ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ އަކީ ޤައުމީ ތަރައްގީއަށް ހުރަހެއް ނޫން ކަމަށާއި އެއީ ޤައުމެއްގެ އުމްރާނީ ވަސީލަތްތަކަށް އޮތް ފާލަމެއް ކަމުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ވިދާޅުވެއްޖެއެވެ.
ނިއުޔޯކުގައި ބޭއްވި އދ.ގެ ފިއުޗަރ ސަމިޓްގައި ވާހަކަ ދައްކަވަމުން މޮދީ ވިދާޅުވީ ރައްކާތެރިކަމާއި ޒިންމާދާރުކަމާއެކު ޓެކްނޮލޮޖީ ބޭނުން ކުރަންވާނެ ކަމަށެވެ. އެހެންކަމުން އިންޑިއާ އޮތީ ދުނިޔެއާއެކު އެޤައުމުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ ތަޖުރިބާ ޙިއްސާ ކުރަން ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.
އެމެރިކާގެ ރައީސާއި ޖަޕާން އަދި އޮސްޓްރޭލިއާގެ ބޮޑުވަޒީރުންނާއެކު ބޭއްވެވި، ކުއަޑް ގްރޫޕުގެ ޤައުމުތަކުގެ މަޝްވަރާތަކާބެހޭގޮތުން މޮދީ ވިދާޅުވީ، އެ ގްރޫޕުގެ 4 ޤައުމުންވެސް ވަނީ ރައްކާތެރި، އިތުބާރު ހުރި، އަދި އިންޓަރއޮޕަރޭބަލް ޑިޖިޓަލް އިކޯސިސްޓަމެއް އުފެއްދުމުގައި ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާގެ މުހިންމު ދައުރަށް ވާހަކަ ދައްކާފައި ކަމަށެވެ.
އެ ސަމިޓްގައި ވެރިން ކަށަވަރުކޮށް ދެއްވަނީ ޝާމިލު، ވަށާ ޖެހޭ އުސޫލުތަކަށާއި އެއްބަޔަކު އަނެއް ބަޔަކާ ލާމެހިފައިވާ ފަސޭހައިން ގުޅިގެން ބޭނުން ކޮށްލެވޭފަދަ އަދި ފަސޭހަކަމާއެކު ބަދަލުތައް ގެނެސް ހާލަތަށް ބައްޓަން ކޮށްލެވޭ ފަދަ ޓެކްނޮލޮޖީތައް ތަރައްޤީ ކުރުމުގެ މަސައްކަތަށް ކަމަށްވެސް މޮދީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ދުނިޔޭގެ މުޖުތަމައުތަކުގެ މުސްތަގުބަލު ބައްޓަންކުރުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ގާބިލްކަން ދެނެގަނެ، އެކަމަށް މަސައްކަތް ކުރަންވާނެ ކަމަށެވެ. އޭގެ އިތުރުން، އަސާސީ މިނިވަންކަން ރައްކާތެރިކުރުމަށާއި ހަރުދަނާ ސައިބަރ ސެކިއުރިޓީ ފިޔަވަޅުތައް އެޅުމާއެކު ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ ބިނާކޮށް ތަންފީޒު ކުރުމުގައި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.






