އިންޑިއާ އާއި އީޔޫއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިބްރާހީމްް ސަމީރު
ޖެނުއަރީ 27, 2026

އިންޑިއާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ގިނަ އަހަރުތަކެއް ވަންދެން ކުރި މަޝްވަރާތަކަށްފަހު، އެ އެއްބަސްވުން ރަސްމީކޮށް ނިންމާލައިފިއެވެ. މިއީ ދުނިޔޭގެ ބޮޑު ދެ އިގްތިސާދުގެ މެދުގައި އޮތް ސްޓްރެޓީޖިކް ގުޅުން އާ ހަރުފަތަކަށް ގެންދިޔުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ބްރަސަލްސްގައި ބޭއްވި ފަހު ބުރުގެ މަޝްވަރާތަކަށްފަހު އިންޑިއާގައި ސޮއިކުރި މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދެ ފަރާތުގެ ދެމެދުގައި ނަގާ ޓެރިފްތައް ކުޑަކުރުމާއި، ކަސްޓަމްސްގެ އުސޫލުތައް ފަސޭހަކުރުމުގެ އިތުރުން މުދަލާއި ހިދުމަތްތަކަށް މާކެޓް އެކްސެސް ފުޅާކުރުމެވެ. މި އެއްބަސްވުމުގެ ދަށުން ފޭރާމާއި، ބޭސްވެރިކަމާއި، އިންޖިނިއަރިން މުދަލާއި، އޮޓޯމޯބައިލް، ދަނޑުވެރިކަމުގެ އުފެއްދުންތައް އަދި ޑިޖިޓަލް ވިޔަފާރީގެ ދާއިރާއިން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

މި އެއްބަސްވުމުގެ ސަބަބުން އިންޑިއާގެ އުފެއްދުންތައް އީޔޫގެ 16 ޓްރިލިއަން ޔޫރޯގެ ބޮޑު މާކެޓަށް އެކްސްޕޯޓް ކުރުމަށް މަގުފަހިވެގެންދާނެއެވެ. ހާއްސަކޮށް ގިނަ އަދަދެއްގެ މަސައްކަތްތެރިން ބޭނުންވާ ސިނާއަތްތަކަށް މީގެ ފައިދާ ކުރާނެއެވެ. ހަމައެއާއެކު، ޔޫރަޕްގެ ކުންފުނިތަކަށް ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިންޑިއާގެ މާކެޓުން ފުރުސަތުތައް ލިބި، އިންވެސްޓްމަންޓްތަކާއި އިންޓަލެކްޗުއަލް ޕްރޮޕަޓީއަށް ރައްކާތެރިކަން ލިބިގެންދާނެއެވެ.

މީގެ އިތުރުން، ސަޕްލައި ޗެއިން ވަރުގަދަކުރުމާއި، ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ އަދި މިންގަނޑުތައް އެއްގޮތްކުރުމާ ގުޅޭ ބައިތައްވެސް މި އެއްބަސްވުމުގައި ހިމެނެއެވެ. މިއީ ޔޫރަޕުން އެހެން ގައުމުތަކަށް ބަރސާވާ މިންވަރު ކުޑަކުރުމަށް ގެންގުޅޭ ސިޔާސަތާއި، ދުނިޔޭގެ ވިޔަފާރީގެ ތެރެއަށް އިންޑިއާ އިތުރަށް ވަނުމަށް ކުރާ މަސައްކަތާ ގުޅޭ ނިންމުމެކެވެ.

މި އެއްބަސްވުމަކީ ފާއިތުވި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އީޔޫއާއި އިންޑިއާއާ ދެމެދު ވެވުނު އެންމެ މުހިންމު ވިޔަފާރީގެ މުއާމަލާތެވެ. މީގެ ސަބަބުން ސިޔާސީ ގުޅުން ވަރުގަދަވެ، އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސަލާމަތާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ދެ ގައުމުގެ އެއްބާރުލުން އިތުރުވާނެ ކަމަށް ބެލެވެއެވެ.

މި އެއްބަސްވުން ތަންފީޒުކުރާނެ ތާރީޚުތަކާއި، ޓެރިފް ކަނޑާލާނެ ތާވަލުތައް ހާމަކުރާނީ އެއްބަސްވުމުގެ ގާނޫނީ ލިޔެކިޔުންތައް ނިންމައި ދެ ފަރާތުން ތަސްދީގު ކުރުމުންނެވެ.

މި ލިޔުމާ ގުޅޭ