ޗައިނާގައި 1.5 މިލިއަން ފޮލޯވަރުން ތިބި މަޝްހޫރު ކުއްތާއެއް ވަގަށް ނަގައި، 26 ޑޮލަރަށް ވިއްކާލުމަށްފަހު ކާލައިފި

އިބްރާހީމްް ސަމީރު
ޖޫން 6, 2026

ޗައިނާގެ ސޯޝަލް މީޑިއާގައި 1.5 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ހޯދާފައިވާ ބިލިއަން ޑޮލަރަށް އަގު ކުރެވޭ މަޝްހޫރު ކުއްތާއެއް، އޭގެ ވެރިފަރާތުގެ ދަނޑުން ވަގަށް ނަގައި، އެންމެ 26 ޑޮލަރަށް ރެސްޓޯރެންޓަކަށް ވިއްކާލުމަށްފަހު ކަތިލައިގެން ކާލި މައްސަލައެއް ފެންމަތިވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

”ޗޫޓޫ“ ގެ ނަމުން ނަންދީފައިވާ، އުމުރުން 8 އަހަރުގެ މި ”ބޯޑަރ ކޮލީ“ ނަސްލުގެ ކުއްތާއަކީ، ޗައިނާގެ ޓިކްޓޮކް ކަމަށްވާ ”ޑޮއިން“ ޕްލެޓްފޯމުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ސޮރެކެވެ. މިއީ ޗައިނާގެ ދަތުރުފަތުރާ ބެހޭ ބްލޮގަރެއް ކަމަށްވާ ”ގުއޯ“ ގެ ކުއްތާއެކެވެ. އޭނާ ދަތުރެއްގައި ދިއުމުން ކުއްތާ ބަލަހައްޓަން ހަވާލުކުރީ އޭނާގެ މައިންބަފައިންނާއެވެ.

މެއި 11 ވަނަ ދުވަހު ސީސީޓީވީ ކެމެރާތަކުން ފެނުނު ގޮތުގައި، އިލެކްޓްރިކް ބައިސްކަލެއްގައި އައި އަންހެނަކާއި ފިރިހެނަކު ވަނީ ދަނޑުން މި ކުއްތާ ވަގަށް ނަގާފައެވެ. ގުއޯ ދަތުރު ނިންމާލުމަށްފަހު އެނބުރި އައިސް، އަމިއްލައަށް ކުރި މަސައްކަތުން ކައިރި އަވަށަކުން މި ދެ މީހުން ހޯދިއެވެ.

އެމީހުން އިއުތިރާފުވި ގޮތުގައި، އެއީ މަގުމަތިން އުޅޭ ކުއްތާއެއް ކަމަށް ހީކޮށް، ކުއްތާގެ ވިޔަފާރިކުރާ މީހަކަށް 180 ޔުއާން ނުވަތަ 26.50 ޑޮލަރަށް ވަނީ ވިއްކާލާފައެވެ. ކުއްތާ ވަގަށް ނެގި މީހާ ވަރަށް ވަޅޯގޮތަކަށް ކުއްތާގެ ވެރިފަރާތަށް ބުނީ، ”ކުއްތާ މިހާރު އޮތީ މަރުވެފައި. މާ ބޮޑު ކަމަކަށް ހަދައިގެން ނޫޅޭ. އަހަރެން ޤާނޫނާ ޚިލާފެއް ނުވަން،“ މިފަދައިންނެވެ.

ޙަޤީޤަތުގައި ބިލިއަން ޑޮލަރުގެ އަގުހުރި މި ކުއްތާ، އެ ވިޔަފާރިވެރިޔާ ވަނީ ރެސްޓޯރެންޓަކަށް އަލުން ވިއްކާލާފައެވެ. އަދި އެ ދުވަހު އެސޮރު ކަތިލައި، އެއިން ބާބަކިއު ހަދާފައިވާ ކަމަށް މީޑިއާ އިން ރިޕޯޓްކުރެއެވެ. ގުއޯ އެ ރެސްޓޯރެންޓަށް ގޮސް ކުއްތާގެ ކަށިތައް ނަމަވެސް ހޯދަން އެދުމުން، ރެސްޓޯރެންޓުގެ ވެރިޔާ ބުނީ އޭގެ ކެހެރި ހަންގަނޑު ކުނިގަނޑަށް އެއްލާލިތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށެވެ.

ޗައިނާގައ ކުއްތާ މަސް ކެއުން މަނާކުރާ ޤާނޫނެއް ނޯވެއެވެ. އަދި ގޭގައި ގެންގުޅޭ ދިރުންތައް ހިމާޔަތްކުރާ ޚާއްޞަ ޤާނޫނެއް ނެތްއިރު، ޕެޓްސް ނުވަތަ ގެންގުޅޭ ޖަނަވާރުން ބެލެވެނީ ހަމައެކަނި އަމިއްލަ މުދަލެއްގެ ގޮތުގައެވެ. ހިތްދަތިވެފައިވާ ގުއޯ މިހާރު މަސައްކަތް ކުރަމުންދަނީ ކުއްތާ ވަގަށް ނެގި މީހުންގެ މައްޗަށް ޖިނާއީ ދަޢުވާކޮށް، މާލީ ބަދަލު ހޯދުމަށެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *