ރޯދަ މަހަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކު އެސްޓީއޯއިން ބާއްވާ ’އެސްޓީއޯ ރަމަޒާން ބާޒާރު‘ ޕްރޮމޯޝަން ފަށައިފިއެވެ. މި ޕްރޮމޯޝަން ރަސްމީކޮށް ފަށައިފައިވަނީ، 15 ޑިސެމްބަރ 2025 ވަނަ ދުވަހުގެ ރޭ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޗްޑީސީގެ ޗެއަރމަން އަދި އެސްޓީއޯގެ ކުރީގެ އެމްޑީ އަހުމަދު ޝަހީރެވެ.
މި އަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރު ކުރިއަށްދާނީ 18 މާރިޗު 2026 ގެ ނިޔަލަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުގެ ރަމަޒާން ބާޒާރުގައިވެސް ގިނަ ޕްރޮޑަކްޓްތަކަކުން އަގުހުރި ޑިސްކައުންޓްތަކެއް ވެސް ލިބިގެންދާނޭ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. އެގޮތުން، ހޮވާލެވިފައިވާ ހޯމް އެޕްލަޔަންސް އައިޓަމްތަކުން %50 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މީގެ އިތުރުން، 500ރ އިން މަތިން ވިޔަފާރި ކުރައްވާ ކޮންމެ ކަސްޓަމަރަކަށް ޑިޖިޓަލް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ހަފްތާއަކުވެސް މި ކޫޕަންތައް ލިބޭ ކަސްޓަމަރުންގެ ތެރެއިން 1 ފަރާތަކަށް ވަރަށް ހާއްސަ ގިފްޓް ހެމްޕަރެއް ލިބިގެންދާނެއެވެ. އަދި ޕްރޮމޯޝަން ނިމުމާއިއެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށް ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި 1 ފަރާތަކަށް ޕްރޮމޯޝަންގެ ގެ ގްރޭންޑް ޕްރައިޒް ކަމުގައިވާ 100،000ރ ގެ ފައިސާގެ އިނާމު ލިބިގެންދާނޭ ކަމަށްވެސް އެސްޓީއޯއިން ބުނެފައިިވެއެވެ.
މިއަހަރުގެ ރަމަޒާން ބާޒާރު ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އަދި ރީޖަނަލްސްގެ 11 އައުޓްލެޓްގައި ކުރިއަށްދާނޭ ކަމަށްވެސް އެކުންފުނި ވަނީ ބުނެފައެވެ.
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ބާއްވާ މި ޕްރޮމޯޝަނަކީ ރޯދަމަހަށް ހާއްސަކޮށްގެން އާންމުންގެ ގެތަކަށް ބޭނުންވާ ކޮލިޓީ ހިފާ ގެންގުޅޭ ސާމާނު ހެޔޮ އަގެއްގައި ބައްލަވައިގަތުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ. މި ޕްރޮމޯޝަނަށް ކޮންމެ އަހަރަކުވެސް ގިނަބަޔެއްގެ ބޮޑު ތަރުޚީބެއް ލިބެއެވެ.






