އިސްރާއީލުގެ ވެރިރަށް ތެލްއަވީވްގެ އެންމެ ރައްކާތެރި ސަރަޙައްދުގައި ދެވުނު ވަރުގަދަ ސިއްރު ހަމަލާއެއްގައި، އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާދުގެ އީރާނާ ބެހޭ ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާ މަރާލާފައިވާ ކަމަށް އީރާނުގެ ”ހަންޡަލާ“ ހެކަރުންގެ ގްރޫޕުން އިޢުލާންކޮށް، ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
މި ހަމަލާގައި މަރާލާފައިވަނީ މޮސާދުގެ އީރާނު ޑެސްކު ބަލަހައްޓާ އެންމެ އިސް އޮފިޝަލް ކަމަށްވާ ލިއާ މަލްކާއެވެ. އޭނާ ދަތުރުކުރި ކާރު ގޮއްވާލާފައިވަނީ ތެލް އަވީވްގެ މައި ހައިވޭއެއް ކަމަށްވާ އަޔަލޯން މަގުމަތިން، ހުލޮން ކައިރިންނެވެ.
އީރާނުގެ މަސްދަރުތަކުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނަކީ އީރާނުގެ ސައިބަރ އަދި އިންޓެލިޖެންސް ބާރުތަކުން އެތައް މަހެއް ވަންދެން އިސްރާއީލުގެ އެންމެ މަތީ ފަންތީގެ އޮފިޝަލުންނަށް ފާރަލައި، މޮނިޓަރުކުރުމަށްފަހު ދިން ވަރަށް ފުރިހަމަ ހަމަލާއެކެވެ. މިއީ އިސްރާއީލުގެ ސަލާމަތީ ނިޒާމު ފޫއަޅުވާލައި، އީރާނުގެ ދިފާޢީ ބާރުތަކުން ދިން ވަރުގަދަ ރައްދެކެވެ.
”ހަންޡަލާ“ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ކިތަންމެ ވަރުގަދަ ރައްކާތެރިކަމެއްގެ ފިޔަވަޅުތައް އެޅި ނަމަވެސް، ހަނގުރާމަވެރި ބާރުތަކުގެ އަތު ނުޖެހޭނެ އެއްވެސް ތަނެއް އިސްރާއީލުގެ ބިމުގައި ނެތްކަން މި އޮޕަރޭޝަނުން ސާބިތުކޮށްދީފައިވާނެ ކަމަށެވެ. އަދި އިސްރާއީލުގެ ސަރުކާރަށް މި ބޮޑު ނާކާމިޔާބީގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަކުރަން ކެރޭނެތޯ އެ ގްރޫޕުން ވަނީ ގޮންޖަހާފައެވެ.
މި ބޮޑު ޖާސޫސީ ނާކާމިޔާބީއާ ގުޅިގެން، އިސްރާއީލުގެ ސިފައިންނާއި ސަރުކާރުން ދަނީ ކަންބޮޑުވުން ފޮރުވައި، މިއީ ހަމައެކަނި ”އަމިއްލަ ދިރިއުޅުމުގެ މައްސަލައަކާ ގުޅުންހުރި ޖިނާއީ ކުށެއް“ ކަމަށް ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، މަރުވި އޮފިޝަލުގެ ކުރީގެ ފިރިމީހާ ހައްޔަރުކޮށް، މިއީ އާއިލީ މައްސަލައެއްގެ ގޮތުގައި މީޑިއާއަށް ސިފަކޮށްދިނުމަކީ އިސްރާއީލުގެ ސަލާމަތީ ބާރުތަކުގެ އަގުވެއްޓުން ސަލާމަތްކުރުމަށް ހިންގާ އޮޅުވާލުމެއް ކަމަށް އީރާނުގެ މީޑިއާ ބުނެއެވެ.
ނަމަވެސް، އިސްރާއީލުގެ އެންމެ މަތީ ފަންތީގެ ސިއްރު ޑިޕާޓްމަންޓެއްގެ ވެރިޔަކު، ދުވާލުގެ ވަގުތެއްގައި ވެރިރަށުގެ މެދުގައި ކާރު ބޮމެއްގައި ޖަހަންމައަށް ފޮނުވާލުމަކީ، އީރާނުގެ ޖާސޫސީ ނެޓްވޯކް އިސްރާއީލުގެ އެތެރޭގައި ކިހާ ފުޅާކޮށް އަދި ވަރުގަދަކޮށް ހިނގަމުންދާކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.






