ސިވިލް ސަރވިސްއަށް ނިސްބަތްވާ މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް ގެނައި ބަދަލުތަކަކީ، ވަކި ދާއިރާއެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމަށް ހުރަސްއެޅުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް އެމްޑީޕީން ބުނެފިއެވެ. މީގެ އިތުރުން އެއީ ޒާތީ މިނިވަންކަން ހަނިކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ވާތީ، އެމްޑީޕީގެ އަންހެނުންގެ ރޫހުން އެ ކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އެޕާޓީން ބުނެފައިވެއެވެ.
”ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭހަމަހަމަކަމާއި، ތަފާތުނުކުރުމާއި، އަދި ފަރުދީ މިނިވަންކަން ރައްކާތެރިކުރުމުގެ ހައްގަށް މިއުސޫލުތަކުގެ ސަބަބުން ސީދާ ހުރަސްއެޅެއެވެ. ދައުލަތުގެ މުއައްސަސާތަކަކީ މިފަދަހައްގުތައް ހިމާޔަތްކުރަންޖެހޭ ތަންތަންކަމުގައިވީ ނަމަވެސް، މިހާރު ހާމަވެގެން މި ދަނީ ބާރުގެ ބޭނުންކޮށްގެން އަންހެނުންގެ ”އެޕިއަރެންސް“ މޮނިޓަރ ކުރުމަށް މަސައްކަތްކުރާ ކަމެވެ.“
އެޕާޓީން ބުނެފައިވަނީ މަސައްކަތުގެ ފެންވަރާއި ޕްރޮފެޝަނަލިޒަމް ބިނާވާންޖެހޭނީ މުވައްޒަފުގެ ގާބިލުކަމާއި،ނެރެދޭ ނަތީޖާއާއި، އަދި ދޭ ޚިދުމަތުގެ ފެންވަރުގެ މައްޗަށް ކަމަށެވެ. އަންހެން މުވައްޒަފުންގެ ހެދުމުގެ ދިގުމިނާއި އިސްތަށިގަނޑުގެ ކުލައަކީ އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނެ މިންގަނޑުތަކެއް ނޫން ކަމަށްވެސް ބުނެފައިވެއެވވެ. އެހެންކަމުން، މިއީ ޕްރޮފެޝަނަލިޒަމްގެނަމުގައި، އަންހެނުންނާ ދެކޮޅަށް ހިންގާ ތަފާތުކުރުމެއް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
”ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، މިނިވަން މުއައްސަސާތަކާއި، އަދި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މި ފަދަ އުސޫލެއް ނުހިންގައި، ހަމަ އެކަނި ސިވިލް ސަރވިސްއަށް ނިސްބަތްވާ އަންހެން މުވައްޒަފުންގެ މައްޗަށް މި ފަދަ އުސޫލެއް ތަންފީޒުކުރުމުން، މިއީ މުވައްޒަފުންގެ އަހްލާގާ ގުޅޭ އުސޫލެއް ނޫންކަމާއި، ރަސްމީކޮށް ތަފާތުކުރުމުގެ ސިޔާސަތެއްކަން އެނގިގެންދެއެވެ.“
އެމްޑީޕީން ބުނެފައިވަނީ އަޚްލާގު ނެގެހެއްޓުމުގެ ޒިންމާ އަންހެނުންގެ ބޮލުގައި އަޅުވައި، މުޖުތަމައުގެ އަޚްލާގީމިންގަނޑު ހިފެހެއްޓުމަކީ ހަމައެކަނި އަންހެނުންގެ ހެދުން އެޅުމާ ގުޅިފައިވާ ކަމެއްގެގޮތުގައި ދެއްކުމަކީ، އަންހެނުންނަށް ކުރެވޭ ވަރަށް ބޮޑު އިހާނެތިކަމެއް ކަމަށެވެ. މި ފަދަސިޔާސަތުތަކުގެ ސަބަބުން، މުއައްސަސާތަކުގެ ހިންގުމާއި ހިދުމަތްތަކަށް ދޭންޖެހޭސަމާލުކަން ކުޑަވެ، މަސައްކަތުގެ މާހައުލަކީ އަންހެނުންނަށް ނުތަނަވަސްކަން އޮންނަތަނަކަށް ބަދަލުވެގެންދިއުމުގެ ބިރު އެބައޮތް ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.
މި ފަދަ ހަރުކަށި އުސޫލުތަކުގެ ބޭނުމަކީ، އަންހެނުންގެ ހެދުން އެޅުމާއި ސިފައަށް ބަލައި،ވަޒީފާގެ ކުރިއެރުން ނުދިނުމާއި ނުވަތަ އަދަބު ދިނުންފަދަ ކަންކަން ކުރަން ފެށުންކަމަށް ދެކޭ ކަމަށްވެސް ބުނެފައިވެއެވެ. ”މިއީ، އަންހެނުން ވަޒީފާގެ މާހައުލުން އެކަހެރިކޮށް، ގައުމު ހިންގުމުގެ ދާއިރާއިން ބޭރުކޮށްލުމަށް ޓަކައި ނިޒާމީ ގޮތެއްގައި ފަށައިފައިވާ ނުރައްކާތެރި މަސައްކަތެކެވެ.“
”އެހެންކަމުން، މި ފަދަ އުސޫލުތަށް އުވައިލުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ގޮވައިލަމެވެ. އަދި އަންހެނުންގެ ކަރާމާތް ގެއްލޭފަދަ ކަންކަމާއި، އެ ފަރާތްތަކުގެ ހައްގުތަކަށް އުނިކަމެއް އަތުވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ހަނދާންކޮށްދެމެވެ.“






