާގެ މެޑިކަލް އެސިސްޓެންސް ޕްރޮގްރާމުގެ ދަށުން ތެރަޕީގެ ފަރުވާ ހޯދި 58 މީހަކަށް ޖުމްލަ ހަތަރު ލައްކަ ތިރީސް ފަސް ހާސް ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިވަގުތު ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖުމްލަ 14،938 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް އެންސްޕާއިން ބުންޏެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 5،050 ކުދިންނާއި، 18 އަހަރާއި 64 އަހަރާ ދެމެދުގެ 7،613 މީހުން ހިމެނެއެވެ. އަދި 65 އަހަރުން މަތީގެ 2،275 މީހުން މި ދަފްތަރުގައި ހިމެނޭކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެންސްޕާއިން އަންނަނީ ކޮންމެ މަހަކުވެސް އެ އެޖެންސީން ކުރާ ހަރަދުތަކުގެ ތަފްސީލު އާންމުކުރަމުންނެވެ.






