މިހިނގާ ފެބްރުވަރީ ވިހި ވަނަ ދުވަހުން ފެށިގެން ކޮންމެ ހުކުރު ދުވަހަކު ތެލަސީމިއާ ސެންޓަރުން ޚިދުމަތް ލިބޭނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ 1994 ވަނައަހަރު ޑިސެމްބަރ 29 ވަނަ ދުވަހު އެ ސެންޓަރު ހުޅުވިފަހުން، ފާއިތުވި 31 އަހަރުގެ ދިގު ތާރީޚުގައި ރަސްމީކޮށް ހުކުރު ދުވަހި އެ ސެންޓަރު ހުޅުވައި ޚިދުމަތް ދީފައިނުވާ ކަމަށެވެ.
”ނަމަވެސް، 20 ފެބްރުވަރީ 2026 ވީ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގައިވެސް ތެލަސީމިއާ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ޚިދުމަތް ދޭން މިވަނީ ފަށާފައި. 20 ފެބްރުއަރީ 2026 ވި ހުކުރު ދުވަހުވެސް ޖުމްލަ 14 ޓްރާންސްފިއުޝަން ހެދި 5 ފަރާތަކުން ލޭހަދިޔާކޮށްފައިވޭ،“ ރައީސް ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ މި ރަމަޟާން މަސް ނިމުމުންވެސް ހުކުރު ދުވަހު، ވަކި ގަޑިތަކެއްގައި ލޭއެޅުމުގެ ޚިދުމަތް އެތަނުން ދެއްވާނޭ ކަމަށެވެ. މީގެ ސަބަބުން އަތޮޅުތަކުން ހަފްތާ ބަންދުގައި މާލެ އައިސް ލޭ އަޅަން ބޭންންވާ ފަރާތްތަކަށާއި، ލޭ ހަދިޔާކުރާ ފަރާތްތަކަށްވެސް ހުކުރު ދުވަހު ލޭ ހަދިޔާކުރަން އައުމަށް ފަސޭހަވެގެންދާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.






