އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ”ވައިޓް ހައުސް ކަރަސްޕޮންޑެންޓް ޑިނަރ“ ގައި ބައިވެރިވެ ވަޑައިގަންނަވަނިކޮށް ބަޑީގެ ހަމަލާއެއް ދީފިއެވެ. ބަޑީގެ އަޑުއިވުމާއެކު ޓްރަމްޕުގެ ހަށިފާރަވެރިންވަނީ އޭނާ އެތަނުން ނެރެފައެވެ.
މި ފަރިއްކޮޅު ކުރިއަށް ދިޔައީ އެމެރިކާގެ ވޮޝިންޓަން ހިލްޓަން ހޮޓަލުގައެވެ. ބަޑިޖަހައިފައިވަނީ އިމާރާތުން ބޭރުގައެވެ. އެމީހާވަނީ ސެކިޔުރިޓީ ޗެކްޕޮއިންޓާ ކައިރިވެފައި ދުއްވައިގަނެފައެވެ. އޭނާ ދުއްވައިގަތީ ބަޑިޖަހަމުންނެވެ. މި ހާދިސާގައި ސެކިޔުރިޓީއެއްގެ ގަޔަށް ވަޒަނެއް އަމާޒުވިއެވެ. އެހެންނަމަވެސް އޭނާ ލައިގެންހުރި ބުލެޓް ޕްރޫފް ވެސްޓުގެ ސަބަބުން އޭނާ ސަލާމަތްވީއެވެ. ހަމަލާގައި އޭނާ ވެއްޓުނު ނަމަވެސް އަވަހަށް ތެދުވެ އޭނާވަނީ އެ މީހާއަށް ހަމަލާދޭން ފަށައިފައެވެ. ސަލާމަތީ ފަރާތްތަކުން މިހާރުވަނީ އެމީހާ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނެފައިވަނީ އޭނާ އަތުން ފިސްތޯލައާއި ވަޅިފަދަ ހަތިޔާރު ފެނިފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ދައުވާ ކުރަން މާދަމާ ފޮނުވާނޭ ކަމަށް އެމެރިކާ ފުލުހުންގެ ވެރިޔާ ވަނީ ވިދާޅުވެފައެވެ.

ބަޑިޖެހުމުގެ މިހާދިސާގައި ބަޔަކަށް އަނިޔާލބުނު ކަމެއް ނުވަތަ ނުލިބޭ ކަމެއް އަދިނޭނގެއެވެ. އަދި ލިބުނު ކަމަށްވިޔަސް އޭގެ ތަފްސީލެއް އަދި ނުބެލޭ ކަމަށް ސީކްރެޓް އެޖެންސީން ބުނެފައިވެއެވެ. މި ހާދިސާއަށްފަހު ޓްރަމްޕް ވިދާޅުވީ އެމީހާ މަސައްކަތް ކުރީ ސީދާ ޓްރަމްޕް މަރާލަން ކަމަށެވެ. އަދި އެހަމަލާއަކީ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައާ ގުޅުންހުރި ކަމެއް ކަމަށް ބެލެވެން ވެސް ނެތްކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ މި ހަފްލާ ބޭއްވި ހޮޓަލަކީ މިފަދަ ކަންކަން ބާއްވަން ރައްކާތެރި ތަނެއްނޫންކަން ފާހަގަވެފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް ޓްރަމްޕަށް މިފަދަ ހަމަލާތައް ދީފައިވެއެވެ. 2024 ވަނަ އަހަރު ރެލީއެއްގައި އޭނާއަށް ދިން ހަމަލާއެއްގައި އޭނާ ޒަޚަމްވެސްވިއެވެ.






