ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ރައްޔިތުން އުންމީދު ކުރިވަރަށް ކަންކަން ނުކުރެވޭކަން ފާހަގަ ކުރެވޭ ކަމަށާއި، އެކަން އެހެންވަނީ ކައުންސިލްގެ ސަބަބުން ކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާ ކަމަށް ފުވައްމުލައް ސިޓީކައުންސިލްގެ މޭޔަރ އިސްމާއީލް ރަފީގު ވިދާޅުވެއްޖެއެވެ.
އެހެންނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށާއި އެކައުންސިލަކީ ސަރުކާރަށް އަބަދުވެސް ފުރިހަމައަށް އެއްބާރުލުންދޭ ކައުންސިލެއް ކަމަށް އޭނާ ވަނީ ފޭސްބުކު މެދުވެރިކޮށް ވިދާޅުވެފައެވެ.
އެއްބާރުލުން ނުދޭވާހަކައާއި ބިން ނުދޭ ވާހަކައާއި ގުޅިގެން ރައްޔިތުންނަށް އޭނާ ވަނީ ކަން ހިނގައިދިޔަގޮތް ސާފުކޮށްދެއްވައިފައެވެ.
”ފްލެޓް އަޅަން ބިން ހަވާލު ކުރިތާ މިހާރު ދެ ވަރަކަށް އަހަރު ވަނީ. މިދިޔަ ނޮވެމްބަރު މަސް ތެރޭ ކޮންރެކްޓަރ އެދުނު ސައިޓްއޮފީހަށާއި ލޭބަރ ކުއާޓާސް އަޅަން ބިން ހޯދަން. އެކަން ދެ ހަފްތާތެރޭ ހަމަޖައްސާ ދެވުނު. އޭގެ ފަހުން އެދުނީ ބިން ކޮންނަ ފަސް އަޅާނެ ތަނެއް ހޯދަން. އެކަންވެސް ސައިޓާއި ވީހާވެސް ކައިރިން ވަނީ ހަމަޖައްސަ ދީފައި،“ އޭނާ ވިދާޅުވެފައިވެއެވެ.
”ބަނދަރު ކޮންޓްރެކްޓަރ މިދިޔަ މަހު ކައުންސިލާއި ބައްދަލުކުރި. އަދި މެޓީރިއަލް ބަހައްޓާނެ ބިމުގެ މަޝްވަރާ ކުރެވުނު. އެވަގުތުވެސް ޗާޓު ހުޅުވައިގެން ހުސްބިންތަކުގެ މައުލޫމާތު ދެވުނު. އަދި ބޭނުންވާ ބޮޑުމިނާއިއެކު މެއިލް ކުރުމުން ހަމަޖައްސާދޭނެ ވާހަކަ ދެއްނެވިން،“ މޭޔަރ ވިދާޅުވެފައިވެއެވެ.
ދެންއޮތީ ފުލުހުންގެ އިމާރާތް އަޅަން ބިންދިނުމުގެ ވާހަކައެވެ. އެވާހަކަ ވެސް އޭނާ ވަނީ ސާފުކޮށްދެއްވައިފައެވެ. ”ފުލުހުންގެ އިމާރާތް އަޅަން ބިން ދިނުމުގައި ލަސްތަކެއްވި. އެއީ ޕޮލިސް ސްޓޭޝަން ފުރަގަހުން އޮތް މަގު ބަންދުކޮށް ސްޕޯޓްސްޕާކުން ބައެއް ނަގައިގެން ބިން ހަމަޖައްސައިދޭން ކައުންސިލުން ބޭނުން ނުވުމުން، އެކަށީގެންވާ އެހެން ބިމެއް ބަލާ ހޯދަން ނެގި ވަގުތާއިހެދި،“ ކަމަށްވަނީ ވިދާޅުވެފައެވެ.
އިސްލާމިކް ސެންޓަރު އަޅަން އެކަށީގެންވާ ބިންތަކުގެ މައުލޫމާތު، ޗާޓުތައް ހިފައިގެންގޮސް މިނިސްޓަރާއި ބައްދަލުކޮށް ހިއްސާކޮށް މަޝްވަރާކުރެއްވި ކަމަށާއި މިނިސްޓްރީގެ ޓީމެއް ވަނީ ބިންތައް ބަލަން ޒިޔާރަތް ކޮށްފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭއީސީ އިމާރާތް އަޅާ ބިން ކޮނެ ފަސް އަޅަން ބޭނުންވާ ތަން އެދުނުތާ ދެތިންދުވަސް ތެރޭވަނީ ސައިޓާއި ވީހާވެސް ކައިރިން ހަމަޖައްސަދީފައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އޮފީސް ކޮމްޕްލެކްސް، ލައިބްރަރީ، އެމްއެންޔޫ ކެމްޕަސް، ޓިވެޓް ސެންޓަރ، ސްޕޯޓްސް ކޮމްޕްލެކްސް އަދި އެގްރިކަލްޗަރ ލެބޯޓްރީގެ ބިންވެސް ވަނީ ހަމަޖައްސައިދީފައި ކަމަށް ވަނީ ވިދާޅުވެފައެވެ.
”ސްކޭޓްޕާކް ބިން ވަނީ ހަމަޖައްސައިދީފައި. މިއީކުރީގައިވެސް ބަޔަކާއި ހަވާލުކޮށްފައި އޮތް ޕްރޮޖެކްޓެއް. މަސައްކަތް ކުރިއަށް ނުދާތީ 2024 ވަނައަހަރު އެގްރީމެންޓް ބާތިލްކޮށްފައި އޮތީ. އޭގެ ފަހުން އިއުލާން ނުވެ މިދިޔަ ނޮވެމްބަރުގައި އަނެއްކާވެސް ބަޔަކާ ހަވާލު ކޮށްފައި ވަނީ،“
އިސްމާޢީލް ވިދާޅުވެފައިވަނީ މަގުހެދުމުގެ ފޭސް ދޭއްގެ މަސައްކަތް އެކަށީގެންވާގޮތެއްގައި ކުރިއަށް ނުދަނީ ބޭނުންވާ ސާމަނުތައް ހަމަޔަށް ނުލިބޭތީ ކަމަށެވެ. ކައުންސިލުންދަނީ ކޮންޓްރެކްޓަރާ ގުޅިގެން، ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދެމުން ކަމަށެވެ.
މީގެ އިތުރުން އެސިޓީގެ ވެލި މަގުތައް ހަދަން ބޭނުންކުރާ ވެހިކަލްތަކާއި މުއައްޒަފުން ވަނީ ސިޓީސް މިނިސްޓްރީގެ ދަށަށް ގެންގޮސްފައި ކަމަށާއި، ވެލިމަގުތައް ހެދުމުގައި ކައުންސިލް ބޭނުންވާ އަވަސްމިނުގައި ކުރިއަށް ނުދާތީ އެކަންބޮޑުވުން އެބަހުރި ކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.
”ފުވައްމުލައް ސިޓީ ކައުންސިލަކީ، ކޮންމެ ސަރުކާރެއް އޮތަސް، އެސަރުކާރަކަށް ފުރިހަމައަށް އެއްބާރުލުންދީ ރަށަށް ލިބެން އޮންނަ ތަރައްގީއާއި ކުރިއެރުމެއް ހޯދައިދޭން އަބަދުވެސް މަސައްކަތް ކުރާ ކައުންސިލެއް. ސިޔާސީ ތަފާތުވުން ތަކާހެދި ރަށުގެ ތަރައްގީއަށް ހުރަސް އަޅާނެ ވަރަށްވުރެ ވިސްނުން ހަރުދަނާ، ޕްރޮފެޝަނަލް ބަޔަކު ތިބި ކައުންސިލެއް،“ މޭޔަރ ވިދާޅުވެފައިވެއެވެ.






