މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި މީހަކު 75 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކޮށްފިއެވެ. ފުލުހުން ވިދާޅުވެފައިވަނީ އެމީގާގެ މައްޗަށް މި ޙުކުމް އިއްވާފައިވަނީ މި މަހު 24 ވަނަ ދުވަހު ކަމަށެވެ. އެމީހާ 75 އަހަރަށް ޖަލަށްލުމަށް ހުކުމްކުރުމުގެ އިތުރުން ތިން ލައްކަ ރުފިޔާއިން ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ. މި ޙުކުމް އިއްވާފައިވަނީ ޏ. ފުވައްމުލައް / ދޫޑިގަން، ގަސްދޮށުގެ، ޢަބްދުލްބާސިޠު (28އ)ގެ މައްޗަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޢަބްދުލްބާސިޠު ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ނެޓްވޯކްތަކާ ދެކޮޅަށް 2024 ވަނަ އަހަރު ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ 2024 އޭޕްރީލް 27 ވަނަ ދުވަހު އެވެ. ހައްޔަރުކުރުމަށްފަހު އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2024 ޖޫން 11 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ކުރަމުންދިޔަ ތަހުގީގުގެ ތެރެއިން، ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ނެޓްވޯކްގެ އިސްފަރާތްތައް ހިމެނޭހެން، އެ ނެޓްވޯކްތަކާ ގުޅުން ހުރި 174 މީހުން އެކި ދުވަސްމަތިން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި އެ މީހުންގެ މައްޗަށް 188 މައްސަލަ ތަހުގީގުކުރެވި 78 މައްސަލަ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވެއެވެ.
ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ކަމުގެ ތުހުމަތުކުރެވޭ ދެ ނެޓްވޯކްގެ އިސްފަރާތްތަކާ މެދު ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެގޮތުން، ޢަބްދުލްބާސިޠުގެ ނަމުގައި ބެންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކަށް އެކި ފަރާތަކުން ތިންމިލިއަނަށް ވުރެން ގިނަ ރުފިޔާއާއި ނަވާރަހާހަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ މުއާމަލާތްކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މި ފައިސާގެ މުއާމަލާތްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއާމަންޓްގައި ކަނޑައަޅާފައިވާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި، މިއީ ލިބުނު ބޮޑު ކުރިއެރުމެއްކަމުގައި ވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.






