ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝަވަރާއަށް ވަޑައިގަންނަވަންދެން މަގުމަތީގައި މުޒާހަރާ ކުރުމުގައި ދެމިތިބޭނޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ބޭއްވި މަގުމަތީ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، ޑަބްލިޔުޑީސީގެ އިންތިޚާބާއި، ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ވަނީ ރައީސް ޑރ. މުޢިއްޒަށް ޖަވާބު ދީފައި ކަމަށެވެ.
ރައްޔިތުން ބޭނުންވަނީ ވީހާވެސް ގިނައިން އިންތިޚާބު ބާއްވައި ސިޔާސީ ބޭފުޅުން ރައްޔިތުން ގާތަށް ވީހާވެސް ފިނައިން ވަޑައިގަންނަވަން ކަން (ފެންނަ ނުފެންނަ ވޯޓުން) ސާބިތުކޮށްދީފި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
”ރައްޔިތުންގެ ޖަވާބު ވަރަށްސާފު. އެމީހުން ބޭނުންވަނީ އެމީހުންގާތަށް ސިޔާސީ ލީޑަރުން ގިނަގިނައިން ދިޔުމަށް. ގާނޫނުއަސާސީގައި މިސިފަތައް އެބަ އަންނަންޖެހޭ. ދިވެހިރާއްގޭ އޮނިގަނޑު ބަދަލުވާންޖެހޭ،“ ރައީސް ނަޝީދު ވިދާޅުވިއެވެ.
”ސަރުކާރަށާއި ރައީސް މުޢިއްޒަށް އަޅުގަނޑު މިގޮވާލަނީ ވަޑައިގަންނަވާށޭ މޭޒު ދޮށަށް. މަޝްވަރާ ފަށްޓަވާށޭ. މިރާއްޖެ ދޫކޮށްލެވޭކަށް އަޅުނޑުމެންނަކަށްނެތް. ރައްޔިތުންނަށް ލިބެންވާ ހައްގުތަކާއި ތަނަވަސްކަމާއި، ހިތްހަމަޖެހުންވެސް ހޯދައިދިނުމަކީ އަޅުގަނޑުމެންގެ ވެސް ވާޖިބެއް. ރައީސް މުޢިއްޒު މަޝަވަރާގެ މޭޒަށް ވަޑައިގަންނަވާ. ނޫނީ އަޅުގަނޑުމެން ތާއަބަދު މިމަސައްކަތް ކުރުމުގާ މަގުމަތީގައި ދެމިތިބޭނަން،“ ނަޝީދު ވިދާޅުވިއެވެ.






