ބަންގީގެ އަޑު އިވުމާއިއެކު ސާއިދު އޭނާގެ އަތުގައި އޮތް ގަޑިޔަށް ބަލައިލިއެވެ. އަދި ޖޯލިފަތިން ތެދުވެގެން ގޮސް ގޭތެރެއަށް ވަނެވެ. ސާއިދު ވުޟޫ ކޮށްލައިގެން މިސްކިތަށް ދިޔުމަށް ނިކުތް ވަޤުތު އޭނާގެ މަންމަ މަރިޔަމްފުޅު ފަހަތުން ގޮވާލި އަޑު އިވުނެވެ. ”ދަރިފުޅު މިސްކިތުން އައިސް މަންމަޔާ ބައްދަލު ކޮށްލައްޗޭ އިނގޭ. ކުޑަ ވާހަކައެއް ދައްކާލަން ވެގެން،“ ސާއިދު ކޮންމެވެސް ވަރަކަށް ހައިރާންވިއެވެ. މިހާ ފަތިހާ މަންމަ ދައްކަން ބޭނުންވެގެން އެއުޅެނީ އަނެއްކާ ކޮން ވާހަކައެއްބާވައޭ ސާއިދުގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އިތުރު އެއްޗެއް ބުނާކަށް ސާއިދު އެވަޤުތަކު ގަސްތެއް ނުކުރިއެވެ. އެއާއި ޚިލާފަށް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލައިފާ މިސްކިތަށް ދިޔުމަށް ހިނގައިގަތެވެ. ސާއިދު އެނބުރި މިސްކިތުން އައިސް ގެއަށް ވައިންއިރު އޭނާގެ މަންމަ އިނީ ޖޯލިފަތީގައި ޤުރުއާން ކިޔަވާށެވެ. ސާއިދު އައިސް ވަނުމުން މަންމަގެ ކައިރިޔަށް އެއުމަށް ގޮވާލިއެވެ. ކިޔަމަންތެރި ދަރިއެއް ފަދައިން ސާއިދު ގޮސް މަންމަ ކައިރީގައި ޖެހިގެން ހުރި ޖޯލީގައި އިށީނެވެ. އަދި އިތުރު އެއްވެސް އެއްޗެއް ނުބުނެ، މަންމަ ދައްކަން ބޭނުންވާ ވާހަކައަށް ފުރުޞަތު ދީގެން އިނެވެ. ”ދަރިފުޅާ، ރޭގަ ވަރަށް ދަންވަންދެން މި ތަނުގަ ބައްޕަޔާ ދެމީހުން ވާހަކަ ދައްކަން އިންކަން މަންމައަށް އެނގޭ.“ އެވަޤުތު ހައިރާނުން ފުރިގެންވާ ނަޒަރަކުން ސާއިދު އޭނާގެ މަންމައާއި ދިމާއަށް ބަލައިލިއެވެ. އެހެންނަމަވެސް އިތުރު އެއްވެސް އެއްޗެއް ބުނާކަށް ސާއިދު ގަސްތެއް ނުކުރިއެވެ. އެހެނީ، އަނާގެ ބަލައިލުމުން ބުނެދޭ އެއްޗެއް ދެނެގަންނާކަށް މަރިޔަމްފުޅަކަށް އެއްވެސް ލަފުޒަކަށް ބޭނުމެއް ނުވާނެއެވެ. ”ކަންބޮޑުނުވޭ ދަރިފުޅާ، ދެބަފައިން ދެއްކީ ކޮން ވާހަކައެއްކަން މަންމައަށް ކޮންމެވެސް ވަރަކަށް އެނގޭ. އެއީ ވާހަކަދެއްކި އަޑުވެސް އިވުނީތީ. އަނެއްކޮޅުން އެހާ ދަންވާއިރު ބައްޕަ ނިދަން ނައުން އެއީ މަންމައަށް ތެދުވެގެން އައިސް ބައްޕަ ކޮބައިތޯ ހޯދާލަން މަޖުބޫރު ކުރިވި ކަމެއް ކަމަށް ބަލާ.“ ސާއިދުއަށް ހަމަޖެހުމެއް ލިބުނު ކަހަލައެވެ. އެހެނީ، އޭނާ ހަމަޖެހިލާފައި މަންމައާއި ސުވާލުކުރުމަށް ތައްޔާރު ވެލިއެވެ. ”ދެން އެހެންވިއްޔާ މަންމަ ކީއްވެ އަހަރުމެން ކައިރިޔަށް ނައީ؟“ ސާއިދުގެ އެސުވާލަށް މަރިޔަމްފުޅު ޖަވާބު ދިނީ މަޑުމައިތިރި ހިނތުންވެލުމަކާ އެކުގައެވެ. ”ދެންމެގަ ދޯ މަންމަ މިބުނީ ތި ދެބަފައިން ދެއްކި ވާހަކަ މަންމައަށް އެނގެޔޭ. ޙަސަން ވަހީދު، ސަޢީދާގެ ވާހަކަ ދައްކަން އިންދާ މަންމަ އެތަނަކަށް އައުން އެހާ ރަނގަޅު ނޫންކަމަށް މަންމައަށް ފެންނާތީ ނައީ.“ މަރިޔަމްފުޅުގެ ވާހަކައިގާ ކޮންމެވެސް ވަރެއްގެ އާހެއް އެބަހުރިކަމަށް ސާއިދުއަށް ފާހަގަ ކުރެވުނެވެ. ”ބައްޕަގެ ހުރިހާ ކަމެއް އެނގިހުރެ، މަންމަ ބައްޕަޔާ ކައިވެނި ކުރީ ކީއްވެ؟ މަންމަޔަށް އެނގޭނު ބައްޕަ، ސާރާ މަންމަ ދެކެ ލޯބިވާކަން.“ މިފަހަރުވެސް މަރިޔަމްފުޅުގެ ވާހަކަ ފެށީ ހިނިތުން ވުމަކާއިއެކުގައެވެ. ”އާން މަންމަ ސާއިދުގެ ބައްޕަޔާ ގުޅުނީ ހުރިހާ އެއްޗެއް އެނގިހުރެ. އެމީހަކު އެންމެ ލޯބިވާ މީހަކު ކަނޑައެޅިގެން ހަލާކެއްގެ ތެރެއަށް ގެނބިގެން ދާތަން ދެކޭކަށް އެއްވެސް މީހަކަށް ކުޅަދާނައެއް ނުވާނެ. ސަޢީދާގެ ކައިވެނި ވެގެންދިޔައީ ސާޢިދުގެ ބައްޕަޔަށް ތަހަންލުކުރަން ދަތިވި ކަމަކަށް. ވަރަށް ބޮޑަށް ބަލިވެސްވި. އޭރުގަ ސާއިދު ބައްޕަގެ މައިންބަފައިވެސް ބޭނުންވީ މަންމަ ސާއިދު ބައްޕަޔާ ގުޅެން. މަންމަ، ސާއިދު ބައްޕަދެކެ ލޯބިވާ ވާހަކައެއް ދުވަހަކުވެސް ބައްޕަ ކައިރިޔަކު ނުބުނަން. އަދި އަދަށް ދާންދެންވެސް ބައްޕަޔަކަށް އެކަމެއް ނޭންގޭނެ.“ ސާއިދުއަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. ”މަންމާ، އޭރުވެސް މަންމަ ބައްޕަދެކެ ލޯބިވޭތަ؟ ދެން އެހެންވިއްޔާ ކީއްވެ ނުބުނީ؟“ ސާއިދުގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ކުރިން ސާއިދު އިށީނުމަށް އިޝާރާތް ކޮށްލިއެވެ. ސާއިދު މަޑުމަޑުން އިށީންދެލިއެވެ. ބުދެއް ފަދައިން އެއްވެސް ހަރަކާތެއް ނެތްކަހަލަ ގޮތަކަށެވެ. ”ބުނަން ބޭނުންވާ ކިތަންމެ ފަހަރެއް އައި، އަދި މިހާރުވެސް ބުނަން ބޭނުން. އެކަމަކު އަދި އަދަށް ދާންދެންވެސް ޙަސަން ވަޙީދުގެ ހިތުން ސަޢީދާ ފިލައިގެން ނުދާކަން މަންމައަށް އެނގިހުރެ، މަންމަގެ ލޯބި ހާމަކުރުމަކީ އެހާ ފަސޭހަ ކަމަކަށް މަންމައަށް ނުވީ. މިއީ، އެއްފަރާތުން ވެވިފަ އޮތް ލޯތްބެއް. މި ލޯބީގެ ޙައްޤުވެރިޔަކީވެސް ޚުދު އަހަރެން. އެހެންވީމަ ރައްކާތެރިކަމާއި އެކީ މިކަން ދަމަހައްޓާނީވެސް ޚުދު އަހަރެން.“ މަރިޔަމްފުޅު އެންމަފަހުން ބުނި ދެތިން ޖުމުލައިން ސާއިދުގެ ހަނދާނަށް އައީ، ދާދިފަހުން ސާރާގެ އެކުވެރި ޝަފްނާ ބުނި ވާހަކައެވެ. އެއީ މުޅިޔަކުން ދޮގެއްވެސް ނޫނެވެ. އެއްފަރާތުން ވެވޭ ލޯބި ރައްކާތެރިކޮށް ބެލެހެއްޓުމަކީ، އެލޯބި ވެވޭ މީހެއްގެ ޒިންމާއެކެވެ. އެ ޚިޔާލަށް ގެއްލިފައި ކުޑައިރުކޮޅެއް ވަންދެން ސާއިދުއަށް އިނދެވުނެވެ.
ސާއިދު ސިއްސައިގެން ދިޔައީ އޭނާގެ މަންމަ ގޮވާލި އަޑަށެވެ. ”ދަރިފުޅާ، ކޮން ދުނިޔެއަކަށް ގެއްލިފަ ތިއިނީ؟ މަންމައަށް ވަރަށް ގިނައިން ފެނޭ ދަރިފުޅު ކޮންމެވެސް ފިކުރެއްގަ ހުންނަތަން. އަނެއްކާ ހިތްހަމަ ނުޖެހޭ ކަމެއް އުޅެނީތަ؟ ދަރިފުޅުގެ ބައްޕަފަދައިން މަންމަޔާވެސް ކަންކަން ހިއްސާ ކުރެވޭނެ. ތީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅު. އަނެއްކޮޅުން މަންމަވެސް މަންމަގެ ކިހާ ބޮޑޫ ސިއްރެއް ދަރިފުޅާ މި ހިއްސާކުރީ.“ މަރިޔަމްފުޅު ހީލާފައި ބުނެލިއެވެ. ސާއިދު އޭނާގެ މަންމައާއި ދިމާއަށް އެނބުރިލިއެވެ. އަދި ވަރަށް އޯގާތެރި ކަމާއިއެކީ މަންމަގެ ކަކޫ މަތީގައި އަތް ބާއްވާލިއެވެ. ”މަންމަ ހާސްނުވޭ، އަހަރެންނަށް ކޮންޓްރޯލު ނުވާ ވަރުގެ ފިކުރެއް އަދިއެއް ނެތް.“ ”އޭގެ މާނައަކީ ކޮންމެސް ކަމަކާ ފިކުރެއް އެބަ ކުރަމޭ ދޯ.“ މަރިޔަމްފުޅުގެ އެސުވާލަށް ސާއިދު އަނެއްކާވެސް ޖަވާބުދިނީ، ހިނިތުންވުމަކާއި އެކުގައެވެ. ”އިންސާނުން ވިއްޔާ އަބަދުވެސް ހުންނާނީ ކޮންމެސް ކަމަކާ ވިސްނާލަ ވިސްނާލާތާ ދޯ. އެކެމަކު ގޯހަކަށް ވެދާފަދަ އެއްވެސް ކަމަކާ މަންމަގެ މި ދަރިފުޅެއް ނުވިސްނަން. އެހެން ނޫނަސް ކަމެއް ގޯސްކޮށް ދަންޏާ، އެކަމުގަ އެހީތެރިވާންވެސް ތިބޭނީ މަންމަޔާ ބައްޕައެއްނު ދޯ.“ ސާއިދުގެ އެވާހަކައިން މަރިޔަމްފުޅަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ”އާން ދެން މާގިނަ ވާހަކަ ނުދައްކާ ހިނގާބަލަ ސައިތައްޓެއް ބޯލަން. މިހާރު އެއޮއް ހައެއްޖަހާ ބޮޑުވީ. ދަރިފުޅު ތިހުރީ ރޭ ހަތަރުދަމު ނުނިދާ. އެހެންވީމަ މިހާރު ހުންނާނީ ބަނޑުހައިވެސް ވެފަ.“ އެވަޤުތު ސާއިދުވެސް ކަރު އެލުވާލާފައި ބަނޑުގައި މަޑުމަޑުން އަތް ކާއްތާލިއެވެ. ދެމައިން އެކުގައި ގޭތެރެއަށް ވަދެގެން ދިޔައިރު ޙަސަން ވަޙީދު އިނީ ގޭތެރޭގައި އިށީންދެލައިގެން ޤުރުއާން ކިޔަވާށެވެ. ”ދެމައިން އަނެއްކާ ކޮންކަހަލަ ސިއްރު ވާހަކައެއްތަ މިދައްކަނީ؟“ ސާމާސާ ރާގަކަށް ޙަސަން ވަޙީދު ބުނެލިއެވެ. ދެމައިން އެކަކު އަނެކަކާއި ދިމާއަށް އެއްފަހަރާ ބަލައިލިއެވެ. ”އެއީ އަހަރުމެން ދެމައިންގެ ސިއްރެއް ދޯ ދަރިފުޅާ.“ ސާއިދުވެސް އެ ސަމާސާގައި ބައިވެރިވެލުމުގެ ގޮތުން ހީލާފައި ބޯ ޖަހާލިއެވެ. ޙަސަން ވަޙިދާއި މަރިޔަމްފުޅަކީ، އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގެން އުޅޭ ދެމަފިރިންނެވެ. ދިމާވާ ދަތި އުނދަގޫ ޙާލަތްތަކުގައިވެސް އެކަކު އަނެކަކަށް އެހީތެރިވެ، ދިރިއުޅުމުގެ ކަންކަން ގުޅިގެން ޙައްލުކުރާ ދެމަފިރިންނެވެ. ދެމީހުންގެ މެދުގައި އޮންނަނީ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. އިޙުތިރާމާއި ކުލުނެވެ. އެކަކު އަނެކަކާއި ސަމާސާ ކޮށްލާނެ ދަނޑިވަޅެއް ލިބިއްޖެނަމަ އެކަންވެސް ކުރަނީ ދެމީހުންގެ އިހުސާސްތައް ދެނެ ހުރެއެވެ. ދެމީހުންގެ ގުޅުން މިހާތަނަށް ދެމިއޮތުމުގެ ޙަޤީޤީ ސިއްރަކީވެސް އެއީއެވެ. ސާއިދުއަށްވެސް ދަސްވެފައި އޮތީ އެފަދަ ދިރިއުޅުމެކެވެ. އޭނާއަށް އެހެންމީހުންގެ އިހުސާސްތައް ދެނެގަންނަށް އެނގެއެވެ. އެއްވެސް މީހަކަށް ދެރައެއްދީ ހިތުގައި ޖެއްސުމަކީ ސާއިދު ކުރާނެ ކަމެއް ނޫނެވެ. އެހެން ނޫންނަމަ، ސާއިދުގެ ހިތުގައި ސާރާއަށްޓަކާ އޮތް ލޯބިވެސް ހާމަކޮށް އެފުރުޞަތު ހޯދަން ލިބިފައިވާ އެތައް ފުރުޞަތެއް ދުލެއް ނުކޮށްލީސް ތާއެވެ. އެހެންނަމަވެސް ސާރާ ނުރުހޭނެ އެއްވެސް ކަމެއް ކުރުމަކީ ސާއިދުގެ ހިތް ރުހޭނެ ކަމެއް ނޫނެވެ. ސާރާގެ ހިތުގައި ސާއިދުއަށްޓަކާ ކުލުނެއްގެ ޒައްރެއްގެ މިންވަރުވެސް ނެތްކަން ސާއިދުއަށް ހަމަ ރަނގަޅަށް އެނގެއެވެ.
ދެމަފިރިންގެ ލޯބި ލޯބި ސަމާސާއަށްފަހު، ސާއިދުގެ ކުޑަކުޑަ އެހެނަސް އުފާވެރި ޢާއިލާ، ހެނދުނުގެ ނާސްތާއަށް އިންސާފުކުރުމަށް އެކުގައި ހިނގައިގަތެވެ. ހެނދުނުގެ ނާސްތާ ނިންމާލުމަށްފަހު، ސާއިދު ދިޔައީ އޭނާގެ ކޮޓަރިއަށް އަރާމު ކޮށްލުމުގެ ބޭނުމުގައެވެ. ކޮޓަރިއަށްވަދެ، މަޑުމަޑުން އެނދުގައި އިށީނުމާއިއެކީ އޭނާގެ ފޯނު ނަގާ ގެލެރީ ހުޅުވާލިއެވެ. މަދުރަސީ ދަޢުރުގައި ނަގާފައިވާ ފޮޓޯތަކަކަށް އޭނާގެ ނަޒަރު ގޮސް ހުސްވިއެވެ. ހުރިހާ ފޮޓޯއެއްގައިވެސް ސާއިދުއަށް ހުރެވުނީ ސާރާއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އެވަޤުތު ސާއިދުގެ ހިތާހިތުން އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. ”އަހަރެން ސާރާ ބޭނުންވުން އެއީ އަހަރެންނަށް ކުރެވޭ ކުށެއްބާއެވެ. ބައްޕައަށް ދިމާވިކަހަލަ ގޮތަކަށް އަހަރެންނާއިމެދުވެސް ކަންތައް ދިމާވެދާނެބާއެވެ؟ ބައްޕައާއި ސާރާގެ މަންމަގެ މާޒީ ސާރާއަށް އެނގޭބާއެވެ؟“ މިކަހަލަ އެތައް ސުވާލެއް ސާއިދުގެ ހިތާއި ސިކުނޑީގައި ދަޢުރުވަމުން ދިޔައެވެ. ސާއިދު ސިއްސައިގެން ދިޔައީ، އޭނާގެ ފޯނު ރަނގަބީލުވާން ފެށި އަޑަށެވެ. އޭނާގެ ފޯނަށް ގުޅީ އެމީހެއްގެ ކައިވެނީގެ ހަފްލާގައި ޝާމިލުވުމަށް ސާއިދު އައިސް ހުރި އެކުވެރިޔާއެވެ. އޭނާއަށް މެންދުރުގެ ކެއުމަށް ދަޢުވަތު ދިނުމަށެވެ. އޭނާގެ ދަޢުވަތު ޤަބޫލުކުރުމާއިއެކު ސާއިދު ފޯނު ބޭއްވިއެވެ. އެއަށްފަހު ކުޑަކޮން އަރާމުކޮށްލުމަށްޓަކާ ސާއިދު އޭނާގެ އެނދުގައި އޮށޯވެލިއެވެ. އެވަޤުތުކޮޅުގެ ތެރޭގައިވެސް ސާއިދުގެ ވިސްނުމުގައި ވަނީ ސާރާއެވެ. އެހެންނަމަވެސް މިފަހަރު މުޅިން އެހެން ޚިޔާލުތަކަކާއި އެކުގައެވެ. ރޭގައި އޭނާގެ ބައްޕައާއި ދެކެވުނު ވާހަކަތަކާއި، ސާރާއާއި ގުޅުވެމުން ގެންދެވުނެވެ. ސާއިދު ވިސްނަމުން ދިޔައީ ބައްޕަގެ ނަސޭޙަތް ޤަބޫލުކޮށް ސާރާގެ ޚިޔާލު ދޫކޮށްލުމަށެވެ. އެހެނަސް އެއީ އެހާ ފަސޭހަކަމެއް ނޫންކަންވެސް ސާއިދުއަށް އެނގެއެވެ. އެހެނީ، ހިތުގައި އުފެދޭ އިހުސާސަކާއި ޖަޒުބާތެއް ފޮހެލުމަކީ އެހާ ފަސޭހަކަމެއްވެސް ނޫންތާއެވެ. މިފަދަ ޚިޔާލުތަކެއްގައި އޮއްވާ ސާއިދުއަށް ލޯމެރުނީ ކޮންއިރަކު ކަމެއްވެސް ނޭންގުނެވެ. ސާއިދުއަށް ހޭލެވުނީ އޭނާގެ މަންމަ ގޮވާ އަޑަށެވެ. ސާއިދު ލޯ ހުޅުވާލުމުން މެންދުރު ނަމާދު ވަޤުތު ޖެހިއްޖެކަމަށް މަރިޔަމްފުޅު ބުންޏެވެ. ސާއިދު ވަޤުތުން ތެދުވެގެން ގޮސް ފެންވަރާލައިގެން ދިޔައީ މިސްކިތަށެވެ.
މިސްކިތުން ފޭބިގޮތަށް ސާއިދު ދިޔައީ އޭނާގެ ރަޙުމަތްތެރިޔާ މެންދުރު ކެއުމަށް ދަޢުވަތު ދީފައި އޮތުމުން އެގެއަށެވެ. އެގެއަށް ވަނުމާއިއެކު ފެނުނު މަންޒަރުގެ ސަބަބުން، ސާއިދުއަށް އެއްފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. އެހެނީ ސާއިދުގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ސާރާއެވެ. ސާއިދުއަށް ވީގޮތް ސާރާއަށް އެނގުނެވެ. ސާރާގެ އިތުރުން އެތަނުގައި ތިބި ވަރަށްގިނަ މީހުންވެސް އެކަން ފާހަގަކުރިއެވެ. އެހެންނަމަވެސް ސާއިދުއަށް މަރުޙަބާ ކިޔުމުގެ ގޮތުން އެންމެ ފުރަތަމަ ގޮވާލީވެސް ޚުދު ސާރާއެވެ. ސާއިދުއަށް ހީވީ އޭނާއަށް އަދިވެސް ނިދިން ހޭނުލެވެނީ ކަމަށެވެ. އެހެނީ އެގޮވާލުމަށް އިޖާބަނުދީ ސާއިދުއަށް ހުރެވުނީއެވެ. ސާއިދުގެ އެކުވެރިޔާ ޝަމްވީލުގެ ދަޢުވަތަށް އެގެއަށް ހާޒިރުވެ ތިބީ އެދެމަފިރިންގެ ގާތް ބައެކެވެ. ހައްތަހާވެސް އެއް ޢުމުރުފުރައިގެ މީހުންނެވެ. ސާއިދު ހުރިގޮތް ފެނިފައި ޝަމްވީލް އައިސް ސާއިދުގެ އަތުގައި ހިފާފައި ގޭތެރެއަށް ވެއްދިއެވެ. އެތެރެއަށް ވަންނާނީބާ ނުވަތަ ނުވަންނާނީބާ ކަހަލަ ގޮތަކަށް ހުރެގެން ސާއިދު އޭނާގެ ރަޙުމަތްތެރިޔާއާއި އެކީ ގޭތެރެއަށް ވަނެވެ. އެތެރެއަށް ވަދެ، އިށީންދެލުމާއިއެކު، ސާރާއާއި ދިމާއަށް ވައްކަޅިން ބަލައިލިއެވެ. އެހެނަސް އޭނާ އެކަން ކުރީ ގަސްތަކު ނޫނެވެ. ބޭއިޚްތިޔާރުގައެވެ. އޭރު ސާރާ އިނީ ސާއިދުއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ހިނިތުންވުމަކާއި އެކުގައެވެ. ސާރާއަށް އައިސްފާހުރި ބަދަލު، ސާއިދު އައީ ކުރީ ރޭއްސުރެން ފާހަގަ ކުރަމުންނެވެ. އެހެންނަމަވެސް އޭގެ ފަހަތުގައިވާ ހަޤީޤަތެއް ސާއިދުއަކަށް ނޭންގުނެވެ. ސާރާގެ މިޒާޖާއި ގުޅުވައިގެން ވިސްނާނަމަ އޭގެ ފަހަތުގައި ވާނީ ކޮންމެވެސް ލަނޑެއް ދިނުމުގެ ޚިޔާލެވެ. އެއީ ސާއިދުއަކަށް އައުކަމެއް ނޫނެވެ. ސާރާގެ ރޭވުމުގެ ދަށުން ކުރިޔަށް ގެންދާ އެފަދަ ޙަރަކާތްތަކުގެ ޝިކާރައަކަށް ސާއިދު ވެފައިވަނީ މަދެއްކޮށެއް ނޫނެވެ. އެހެނެއްކަމަކު އެއިން އެއްވެސް ކަމަކުން ސަލާމަތްވާކަށްވެސް ސާއިދު މަސައްކަތެއް ނުކުރެއެވެ. ހަމައެހެންމެ އެއިން އެއްވެސް ފަހަރަކު ސާރާ ކުށްވެރި ކުރާކަށްވެސް ސާއިދު ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ސާރާގެ ޢަމަލު މިފަހަރު ހުރިގޮތުން ސާއިދު އެއިންނަނީ ހައިރާންވެފައެވެ. އޭނާގެ ބެލުމުގައިވެސް ހުރީ ތަފާތު ގޮތެކެވެ. ހަރަކާތްތައް ބުނެދެނީ މުޅިން އެހެން ވާހަކައެކެވެ. އެހުރިހާ ކަމަކާއިމެދު ވިސްނާލުމާއިއެކު، ސާރާއާއި ވާހަކަ ދައްކާލުމުގެ ޚިޔާލުވެސް ސާއިދުގެ ހިތުގައި އުފެދިއްޖެއެވެ. އެހެންނަމަވެސް އެފަދަ ޢަމަލެއް ކޮށްގެން ސާރާ ވައްޓާލާ ބޮމުން މުޅި މާޙައުލު ޚަރާބު ވެދާނެ ކަމުގެ ބިރުވެސް ސާއިދުގެ ހިތުގައި އުފެދެން ފެށިއެވެ.
ޝަމްވީލުގެ ދަޢުވަތަށް އެގެއަށް ހާޒިރުވެތިބި ހުރިހާ އެންމެން އެއްކޮށް ކެއުމުގެ ސުފުރާމަތީގައި އިށީނެވެ. ސާރާ އިށީނީ ސާއިދުގެ ކުރިމައްޗަށް ހުރި ގޮނޑީގައެވެ. އެގޮނޑީގައި އެންމެ ފުރަތަމަ އިށީންނަށް އުޅުނީ ޝަފްނާއެވެ. އެހެންނަމަވެސް ސާރާ އޭނާއަށް އިޝާރާތް ކޮށްލާފައި އެގޮނޑި އޭނާއަށް ދޭން ބުނި މަންޒަރު ސާއިދުއަށް ފެނުނެވެ. އެހެންކަމުން އެގޮނޑީގައި ސާރާ އިށީނީ ގަސްތުގައިކަން ސާއިދުއަށް އެނގުނެވެ. ނޭންގޭ ކަމަކީ އޭގެ އަޑިގައިވާ ސާރާގެ ވިސްނުމާއި ރޭވުމެވެ. ސާއިދު އިނީ ކޮންމެވެސް ވަރަކަށް ހާސްވެ، ކަންބޮޑުވެފައެވެ. އެހެނަސް ސާރާ، ސާއިދުއާއި އެހާ ކައިރީގައި އިށީންދެގެން އިނުން އެއީ އޭނާއަށް ފެންނަމުންދާ ކުލަރީތި ހުވަފެނެއް ފަދަ ކަމަކަށް ވިއެވެ. އެހުވަފެނުން ހޭލަންވެސް ސާއިދު ބޭނުންނުވާ ކަހަލައެވެ. ހޭލެވުމަށްފަހު ދެން އޭނާއަށް ކުރިމަތިލާން ޖެހޭނެ ކަމަކާމެދު ވިސްނަންވެސް ބޭނުންނުވާ ކަހަލައެވެ. ސުފުރާމަތީގައި ތިބި އެންމެން ކަހަލަ ގޮތަކަށް ދިޔައީ އެކިކަހަލަ މަޖާ ވާހަކަތައް ދައްކަމުން ސަމާސާއަދަބުތައް އިއްވަމުން ހެމުން ސަކަރާތް ޖަހަމުންނެވެ. ސާއިދުއަށްވެސް އެހެން އެންމެންގެ ހުނުމުގެ އަޑާއި ވާހަކަ ދައްކާ އަޑު އިވެމުން ދިޔައެވެ. އެހެންނަމަވެސް ދައްކަމުން ގެންދިޔަ ވާހަކަތައް ދޭހަވާ ހެނެއް ހިޔެއް ނުވެއެވެ. އެހެނީ އޭނާގެ ނަޒަރު ހުރީ ސާރާއާއި ދިމާއަށެވެ. ހަމަ އެހެންމެ ގިނަ ވަޤުތު ސާރާގެ ސަމާލުކަންވެސް ދެވިފައި ހުރީ ސާއިދުއަށެވެ. އެހެނީ ސާރާ ދިޔައީ، މެދުނުކެނޑި ސާއިދުއާއި ދިމާއަށް ބަލަމުންނެވެ. ސާރާގެ މޫނުމަތީގައި ވަނީ ލުއިލުއި ހިނިތުން ވުމެކެވެ. އެހެން އެއްވެސް މީހަކަށް ފާހަގަނުވާ ވަރަށެވެ. އެހެންނަމަވެސް ސާއިދުއަކަށް އެހިނިތުންވުން ފޮރުވިގެންނެއް ނުދިޔައެވެ. އެހެނީ އެއީ ސާއިދުއަށްވެސް ސާރާއަށް ހިނިތުންވުމެއް ރައްދުކުރަން މަޖުބޫރު ކުރިވިފަދަ ހިނުތުން ވުމެކަށް ވިއެވެ.
ކެއުން ނިންމާލުމަށްފަހު ސާއިދު އޭނާގެ އަތުގައި އަޅާފައި އޮތް ގަޑިޔަށް ބަލައިލިއެވެ. ގަޑިން މިހާރު ދޭއްޖެހުމާއި ގާތްވެއްޖެއެވެ. މެންދުރުފަހު ދެގަޑިބަޔަށް ސާއިދު ބަނދަރަށް ދާން ޖެހެއެވެ. އެހެންނަމަވެސް ސާއިދު މިއަދު ބޭނުން އެވަނީ ގަޑި ހުއްޓޭށެވެ. އެހެނީ އޭނާ އަދި އިތުރަށް ވަޤުތުކޮޅެއް ލިބޭނެ ނަމައޭ ހިތަށް އަރަމުން ދިޔައެވެ. އެހެންކަމުން ގަޑި ބަލައިލުމާއެކު ސާއިދުގެ މޫނުމައްޗަށް ވެރިވީ މާޔޫސްކަމެކެވެ. އެމަންޒަރު ބަލަންހުރި ޝަފްނާ މަޑުމަޑުން ސާއިދުގެ ކައިރިޔަށް ޖެހިލިއެވެ. ”ކަމަކާ ހާދަ ބޮޑަށް ކަންބޮޑުވެފަ ހުރިހެން ހީވެޔޭ.“ ޝަފްނާގެ އަޑަށް ސާއިދު ދިޔައީ ސިއްސައިގެންނެވެ. ”ނޫނޭ ކަންބޮޑެއް ނުވޭ. އެކަމަކު ކޮންމެސް ވަރަކަށް ފޫހިވޭ.“ ފާޑަކަށް ކަރުއެލުވާލާފައި ސާއިދު ބުނެލިއެވެ. ހަމައެއާއިއެކު ސާރާ ހުރި ދިމާއަށް ސާއިދު ބަލައިލިއެވެ. ސާރާ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައި ހުރިހެން ސާއިދުއަށް ހީވިއެވެ. ސަބަބު އޮޅުންފިލުވަންވެސް ސާއިދު ބޭނުންވިއެވެ. އެހެންނަމަވެސް އެކަން ކުރާނީ ކިހިނަކުން ބާއެވެ. އެވަޤުތު ސާއިދުއަށް އަނެއްކާވެސް އިވުނީ ޝަފްނާގެ އަޑެވެ. ”ކޮންކަމަކާ ތިހާ މާޔޫސްވެފަ ތިހުރީ. އަހަރެންނަށް ހާދަ ހީވޭ ކަމެއް އެބަ އުޅޭހެން.“ އެހެން ބުނުމާއިއެކު ޝަފްނާވެސް ބަލައިލީ ސާއިދުގެ ކަޅި ގޮސް ހުއްޓޭ ދިމާއަށެވެ. ކުރިމަތީގައި ހުރީ ސާރާއެވެ. ”އޯ، މީ ދޯ މިވާގޮތަކީ؟ ކީކޭ ސާރާ ކައިރީގަ ބުނަންވީ؟ މި ބުނީ ތިކަމުގަ އަހަރެންނަށް ކޮށްދެވޭނެ ކަމެއް އެބަ އޮތްހޭ؟“ ޝަފްނާގެ ވާހަކަ ނިމެންވާއިރަށް ހާއިރާނުން ފުރިގެންވާ ނަޒަރަކުން ޝަފްނާއާއި ދިމާއަށް ބަލައިލިއެވެ. ”ޝަފްނާ އަނެއްކާ ތި ވިސްނަނީ ކޯޗެއް؟“ އެވަޤުތު ޝަފްނާ ފާޑަކަށް ހީލާފައި ސާއިދުގެ ސުވާލަށް ޖަވާބުދިނެވެ. ”މިތަނުގަ އެހެންމީހަކަށް ފާހަގަ ނުވިޔަސް ސާއިދުގެ ހުރިހާ ޙަރަކާތަކާ ނަޒަރު ހިންގާ ހުރިހާ ދިމާއެއް އަހެރެން އެބަ ފާހަގަކުރަން.“ ”އެހެންވިއްޔާ އޭގެ މާނައަކީ އަހަރެންގެ ނަޒަރު ވަކި ދިމާއަކަށް ހިންގާހެން ޝަފްނާގެ ނަޒަރު އަހަރެންނަށް ހިންގަނީ ކަމަށް އަހަރެން ބަލަންވިއްޔޭތަ؟“ ސަމާސާ ގޮތަކަށް ސާއިދު ބުނެލިއެވެ. ޝަފްނާއަށް ބުނާނެ އެއްޗެއް ނޭންގުނު ކަހަލައެވެ. އެހެނީ ޝަފްނާއަށް ވަޤުތުން އިސްދަށަށް ޖަހާލެވުނެވެ. އެހެންނަމަވެސް ކޮންމެވެސް ޖަވާބެއް ދޭން ޝަފްނާ ވިސްނާލިއެވެ. ”އަހަރެން މި ހުރީ ސާއިދު ކައިރީގަ ދޯ. އެހެންވީމަ އަހަރެންނާއި ވާހަކަ ދައްކަމުން ދާއިރުވެސް، ނަޒަރު އެހެން ދިމާއަކަށް ދަންޏާ، ކައިރީގަ ހުންނަ މީހަކަށް ބަލައިލެވުން އެއީ ނުވެ ނުދާނެ ކަމެއްދޯ.“ ޝަފްނާ ބުނި ވާހަކައަކީ ދޮގެން ނޫންކަން އަންގައި ދިނުމުގެ ގޮތުން ސާއިދު މަޑުމަޑުން ބޯ ޖަހާލިއެވެ. ”އެކެމަކު ޝަފްނާ ތި ބުނީ މުޅިޔަކުން ދޮގެއްވެސް ނޫން. އަހަރެން މިވާހަކަ ޝާފްނާ ކައިރީގަ މިބުނެލަނީ ކުރީ ރޭވެސް ޝަފްނާގެ ވާހަކައިން އަހަރެން ސާރާއާއިމެދު ވިސްނާގޮތް ޝަފްނާއަށް އެނގިފައޮތްކަން އެނގޭތީ. އަހަރެން ކޮންމެސް ވަރަކަށް ސާރާގެ ޙަރަކާތްތަކަށް އެބަ ބަލަން. ފާހަގަކުރެވޭ ކަމަކީ، އަހަރެން މިތަނަށް އައިފަހުން ސާރާގެ ނަޒަރު އަހަރެން ނޫން އެހެން ދިމާއަކަށް ނުދާކަން. އެހެންވެގެން މި ބެލެނީ.“ އެހެން ބުނުމާއިއެކީ ސާއިދު ފާޑަކަށް ހީލާފައި ޝަފްނާއާއި ދިމާއަށް ބަލައިލިއެވެ. ”އަނެއްކާ އޭގެ ފަހަތުގަ އަހަރެންނަށް ލަނޑެއް ދޭން ރާވާ ރޭވުމެއް އޮތީބާއޭވެސް އެބަ ހިތަށް އަރާ.“ ޝަފްނާ ހީލާފައި ސާއިދުގެ ވާހަކައަށް ޖަވާބު ދިނެވެ. ”އަހަރެންނަކަށް ހިއެއްނުވޭ ތިކަހަލަ ކަމެއް އުޅޭހެނެއް. އަހަރެންނަށް ސާރާ އެނގޭ މިންވަރުން ވިއްޔާ އޭނަގެ ބެލުމުގަ އިހުލާސްތެރިކަން އެބަހުރި. މީގެ ކުރިން ސާއިދުއަށް ނަފުރަތުގެ ނަޒަރުން ބެލިޔަސް މިއަދު ހީވަނީ އެހެން ކަމެއް އެބަ އުޅޭހެން.“ ދެމީހުންވެސް ވާހަކަ ދައްކަމުން ގެންދިޔައީ ސާރާއަށް ރެޔަކާލާފާނެ ކަމުގެ ބިރު ހިތުތެރޭގައި ބާއްވައިގެންނެވެ.
ސާއިދުއާއި ޝަފްނާގެ ވާހަކަ ވަކި ހިސާބަކަށް ދިޔަތަނުން، ސާރާ އެމީހުންނާއި ދިމާއަށް މިސްރާބު ޖެހިތަން ޝަފްނާއަށް ފެނުނެވެ. އެކަން ސާއިދުގެ ސަމާލުކަމަށް ޝަފްނާ ގެނައެވެ. ސާއިދު ގަތީ އަމަށަކު ބިރެއް ނޫނެވެ. އަނެއްކާ މިފަހަރު ވައްޓާލާނީ ކިހާވަރެއްގެ ބޮމެއްކަމެއް ނޭންގޭތީއެވެ. އެހެނީ ސާއިދު ހުންނަ މަހެފިލެއްގައި ސާރާ ހުރެއްޖެނަމަ ހާޖާނެއް ނުއުފެދި ދަނީ ވަރަށް މަދު ފަހަރަކުއެވެ. އެހެންނަމަވެސް މިފަހަރު ކަންވީ އެއާއި މުޅިން ޚިލާފަށެވެ. ސާރާ މަޑުމަޑުން ހިނގާލާފައި އައިސް، ޝަފްނާއަށް ގޮވާލިއެވެ. ”ޝަފޫ ކީއްވެތަ އަހަރެންނާ ތިހާ ދުރުގަ މިއަދު ތިއުޅެނީ؟ އަނެއްކާ ޝަފޫ ހިތްހަމަ ނުޖެހޭވަރުގެ ކަމެއް އަހަރެންނަށް ކުރެވުނީތަ؟“ ސާރާގެ އަޑުގައި ވަނީ މަޑުމައިތިރި ކަމެވެ. މޫނުމަތީގައިވަނީ އޯގާތެރިކަމުން ފުރިގެންވާ ލުއިލުއި ހިނިތުންވުމެކެވެ. ވާހަކަ ދައްކަމުން ދިޔައިރު، ކަތި ނަޒަރަކުން ސާއިދުއަށް ބަލަމުން ދިޔަކަން ޝަފްނާއަށް ފާހަގަ ކުރެވުނެވެ. ސާއިދުއަށް އެކަން ނޭންގުނު ނަމަވެސް މެއެވެ. އެހެނީ ސާރާ އައިސް ހުއްޓުނު ވަޤުތުން ފެށިގެން ސާއިދުގެ ނަޒަރު ހުރީ އޭނާގެ ފައިތިލަ ފެންނަ ވަރަށް ތިރިވެފައެވެ. އެހެންނަމަވެސް އެހެން ފަހަރުތަކެކޭ އެއްފަދއިން އެތަނުން ދުރަށް ދާކަށް ސާއިދުގެ ވިސްނުމެއް ނެތެވެ. ކީއްވެގެން ކަމެއް ޚުދު ސާއިދުއަކަށްވެސް ނޭންގުނެވެ. ސާރާގެ ސުވާލުތަކަށް ޝަފްނާ ޖަވާބު ދެމުން ގެންދިޔައިރުވެސް ސާރާގެ ނަޒަރު ހުރީ ސާއިދުއާއި ދިމާއަށްކަން ޝަފްނާ ފާހަގަ ކުރިއެވެ. ޝަފްނާ ދައްކަމުން ގެންދިޔަ ވާހަކަ ސާރާއަށް އެނގުން ނުވާހެން ހީވެގެން ޝާފްނާ، ސާރާއަށް ގޮވާލިއެވެ. ”ސާރާ!“ ސާރާ ދިޔައީ ސިއްސައިގެންނެވެ. އެވަޤުތު ސާއިދުވެސް އޭނާގެ އިސް އުފުލާލުމާއިއެކު ސާރާގެ ހަރަކާތަށް ބަލައިލިއެވެ. އެހެނަސް ބޭއިޚްތިޔާރުގައެވެ. ”ކީކޭ ޝަފޫ؟“ ޝަފްނާއަށް ލިބުނު ހައިރާން ކަމާއިއެކީ ސާރާއާއި ސުވާލިކުރިއެވެ. ”އަސްލު އަހަރެންނަކަށް ނޫންކަންނޭންގެ ބަދަލެއް އައިސްގެން މިއުޅެނީ. ސާރާ ބުނެބަލަ ކޮބައިތަ އަހަރުމެންގެ ސާރާ؟ ކުރިން ވާހަކަ ދައްކާ މަޖާކުރާހެން މިއަދު ކީއްވެ އެކަން ނުކުރަނީ؟“ ޝަފްނާގެ ސުވާލުގެ ޖަވާބުގައި ސާރާ އިސްދަށަށް ޖަހާލިއެވެ. އެސުވާލަށް ޖަވާބުދެމުންނެވެ. ”ބައެއް ފަހަރަށް ހަނުހުރުން މާ ބުއްދިވެރި ވާނެކަމަށް އަހަރެންގެ ހިތް ބުނާތީ މިއަދު ހިތަށްއެރީ އެހާބޮޑަށް އަނގަ ނުތަޅަންކަމަށް.“ އެހެން ބުނުމާއިއެކުވެސް ސާރާ ބަލައިލީ ސާއިދުއާއި ދިމާއަށެވެ. އެވަޤުތު ލުއިލުއި ހިނިތުން ވުމަކާއިއެކު ސާއިދު އެތަނުން ދުރަށް ދިޔުމަށް ހިނގައިގަތެވެ. ދެ ރަޙުމްތްތެރިންގެ ވާހަކައަށް ހުރަސް އަޅަން ބޭނުންނުވާތީ ކަހަލަ ވިސްނުމެއްގައެވެ. ”ސާއިދު.“. ސާއިދު ހިނގައިގަންނަށް އެނބުރިލި ފިޔަވަޅު މައްޗަށް ހުއްޓުން އެރިއެވެ. ސާރާގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނުހެން ހީވެގެންވެސް މެއެވެ. އޭނާގެ މުޅި ޢުމުރުގައިވެސް ނަފުރަތާއި ރުޅިވެރިކަމެއް ނެތި ސާރާ ގޮވާލި އަޑު ފުރަތަމަ ފަހަރަށް އިވުމުންނެވެ. ސާއިދުއަށް ޤަބޫލުކުރަން ދަތިވިއެވެ. ހަމައެހެންމެ ޝަފްނާއަށްވެސް ލިބުނީ ހައިރާންކަމެކެވެ.
ސާއިދު އެނބުރިލާފައި ސާރާއާއި ދިމާއަށް ބަލައިލިއެވެ. ”ސަ…ސާ.. ސާރާ ތިގޮވާލީ އަހަރެންނަށްތަ؟“ އަމިއްލަ މޭގައި އަތްއަޅާލަމުން ސާއިދު، ސާރާއާއި ސުވާލުކޮށްލިއެވެ. ޝަފްނާ ހުރީ ސާރާގެ ޖަވާބަކަށް އިންތިޒާރު ކޮށްގެންނެވެ. ހައިރާންކަން މަތީގައެވެ. ”އާން، އަހަރެން މި ގޮވާލި ސާއިދުއަށް. އަނެއްކާ އަހަރެންނަށް މިކުރެވުނީ ޤާނޫނީ ކުށެއްތަ؟ ސާމާސާ ރާގަކަށް އެހެން ބުނެލުމާއިއެކު ސާރާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ”އަސްލު އަހަރެން މިގޮވާލީ އަހަރެން ސާއިދުގެ ކިބައިން މަޢާފަށް އެދެން ބޭނުންވާތީ.“ މިފަހަރުވެސް ޝަފްނާ އެހުރީ، ސާރާ އެބުނި އެއްޗެއްގެ އިތުރު ތަފްސީލެއް ލިބޭނެކަމުގެ އިންތިޒާރުގައެވެ. ހަމައެހެންމެ ސާއިދުވެސް އެހުރީ އެފަދައިންނެވެ. ”އަހަރެން ޤަބޫލުކުރަން އަހަރެން ސާއިދުއަށް ވަރަށް އެއްޗެހި ކިޔަންކަމަށް. ވަރަށް ކުޑައިރުއްސުރެން. އެކަމަކު އަހަރެންގެ ބޭޢަދަބީ އެއްވެސް ކަމަކަށް ސާއިދު އަހަރެންނަށް ގެއްލުންވާނެ އެއްވެސް ކަމެއް ދުވަހަކުވެސް ނުކުރޭ. ނުވިތާކަށް އަހަރެންނާއި އިދިކޮޅަށް އެއްވެސް ބަހެއްވެސް ނުބުނޭ. އަމިއްލަ މީހާއަށް ޢަދަބެއް ލިބުނަސް އެކަންވެސް ހިތުން ރުހުމުން ބަލައިގަނޭ. އެންމެފަހުން އިހަކަށްދުވަހުވެސް ކަންތައްކުރީ ހަމަ އެހެން.“ ސާރާގެ ވާހަކަ އެހާ ހިސާބަށް ދިޔުމުން ޝަފްނާއަކަށް ކެތެއް ނުވިއެވެ. އަދި މަޑުމަޑުން ކުރިޔަށް ޖެހިލާފައި އަތުގެ ނުފުށުން ސާރާގެ ނިތްކުރި މަތީގައި މަޑުމަޑުން އަތް ބާއްވާލިއެވެ. ”ސާރާ އޯކޭތަ؟“ ސާއިދުވެސް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އެހެންނަމަވެސް ޝަފްނާގެ އެފަދަ ޙަރަކާތަކުންވެސް ސާރާގެ ބޮޑާވެރިކަމާއި ރުޅިވެރިކަން ދައްކާކަށް ނޫޅެއެވެ. އެއާއި ޚިލާފަށް ސާރާ ޖަވާބު ދިނީ ވަރަށް މަޑުމައިތިރި ކަމާއިއެކީގައެވެ. ”އަހަރެން ހަމަ ރަނގަޅު. އެއްވެސް ކަމެއް ނުވޭ. އެކަމަކު އަހަރެން މި އައީ ސާއިދުއާއިމެދު މިއޮއް ހުރިހާ ދުވަހު އަހަރެންނަށް ކުރެވިފައިއޮތް ކުށްހީ ފިލައިގެން ދިޔައިމަ އަހަރެންގެ ހިތުގަވެސް ސާއިދުއާއިމެދު އެއްވެސް މައްސަލައެއް ނެތްކަން އަންގާ، އަހަރެން ކަންތައް ކުރި ގޮތަށް މަޢާފަށް އެދެން ވެގެން. ސާއިދު އަހަރެންނަށް މަޢާފް ކުރާނަންދޯ.“ ދޭނެ އެއްވެސް ޖަވާބެއް ނޭންގިފައިހުރި ސާއިދުއަށް ކޮށްލެވުނީ ހަމަ އެންމެ ސުވާލެކެވެ. ”ކޮންކަހަލަ ކުށްހީއެއް؟“ ”އަހަރެން އަބަދުވެސް ހީކުރަމުން އައީ ސާއިދު އުޅެނީ އަހަރެންގެ ފަހަތުން ކަމަށް. އެކަމަކު…“ ސާރާގެ ވާހަކަ އެހާ ހިސާބަށް ދިޔުމުން ޝަފްނާއަށް ކެތްނުވެގެން ސުވާލު ކޮށްލިއެވެ. އޭނާއަށް ސާރާ އެނގޭ މިންވަރަށް ބަލާނަމަ ހަމަ ޔަޤީނުންވެސް ސާރާއަށް މިހާރު އެހުރީ ކުށްހީއެއް ކުރެވިފައެވެ. ކޮންކަމަކާ ކަމެއް ނޭންގުނަސްވެސް މެއެވެ. ”އެކަމަކު ކޯޗެއް؟“ އޭގެ ޖަވާބުގައި ސާރާ ލުއިލުއި ހިނިތުން ވުމަކުން ޝަފްނާއާއި ކުރިމަތި ލިއެވެ. ”އެކަމަކު އަހަރެންނަށް މިހާރު އެނގިއްޖެ ސާއިދު ބޭނުންވަނީ އަހަރެންނެއް ނޫންކަން. އަހަރެން ބޭނުންވާ މީހެއްގެ ކިބައިގަ ހުންނަންވާ ޝާރުތުތަކަކީވެސް ސާއިދުއަށްވެސް ސިއްރުވެފައި އޮންނާނެ އެއްޗެއް ހެނެއް އަހަރެންނަކަށް ހިއެއް ނުވޭ.“ ސާރާގެ ވާހަކަ އަޑުއިވިފައި ސާއިދުގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. ”ސާރާގެ ބައިވެރިއެއްގެ ކިބައިގަ ހުންނަށްޖެހޭ ޝަރުތު ތަކަކީ މުޅި ރަށަށް އެނގޭ އެއްޗަކަށް ވާއިރު އެކަން އަހަރެންނަކަށްވެސް ސިއްރެއް ނުވާނެ ދޯ. އެކަމަކު ދެން ތިބުނި ވާހަކަ އަހަރެންނަކަށް ނުވިސްނުނު. އަހަރެން ކާކު ބޭނުން ވެގެން މިއުޅެނީއޭ ތިބުނީ؟“ ސާއިދުގެ ސުވާލަށް ސާރާ ޖަވާބުދިނީ ހީލާފައެވެ. އެހާމެ ހަމަޖެހިލާފައެވެ. ”ދެން ސާއިދުވެސް ދައްކާ ވާހަކަ. އަހަރެންނަށް ނޭންގޭނެ ކަމަށްތަ ތިހެން ތި އަހަނީ. މި ހުރީނު ކުރިމަތީގަ. އަހަރެންގެ އެކުވެރި ޝަފޫ. ސާއިދު، ޝަފޫއާ ވާހަކަ ދައްކާއިރު އެހުންނަ އޯގާތެރިކަމާ ގާތްކަމުން އެކަން ވަރަށް ރަނގަޅަށް ހާމަވެސް ވޭ. މައްސަލައަކީ އެންމެ ގާތް އެކުވެރިޔަކަށްވެ ހުރެ ޝަފޫ އަހަރެންނަށް އެކަން ސިއސްރުކޮށްފަ ބޭއްވީމަ.“ ޝަފްނާ ކައިރިޔަށް ކޮންމެވެސް ވަރަކަށް ރުޅި އާދެވޭގޮތްވިއެވެ. އެގޮތުން ސާރާއަށް އޭގެ ޖަވާބުދޭން ޝަފްނާ އަނގަ ހުޅުވާޅި ވަޤުތު ސާއިދު އެތަނުން ދުރަށް ދިޔުމަށް ހިނގައިގަތެވެ. ހިތްހަމަ ނުޖެހުމާއި ރުޅިއާއި ދެރަވުން ފަދަ މަސްހުނި އިހުސާސްތަކަކާއި އެކުގައެވެ.
- ނުނިމޭ –






