ނިއުޒިލެންޑްގެ މިސްކިތްތަކަށް ހަމަލާދިން ޓެރަރިސްޓް އޭނާގެ ކުށަށް އިއުތިރާފުވީ މަޖުބޫރުވެގެން ކަމަށް ބުނެ އިސްތިއުނާފުކޮށްފި

އިބްރާހީމްް ސަމީރު
ފެބްރުއަރީ 10, 2026

ނިއުޒިލެންޑްގެ ކްރައިސްޓްޗާޗްގެ ދެ މިސްކިތެއްގައި އަޅުކަން ކުރަން ތިބި 51 މުސްލިމުން ޝަހީދުކޮށްލި ހުދު ނަސްލުގެ ހަރުކަށި ފިކުރުގެ ބްރެންޓަން ޓަރަންޓް، އޭނާގެ ކުށަށް އިއުތިރާފުވީ ބުއްދި ސަލާމަތުން ހުރެގެން ނޫން ކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފުކޮށްފިއެވެ. ވެލިންގްޓަންގެ ކޯޓެއްގައި ވީޑިއޯ ލިންކް މެދުވެރިކޮށް ހޯމަ ދުވަހު އޮތް އަޑުއެހުމުގައި 35 އަހަރުގެ ޓަރަންޓް ވަނީ އޭނާގެ އިއުތިރާފު ބާތިލުކުރުމަށް އެދިފައެވެ.

އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ ޓަރަންޓް، މާޗް 2019 ގައި ހުކުރު ނަމާދު ވަގުތު ދެ މިސްކިތަކަށް ދިން މި ހަމަލާއަކީ ނިއުޒިލެންޑްގެ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި ބަޑީގެ ހަމަލާއެވެ. ހަމަލާ ދިނުމުގެ ކުރިން ނަސްލީ ތަފާތުކުރުންތަކުގެ މެނިފެސްޓޯއެއް ނެރުނު ނަސްރާނީ މީހާ ޓަރަންޓް، މި ޖަރީމާ ހިންގާފައިވަނީ އަސްކަރީ ފެންވަރުގެ ހަތިޔާރު ބޭނުންކޮށްގެންނެވެ. އަދި އޭނާ ވަނީ ބޮލުގައި ހަރުކޮށްފައިވާ ކެމެރާއަކުން މި މަންޒަރުތައް ފޭސްބުކް މެދުވެރިކޮށް ވަގުތުން ދައްކާފައެވެ.

ފުރަތަމަ ހުރިހާ ދައުވާތަކަށް އިންކާރު ކުރި ނަމަވެސް، ހަމަލާ ދިންތާ އަހަރެއް ފަހުން ޓަރަންޓް ވަނީ 51 މީހުން މެރުމުގެ ދައުވާއާއި، 40 މީހުން މަރާލަން އުޅުމުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާއަށް އިއުތިރާފުވެފައެވެ. ނަމަވެސް މިހާރު އޭނާ ބުނަމުންދަނީ ޖަލުގެ ހަރުކަށި ހާލަތުގެ ސަބަބުން އޭނާގެ ނަފްސާނީ ދުޅަހެޔޮކަން ގެއްލިފައިވާތީ، އޭރު އިއުތިރާފުވީ އަމިއްލަ އިޚްތިޔާރުގައި ނޫން ކަމަށެވެ.

ޓަރަންޓް ކޯޓުގައި ބުނެފައިވަނީ، ”އެ ވަގުތު ކަންކަން ނިންމުމަށް ބޭނުންވާ ފަދަ ނަފްސާނީ ދުޅަހެޔޮކަމެއް އަޅުގަނޑުގެ ކިބަޔަކު ނެތް. އަޅުގަނޑު ނިންމުންތައް ނިންމީ ޖަލުގެ ހާލަތުގެ ސަބަބުން މަޖުބޫރުވެގެން،“ ކަމަށެވެ. ނިއުޒިލެންޑް ހެރަލްޑްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްތިއުނާފީ ކޯޓުން ބަލާނީ ޖަލުގެ ހާލަތަކީ ލާއިންސާނީ އަދި އަނިޔާވެރި ހާލަތެއް ކަމަށް އޭނާ ބުނާ ބުނުމާއި، އޭގެ ސަބަބުން އޭނާގެ ބުއްދި ސަލާމަތުން ހުރިތޯއެވެ.

ޓަރަންޓް މިހާރު ދަނީ ޕެރޯލްގެ ފުރުސަތެއް ނެތް ގޮތަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. މިއީ ނިއުޒިލެންޑްގެ ތާރީޚުގައި މީހަކަށް މިފަދަ ހަރުކަށި ހުކުމެއް އިއްވި ފުރަތަމަ ފަހަރެވެ. ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އިސްތިއުނާފު އަޑުއެހުންތައް ހުކުރު ދުވަހަށް ނިމޭނެ ކަމަށް ބެލެވެއެވެ.

ކޯޓުން ޓަރަންޓްގެ އިއުތިރާފު ބާތިލުކޮށްފިނަމަ، މައްސަލަ އަލުން ހައިކޯޓަށް ފޮނުވައި ޝަރީއަތް ހިންގާނެއެވެ. ނަމަވެސް އިއުތިރާފު ބާތިލު ނުކޮށްފިނަމަ، މިއަހަރުގެ ފަހުކޮޅު އޭނާގެ ހުކުމާ ގުޅޭ އިސްތިއުނާފީ އަޑުއެހުމެއް ބާއްވާނެއެވެ.

މި ލިޔުމާ ގުޅޭ