ޢަލީ ޢާޒިމް މާލޭސިޓީގެ މޭޔަރުކަމަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކާއި ތަކުލީފްތަކަށް ފަރުވާ ކުރުމަށެވެ. އުފާވެރި މުޖުތަމައެއް ބިނާ ކުރުމަށެވެ.
އެކަން ކުރުމަށްޓަކައި އެންމެ އިސްކަމެއް ދެއްވާނެ އެއްކަމަކީ ރައްޔިތުންގެ ޞިއްޙަތެވެ. އެހެން ކަމުން އާންމު ޞިއްޙަތާއި މުޖުތަމައުގެ ދުޅަހެޔޮކަން އިތުރު ކުރުމަށް އިޖުތިމާއީ މަރުކަޒުތައް ގާއިމް ކުރެއްވުމަކީ ޢަލީ ޢާޒިމްގެ މުހިންމު އަމާޒެކެވެ.
މިހާތަނަށް އަޅާނުލައި ދޫކޮށްލާފައިވާ ގާނޫނުން ސިޓީކައުންސިލަށް ލާޒިމް ކޮށްފައިވާ އާންމު ސިއްހަތުގެ ކަންކަން ތަންފީޒު ކުރުމަކީ އޭނާ ނުކޮށް ދޫކޮށްލައްވާނޭ ކަމެއް ނޫނެވެ. މިފަދަ މުހިންމު ކަމެއް އޭނާ ދުލެއް ނުކުރައްވާނެއެވެ. ޢަލީގެ އެންމެ އިސްކަން ދެއްވާނީ ރައްޔިތުންނަށެވެ. އެމީހުންގެ ޞިއްޙަތަށެވެ.
ޒުވާނުންނަކީ މުޅި ގައުމުގެ އުންމީދެވެ. ކުރިމަގެވެ. އެމީހުން ހަރުދަނާ ނުކޮށް ހާސިލް ކުރެވޭނޭ މާބޮޑުކަމެއްނެތެވެ. ޒުވާނުންނަށް ސިޓީ ކައުންސިލްގެ މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ޢަލީ ދެއްވާނެއެވެ. ސިޓީކައުންސިލުން ޒުވާނުންނަށް ވަޒީފާ ލިބޭނޭ މަގު ތަނަވަސްކޮށްދީ ވަޒީފާ އަދާކުރުމުގެ ފުރުސަތު ވީހާވެސް ގިނަ ޒުވާނުންނަށް ތަންމިނަށް އޭނާ ހުޅުވައިލާނެއެވެ.
މީގެ އިތުރުން މިޔުޒިކާއި ޕާފޯމިން އާޓްސް ކުރިއެރުވުމަށް އާޓިސްޓުންނަށް ބޭނުންވާ އެހީތެރިކަން ސިޓީކައުންސިލުން ފޯރުކޮށްދެއްވާނޭ ކަމަށް އޭނާ ވިދާޅުވެފައެވެ.
ޢަލީ ޢާޒިމަކީ 25 އަހަރު ގައުމަށް ޚިދުމަތް ކޮށްދެއްވި ޚިދުމަތްތެރިއެކެވެ.
10 އަހަރު ސިވިލްސާވިސްގައި ޚިދުމަތް ކޮށްދެއްވިއެވެ. 15 އަހަރު ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރުގެ ގޮތުގައި ޚިދުމަތް ކޮށްދެއްވިއެވެ.
ފުރަތަމަ އިންތިޚާބީ ރައީސްގެ ގޮތުގައި އެފްއޭއެމްގެ ރައީސްކަން ކުރެއްވިއެވެ.
2019 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރކަން ކުރެއްވިއެވެ. އެއީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ.






