ފޮޓޯ – އިލެކްޝަންސް ކޮމިޝަން

ވޯޓަރސް ލިސްޓަށް ހަތްސަތޭކައަށްވުރެ ގިނަ ޝަކުވާ

މުހައްމަދު އަލީ
ޖެނުއަރީ 18, 2026

މިއަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތު މިއަދު ހަމަވެއްޖެއެވެ.

މިއަދު މެންދުރުފަހު 3:00 ގެ ނިޔަލަށް މުއްދަތު ހަމަވިއިރު ހުށަހަޅާފައިވަނީ 779 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ޝަކުވާ ހުށަހަޅާފައިވަނީ އެޑްރެސް ބަދަލުވުމާއި ރަށްވެހިކަން ބަދަލުވުމާއި ނިޔާވެފައިވާތީ ރަޖިސްޓްރީން ނަން އުނިކުރުމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މި މުއްދަތުގައި އިލެކްޝަނުން އާންމުކޮށްފައިވާ ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ޗެކްކޮށް، މި ރަޖިސްޓަރީގައިވާ މަޢުލޫމާތުތައް ކަށަވަރުކުރުމަށްފަހު އެއްވެސް ޝަކުވާއެއްވާނަމަ، ހުށަހަޅަންވާނޭ ކަމަށް ވެސް އީސީން ވިދާޅުވެފައިވެއެވެ.

ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މަޢުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނޭ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ