އީރާނުން އެންމެފަހުން އިޒްރޭލަށްދިން މިސައިލާއި ޑްރޯން ހަމަލާތައް ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ބުނީ އީރާނުން އިޒްރޭލަށް ރޭދިން ބެލެސްޓިކް މިސައިލްތައް އެމެރިކާއިން ހުއްޓުވި ކަމަށް އިޒްރޭލުން ބުނެފައިވަނިކޮށް އެއަށް ރައްދު ދެމުންނެވެ.
އޮފިޝަލް ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އީރާނުން ހަމަލާ ދިން އެއްވެސް މިސައިލެއް އެމެރިކާ ސިފައިން ހުއްޓުވަން އުޅެފައި ނުވާނޭ ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެގައުމުގެ ވައިގެ ދިފާއީ މަސައްކަތްތަކަށް އެމެރިކާ އިން އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އީރާނުގެ ބައެއް މިސައިލްތައް ހުއްޓުވައިގެން ކަމަށެވެ.
ސީއެންއެން އަށް މައުލޫމާތު ދެމުން އޮފިޝަލް ވިދާޅުވީ އިޒްރޭލުގެ ޑިފެންސް ފޯސްގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އިޔާލް ޒާމިރު ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕާއާ ދެ ފަހަރެއްގެ މަތިން ވާހަކަ ދެއްކި ކަމަށެވެ. އީރާނުގެ ހަމަލާތަކުގެ ބަދަލުގައި އިޒްރޭލުން ހަމަލާ ނުދީ ހަމަނުޖެހުންތައް ހުއްޓާލުމަށް އެމެރިކާއިން ވަނީ އިޒްރޭލަށް އަންގައިފައެވެ. އީރާނުން އިޒްރޭލަށް ހަމަލާދިނީ ކެނޑިނޭޅި އެގައުމުން ލެބްނާނަށް ހަމަލާ ދެމުންދާތީ އެކަމަށް އިންޒާރު ކުރުމަށްފަހުގައެވެ. ލުބްނާނަށް ހަމަލާދޭނަމަ އަދިވެސް އިޒްރޭލަށް ހަމަލާ ދޭންޖެހިދާނޭ ކަމަށް އީރާނުން ވަނީ ބުނެފައެވެ.






