ޑޮނަލްޑް ޓްރަމްޕްގެ ވައިޓް ހައުސްގައި އަރަބި އަދި އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއެކު ބޭއްވި ”ޞުލްޙައިގެ މަޖިލިސް“ އަކީ މެދުއިރުމައްޗަށް އާ އުންމީދުތަކެއް ގެނެސްދޭނެ ކަމަށް ބުނެ އިޝްތިހާރުކުރެވުނު ބައްދަލުވުމެކެވެ. ނަމަވެސް، މި ބައްދަލުވުމަށް ފަހު ފާއިތުވި މަސްތަކުން ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށް، ހުޅަނގު އައްސޭރީ ހިފައި އެތާނގައި ހިންގާ ލާއިންސާނީ އަމަލުތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
އިސްރާއީލުގެ ސަރުކާރުން މިހާރު ވަނީ ހުޅަނގު އައްސޭރީގެ ބިންތައް އެއްވެސް ހުރަހަކާ ނުލައި ޔަހޫދީންނަށް ގަނެވޭނެ މަގު ފަހިކޮށްދީފައެވެ. މީގެ އިތުރުން، ފަލަސްޠީނުގެ ސަރުކާރުގެ ބާރުގެ ދަށުގައި ހުރި ސަރަޙައްދުތަކަށްވެސް އިސްރާއީލުގެ ބާރު ފޯރުވުމަށް ވަނީ ނިންމާފައެވެ. މި ނިންމުންތަކަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުންނާއި އދ. އިން ކަންބޮޑުވުން ފާޅުކުރަމުންދާ ކަންކަމެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އިންޒާރު ދެއްވާފައިވާ ގޮތުގައި، މި އަމަލުތަކުގެ ސަބަބުން ދެ ދައުލަތުގެ ހައްލަށް އޮތް ފުރުޞަތު އެއްކޮށް ގެއްލިގެންދާނެއެވެ.
އިސްރާއީލުގެ މި އަމަލުތައް ކުށްވެރިކޮށް މުސްލިމުންނާއި އަރަބި ޤައުމުތަކާއި ހުޅަނގުގެ ބާރުތަކުން ބަޔާންތައް ނެރުނު ނަމަވެސް، އޭގެން ނުކުންނަ ނަތީޖާއެއް ނެތެވެ. އަނެއްކޮޅުން ހަމަ އެގައުމުތަކުން ދަނީ އެމެރިކާއާއެކު އެއް މޭޒަކަށް އަރައި ތްރަމްޕް ރުއްސުމަށްޓަކައި އޭނާގެ އާއިލާއަށް ޣައްޒާ ކުޑަ އަގެއްގައި ވިއްކާލުމަށް އެއްބަސްވަމުންނެވެ.
މިހާރުވެސް ބައިލައްކައަށްވުރެ ގިނަ ޔަހޫދީ ވަޒަންވެރިން ހުޅަނގު އައްސޭރީގެ ޣައިރުޤާނޫނީ އާބާދީތަކުގައި ދިރިއުޅެމުން ދެއެވެ. ޖެނޮސައިޑް ސަރުކާރުގެ އާ ޤަވާއިދުތަކުގެ ސަބަބުން ފަލަސްޠީނުގެ ބިންތައް ފޭރުމުގެ މަސައްކަތް ވަނީ މިހާރު އަވަސް ވެފައެވެ.
މިކަން ހުއްޓުވުމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އދ. ގެ ސަލާމަތީ މަޖިލީހަށް ގޮވާލެއްވި ނަމަވެސް، އެދެވޭ އެއްވެސް އިޖާބައެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
އިސްރާއީލުގެ ސަރުކާރުގެ ތެރޭގައި ތިބި ޓެރަރިޒަމަށް ހިތްވަރުދޭ ހަރުކަށި ވަޒީރުން، ކަމަށްވާ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ފަދަ ޓެރަރިސްޓުން ފާޅުގައި ބުނަމުންދަނީ ފަލަސްޠީނުގެ ދައުލަތެއް އުފެދުމުގެ ފުރުޞަތު އެއްކޮށް ނައްތާލަން ޖެހޭނެ ކަމަށެވެ. މިއީ ހަމައެކަނި ސިޔާސީ ނިންމުމެއް ނޫން ކަމަށާއި، މިއީ ވަކި ފިކުރެއްގެ ދަށުން ރޭވިގެން ހިންގާ ކަމެއްކަން މިފަދަ ބަސްތަކުން ހާމަވެއެވެ.
އިސްރާއީލުގެ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ’ޕީސް ނައު‘ އިން ބުނާ ގޮތުގައި، މިއީ ފަލަސްޠީނުގެ ސަރުކާރުގެ ބާރުކަނޑުވާލައި އެ އިދާރާ އުވާލުމަށް ކުރާ މަސައްކަތެކެވެ.
ހުޅަނގު އައްސޭރީގެ ބިން އިޒްރޭލުން ހިފަމުންދާއިރު މުސްލިމުން ދަނީ ޓްރަމްޕަށް ޣައްޒާގެ ބިންތައް ހަވާލު ކުރަމުންނެވެ. އަދި ހަމާސްގެ ހަތިޔާރު އަތުލައި ފަލަސްޠީނުގެ މިނިވަންކަމަށް ބައިނަލްއަގްވާމީ ގާނޫނުން ހުއްދަ ކުރާ ހަތިޔާރު އުފުލުގެ މިނިވަންކަން ނިގުޅައި ގަތުމަށް އިންޑޮނޭޝިއާއާއި ޕާކިސްތާނުން ދަނީ ތާއީދު ކުރަމުންނެވެ. އިންޑޮނޭޝިއާއިން 20 ހާސް ސިފައިން ޣައްޒާއަށް ފޮނުވުމަށް ދަނީ ތައްޔާރު ވަމުންނެވެ.
ހުޅަނގު އައްސޭރިއާއި ގައްޒާގެ ބިން ފޭރިގަތުމުގެ އިތުރުން ފަލަސްޠީނުގެ ދީނީ އަދި ތާރީޚީ ބިނާތަކަށްވެސް އިސްރާއީލުން ދަނީ އަތްގަދަކުރަމުންނެވެ. އެގޮތުން ޚަލީލް ސިޓީގައި ހުންނަ އިބްރާހީމީ މިސްކިތް، ފަލަސްޠީނުގެ އައުޤާފް އިދާރާގެ ބާރުގެ ދަށުން ނަގައި، ޔަހޫދީ ދީނީ މަޖިލީހެއްގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ. މި ކަމާ ގުޅިގެންވެސް އިސްލާމީ ގައުމަކުން ދެކޮޅުވެރިކަން ދައްކާފައެއް ނުވެއެވެ. މިއީ ޚަލީލު ސިޓީން އިސްލާމީ ޝަޚުސިއްޔަތު ފޮހެލުމަށް ކުރެވޭ ވަރަށް ނުރައްކާތެރި ޔަހޫދީ މަސައްކަތެކެވެ.
ޖުމްލަކޮށް ބަލާއިރު، ވައިޓް ހައުސްގައި ބޭއްވުނު ”ޞުލްޙައިގެ މަޖިލިސް“ އަކީ ހަމައެކަނި ކަން ދެއްކުމަށް މުސްލިމުންނާއި އަރަބިން ކޮށްފައިވާ ދެއްކުންތެރިކަމެކެވެ. އޭގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް ލިބުނު އެއްވެސް ލުޔެއް ނެތެވެ.
ޝަރަމުއްޝައިޚުގައި ޓްރަމްޕަށް މުސްލިމުން ޚުޝާމަދުކޮށް ބޭއްވި ސުލްހައިގެ ބައްދަލުވުމަށްފަހުވެސް މެމނު ނުކެނޑި ޒަޔަނިސްޓުން ދަނީ ޖެނޮސައިޑް ހިންގަމުންނެވެ.
އޭގެ ބަދަލުގައި އިސްރާއީލުން ދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ބިންތައް ފޭރި، ފަލަސްޠީނުގެ ދައުލަތެއްގެ އުންމީދު ފުނޑުފުނޑު ކުރަމުންނެވެ. އަރަބި އަދި އިސްލާމީ ޤައުމުތަކުން ހަމައެކަނި ބަޔާންތަކުން ފުއްދާނުލައި، ޢަމަލީ ގޮތުން އިސްރާއީލު ހުއްޓުވުމަށް މަސައްކަތް ނުކުރާހާ ހިނދަކު، މި އަނިޔާވެރިކަން ނިމުމަކަށް އަންނާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ.






