ރިސޯޓުތައް ތަރައްގީކޮށް ލިބޭ ފައިދާ ސީދާ ރައްޔިތުންގެ އެކައުންޓަށް ޖަމާކުރަނީ

ޟަމްރަތު އަހްމަދު
ފެބްރުއަރީ 5, 2026

ކުރިއަށްއޮތް ތިން އަހަރުތެރޭގައި މަދުވެގެން ދިހަ ރިސޯޓު ރާއްޖޭގައި ތަރައްގީކޮށް ލިބޭ ފައިދާގެ ބޮޑުބައެއް ދިވެހި ރައްޔިތުންގެ އެކައުންޓަށް ބޭރުފައިސާއިން ޖަމާކޮށްދެއްވާނޭ ކަމުގެ އުފާވެރި ޚަބަރު ރައީސް ޑރ. މުހައްމަދު މުުއިއްޒު މިިއަދު ދެއްވައިފިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވަވަމުން ރައީސް ވިދާޅުވީ މި ރިިސޯޓުތައް ތަރައްގޫ ކުރައްވާނީ ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށްގެން ކަމަށެވެ.  ”ކުރިޔަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްޤީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް، ހަމަހަމަ ކަމާއެކު، އަހަރަކު އެއްފަހަރު، ބޭރު ފައިސާއިން ޖަމާކޮށްދޭނަން. އަދި ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ، މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރެއްކަމުގައި ހަމަހަމަ ކަމާއެކު، ޤާނޫނަކުން ކަނޑައަޅާ ހަމަޖައްސާނަން. ނަތީޖާއެއްގެ ގޮތުން މި މަޝްރޫޢު ދަށުން ތަރައްޤީ ކުރާ ރިސޯޓުތަކުން ލިބޭ ފައިދާ ދިވެހި ރައްޔިތެއްކަމުގެ އައިޑީކާޑު އޮތް ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާއެކު އަހަރުން އަހަރަށް ލިބި، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދިވެހި ފަތުރުވެރިކަމުގެ ސީދާ ޙިއްސާދާރަކަށް ދިވެހި ކޮންމެ ރައްޔިތަކުވެ، ދިވެހި ކޮންމެ ރައްޔިތަކަށް ސީދާ ގޮތުން މާލީ މަންފާ އިރާދަކުރެއްވިއްޔާ ޖަމާވާން ފަށާނެ،“ ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި އިންވެސްޓްމަންޓުން ރައްޔިތުންގެ އެކައުންޓަށް ފައިސާ ޖަމާވާން ފަށާނީ 2030 އަހަރުން ފެށިގެން ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. ”ހިސާބު ހަދާލާއިރު، އެވްރެޖުކޮށް ކޮންމެ ރައްޔިތެއްގެ އެކައުންޓަށް، އިރާދަކުރެއްވިއްޔާ އަހަރަކު މަދުވެގެން، 400 އެމެރިކާ ޑޮލަރު ޖަމާވެގެންދާނެ،“

ރައީސް ވިދާޅުވީ އެމަނިކުފާނު މިގޮތަށް ނިންމެވީ ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތަށް ް54 އަހަރުވެފައިވާއިރު އެސިނާއަތުން ލިބޭ އާމްދަނީން ރައްޔިތުންގެ ޖީބަށް ސީދާ ގޮތެއްގައި އެންމެ ލާރިއެއް ވެސް ލިބޭނެ އެއްވެސް މަގެއް، އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާތީ ކަމަށެވެ.

”އަޅުގަނޑު ދެކެނީ މި ޤުދުރަތީ އެސެޓްތަކުގެ ޙަޤީޤީ ވެރިންކަމުގައިވާ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ސީދާ އާމްދަނީއެއް ލިބޭނޭ މަގެއް، ނިޒާމީ ގޮތެއްގައި ހަމަޖެހިގެން ދިޔުމަކީ އެންމެ ޢަދުލުވެރި ގޮތްކަމުގައި،“ ރައީސް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ