ބަންގްލަދޭޝްގެ އިންތިޚާބު: ބީއެންޕީ އާއި ޖަމާއަތޭ އިސްލާމީގެ މެދުގައި ވަރުގަދަ ކުރިމަތިލުމަކަށް

އިބްރާހީމްް ސަމީރު
ފެބްރުއަރީ 9, 2026

ބަންގްލަދޭޝްގައި ފާއިތުވި ވިހި އަހަރުގެ ތެރޭގައި ބާއްވާ އެންމެ ވާދަވެރި އާންމު އިންތިޚާބުގެ ވޯޓުލުން ބުރާސްފަތި ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި މައިގަނޑު ގޮތެއްގައި ވޯޓުލާ މީހުންގެ ކަންބޮޑުވުންތަކަކީ ކޮރަޕްޝަނާއި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި އަދި ވަޒީފާގެ ފުރުސަތުތައް މަދުވުމެވެ.

މިއީ 2024 ވަނަ އަހަރު ދަރިވަރުން އިސްވެ ތިބެ ކުރި މުޒާހަރާތަކުގައި ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ސަރުކާރު ވައްޓާލުމަށްފަހު ބާއްވާ ފުރަތަމަ އިންތިޚާބެވެ. ވަގުތީ ސަރުކާރުން ހަސީނާގެ އަވާމީ ލީގު ސިޔާސީ ހަރަކާތްތަކުން މަނާކޮށްފައިވުމުން، މިފަހަރުގެ އިންތިޚާބުގައި މައިގަނޑު ގޮތެއްގައި ވާދަކުރަނީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އާއި ޖަމާއަތޭ އިސްލާމީ އިސްވެ އޮންނަ އިއްތިހާދެވެ.

ބީއެންޕީގެ ޗެއާމަން ތާރިގު ރަހްމާން ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި، 300 ގޮނޑީގެ ތެރެއިން 292 ގޮނޑިއަށް އެ ޕާޓީން ވާދަކުރާއިރު، ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ އަދަދަށް ގޮނޑި ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތެވެ. ނަމަވެސް، ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ޖަމާއަތޭރ އިސްލާމީ އޮތީ ބީއެންޕީއާ ވަރަށް ގާތުގައެވެ. އެ ޕާޓީއަށް ޒުވާނުންގެ ބޮޑު ތާއީދެއް ލިބެމުންދާއިރު، 2024 ގެ މުޒާހަރާތަކުން އުފެދުނު ޒުވާނުންގެ އައު ޕާޓީއަކާއެކު އެ ޕާޓީން ވަނީ އިއްތިހާދެއް އުފައްދާފައެވެ.

އިގްތިސާދީ ގޮތުން ބަންގްލަދޭޝްއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ތަކެތީގެ އަގު އުފުލުމާއި، ބޭރު ފައިސާގެ ރިޒާވް ދަށްވުމުގެ ސަބަބުން 2022 ވަނަ އަހަރުން ފެށިގެން އެ ގައުމުން ދަނީ ބޭރުގެ އެހީއަށް އެދެމުންނެވެ.
128 މިލިއަން ވޯޓުލާ މީހުންގެ މެދުގައި ކުރެވުނު ސާވޭތަކުން ދައްކާ ގޮތުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮރަޕްޝަނެވެ.
”ވޯޓުލާ މީހުން އިސްކަންދެނީ ދީނީ ނުވަތަ ރަމްޒީ ކަންކަމަށްވުރެ ބޮޑަށް ކޮރަޕްޝަނާއި އިގްތިސާދީ މައްސަލަތަކަށް،“ ކަމަށް ދާކާގެ ރިސާޗް ގްރޫޕަކުން ބުނެފައިވެއެވެ.

ފުރަތަމަ ފަހަރަށް ވޯޓުލާ ޒުވާނުން ބޭނުންވަނީ ސިޔާސީ މިނިވަންކަން ކަށަވަރުކޮށްދޭނެ ސަރުކާރެކެވެ. މި އިންތިޚާބުގެ ނަތީޖާގެ ސަބަބުން ބަންގްލަދޭޝްގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އަދި މިއީ އެ ގައުމުގެ ޑިމޮކްރަސީގެ ތާރީޚުގައި އަންނާނެ އެންމެ މުހިންމު އެއް ބަދަލު ކަމަށް ބެލެވެއެވެ.

މި ލިޔުމާ ގުޅޭ