އެމްޑީޕީގެ ގާނޫނީ ޓީމުގެ ބައްދަލުވުމެއް ކުރިއަށްދަނީ: ފޮޓޯ އެމްޑީޕީ

ހިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމީ އިންތިޚާބަށް ނުފޫޒު ފޯރުވަން: އެމްޑީޕީ

މުހައްމަދު އަލީ
ޑިސެމްބަރ 31, 2025

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ދިމާކޮށް ހދ. ހިރިމަރަދޫ މީހުން އެއަތޮޅު ހަނިމާދުއަށް ބަދަލުކުރަން ނިންމީ މި ސަރުކާރުން އެ އިންތިހާބުގެ ނަތީޖާއަށް ނުފޫޒުފޯރުވުމަށް ކަމަށް އެމްޑީޕީން ބުނެފިއެވެ. އެޕާޓީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިއީ ހދ. ހިރިމަރަދޫ އަދި ހދ. ހަނިމާދޫގެ އެންމެހާ ރައްޔިތުންގެ އިންތިޚާބީ ހައްޤާއި، ލާމަރުކަޒީ އުސޫލުން ރަށް ހިންގުމުގެ ހައްޤާއި މިނިވަން ޑިމޮކްރެޓިކް އިންތިހާބެއްގައި ވޯޓުލުމުގެ ހައްގަށް ހީނަރުކަން އަންނާނޭ ކަމެއް ކަމުގައި ގަބޫލުކުރާ ކަމަށެވެ.

”މިފަދަ ބަދަލެއް ހެޔޮނިޔަތުގައި ގެންނަނަމަ ގެންނާނީ، ހދ. ހިރިމަރަދޫ އަދި ހދ. ހަނިމާދޫގެ އެންމެހާ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފަހުގައެވެ. އަދި، ހދ. ހިރިމަރަދޫގެ ރައްޔިތުންގެ އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުވުމާ ހަމައަށް އެރަށުގައި ރަށު ކައުންސިލުން ދޭންޖެހޭ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތެއްގެ މަތިންނެވެ.“

އެހެންނަމަވެސް ސަރުކާރުން ޢަމަލުކޮށްފައިވަނީ އެއާ ހިލާފަށް ކަމަށްވާތީ، ސަރުކާރުގެ މި ނިންމުން ބާތިލުކޮށް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މިނިވަންކަމާއި ހަމަހަމަކަން ގެއްލުވާނުލުމަށް ސަރުކާރަށް ގޮވާލާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ސަރުކާރުގެ މިނިންމުގެ ސަބަބުން އަންނަ އަހަރު އޭޕްރިލް 4 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ތާވަލުކުރެވިފައި ވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަން މިގޮތަށް ކުރުމަށް ނިންމެވީ ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ހޯދުމަކާނުލައި ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އެހެން ކަމުން ”ކުރިއަށް އޮތް އިންތިޚާބުގައި ހދ. ހިރިމަރަދޫގެ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ އެ އަތޮޅުގެ ހަނިމާދޫ ކަމުގައި 30 ޑިސެމްބަރ 2025 ގައި ކަނޑައެޅުމަކީ މިޕާޓީ އިން ނިހާޔަތަށް ކަންބޮޑުވާ ކަމެކެވެ.“

މިފަދައިން ޢަމަލުކޮށްފައިމިވަނީ 7 ނޮވެމްބަރ 2025 ގައި ހިރިމަރަދޫގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ޤާއިމުކުރުމަށް 4.1 މިލިއަން ރުފިޔާގެ މަޝްރޫއު އެރަށުގައި ހިންގުމަށް އިއުލާނުކުރެވިފައި ވަނިކޮށް ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ. ”މިކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުމަށް ރައްދުދެމުން ކުނި މެނޭޖު ކުރުމުގެ ނިޒާމު ގާއިމު ކުރަނީ އެރަށުގައި މީހުން އަދި އުޅޭތީ ކަމަށާއި ރަށުގައި މީހުން ތިބޭއިރުގައި ޒަރޫރީ ޚިދުމަތްތަށް ފޯރުކޮށްދޭން ކަމަށް ސަރުކާރުން ބަޔާންކޮށްފައިވެއެވެ.“

އެޕާޓީން ބުނެފައިވަނީ އަމިއްލަ ރަށުގައި ތިބެގެން ރަށުގެ ކަންކަން ނިންމުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭ ހައްޤެއް ކަމަށެވެ. އެހެންނަމަވެސް ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުވުމުގެ ކުރިން، އެފަރާތްތަކުގެ ކިބައިން އަމިއްލަ ރަށުގައި ތިބެގެން ރަށުގެ ކަންކަން ނިންމުގެ ބާރު ފޭރިގަތުމަކީ ”މިޕާޓީއިން ކުށްވެރިކުރާ“ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލު ކުރުމުގެ އެއްވެސް މަސައްކަތެއް ސަރުކާރުން މިހާތަނަށް ކޮށްފައި ނުވާކަން ވެސް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުމާ ގުޅޭ